އިމްރާން އަބްދުﷲ

ހަލަބޮލިކަމުގެ ތެރެއިން ރައީސް އިސްކުރައްވަނީ މަޑުމައިތިރިކަން: އިމްރާން

ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލިވެފައި އޮތްއޮތުމާއި އަދި އިގްތިސޯދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދަނޑިވަޅުގަނޑުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކުވައިދެއްވަނީ މަޑުމައިތިރިކަމާއި އިހްލާސްތެރިކަން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރަށް ތިން އަހަރު ވެގެންދާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެނިގެންދަނީ އަމާންކަމާއި ރައްކާތެރިކަމާއި އަދި މަޑުމައިތިރިކަން އިސްކޮށްގެން، ދިވެހި ސަރުކާރު ހިންގުމުގައި ހުރިހާ ރައްޔިތުން ޝާމިލްވާ ގޮތަށް ވެރިކަން ހިންގޭނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ. ރާއްޖޭގައި ސިޔާސީ މައިދާން ހަލަބޮލިވެފައިވެ އިގްތިސޯދަށް ބޮޑެތި ގޮންޖެހުންތަކާއި ނުތަނަވަސްކަމާއި ދަތިތައް އޮތް ނަމަވެސް ރައީސް އިސްކުރައްވަނީ ކެތްތެރިކަމާއި މަޑުމައިތިރިކަން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޖޫމްހޫރީ ވެރިކަމުގެ ނިޒާމުގެ ތެރެއިން ލާމަރުކަޒީ ނިޒާމް ތައާރަފުވުމާއެކު އެ ނިޒާމް ހަރުދަނާކޮށް އައި ނިޒާމްގެ ސިފަތައް ފުރިހަމަކުރުމަށް ރައީސް ސޯލިހު ވަރަށް ފުރިހަމައަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން 2013 ވަނަ އަހަރު ޖުމްހޫރީ ވެރިކަމުގެ ނިޒާމުގައި ޖެހުނު ކުޑަ ގޮށެއްގެ ސަބަބުން ޖުމްހޫރީ ދުވަހަށް ވަނީ ކޮންމެވެސް ވަރެއްގެ ކިލަނަބަކާ އައިބުކަމެއް އައިސްފަ. އަޅުގަނޑު ޔަގީންކުރަނީ ﷲ ގެ ރަހުމަތްފުޅާއެކު 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ގޮށް މޮއްސަވައިދެއްވާ ޖުމްހޫރީ ދުވަހުގެ ހައިބަތާ ގަދަރާ ޝަރަފް އަނބުރާ ގެނެސްދެއްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ޖުމްހޫރީ ނިޒާމަކަށް ބަދަލުވެގެން ދިޔަ ދިޔުމަކީ ދިވެހިންގެ ހޭލުންތެރިކަމާއި ވިސްނުން ބަދަލުވެގެން އައި މިންވަރު ރީތިކޮށް ރަމްޒުކޮށްދޭ ހެއްކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން އައި ގޮތް ހިއްސާކުރައްވާ އިމްރާން ވިދާޅުވީ ޖުމްހޫރިއްޔަތަކަށް ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ދިޔުމަކީ ދިވެހިންގެ ތެރޭގައި ޒަމާނަށް އަންނަ ބަދަލުތަކަށް އޮތް ލޯތްބާއި ކުރިއަށް ދިޔުމަށް އެކުގައި މަސައްކަތްކުރިކަން ދައްކައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

ދިވެހިންގެ އިގްތިސާދަށް ތަފާތު ބަދަލުތައް ގެނެސް، ދިވެހިން އެކުވެ ޝާމިލްވެ އަދި އެންމެން ގުޅިގެން ހިންގާ ވެރިކަމުގެ ނިޒާމެއް ރާއްޖެއަށް ގެނައީ ރައްޔިތުންގެ ބުރަ މަސައްކަތުގެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ޖުމްހޫރީ ވެރިކަން ނަގުލުކޮށް އަންނަން އިތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަލުގަނޑުމެންގެ ޖިންމާއެއް ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވަނީ ގައުމާ މުހާތަބު ކުރައްވާފަ އެވެ. އަދި ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ އިނާމު ދެއްވާފަ އެވެ.