އިމްރާން އަބްދުﷲ

ޖުމްހޫރީ ވެރިކަމެއް ދެމި އޮންނާނީ ރައްޔިތުންގެ ލޯތްބާއެކު: އިމްރާން

އިއްޔެ ގައުމު ހިންގަން ތިއްބެވި ބޭފުޅުންނާމެދު މިއަދު ވާހަކަ ދެކެވެމުންދާއިރު، މިއަދު ގައުމު ހިންގަވަން ތިއްބަވާ ބޭފުޅުންނާއި މެދު މާދަމާ ވާހަކަ ދެކެވޭނެކަން ދެކި، ރައްޔިތުންގެ ލޯބި ލިބޭނެ ގޮތަށް ޖުމްހޫރީ ވެރިކަމެއް ބައްޓަންކުރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މިރޭ ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގެ މިލްކުވެރިންނަކީ ރައްޔިތުން ކަމަށާ ވެރިކަމުގެ ހަގީގީ މަންފާ ލިބެންޖެހޭ ފަރާތަކީވެސް ރައްޔިތުން ކަމަށެވެ.

ހަގީގީ ޖުމްހޫރީ ވެރިކަމެއް ދެމި އޮންނާނީ ރައްޔިތުންގެ ލޯތްބާއެކު ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"ހަގީގީ ޖުމްހޫރީ ވެރިކަމެއް ދެމި އޮންނާނީ އެ ވެރިކަމަކަށް ރައްޔިތުންގެ ލޯތްބާ ކުލުނު ލިބޭހާ ހިނދަކު. ޖުމްހޫރީ ވެރިކަމެއްގެ އަސާސަކީ ރައްޔިތުން ކަމުގައިވީ ހިނދު ވެރިންގެ ފަރާތުން ރައްޔިތުންނަށްޓަކައި އަދާކޮށްދޭންޖެހޭ ހައްގުތަކަކާ ދޭންޖެހޭ ޚިދުމަތްތަކެއް ވެރިންގެ މައްޗަށް ވާފަދައިން، ރައްޔިތުންގެ މައްޗަށްވެސް ވެރިންނަށްޓަކައި އަދާކުރަންޖެހޭ ޒިންމާތަކަކާ މަސްއޫލިއްޔަތެއްވާކަން ކަށަވަރު." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ހަމަޖެހޭ ވެރިކަމެއް ދެމި އޮންނާނީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާއި، ފަރުދުންގެ ޒިންމާތައްވެސް ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި ދައުލަތުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ދިނުމާއި، ހަމަޖެހޭ މުޖްތަމައެއް ބިނާކުރުން ކަމަށެވެ. އެކަންކަން ކުރެވޭނީ ރައްޔިތުންވެސް އެ ރައްޔިތުންގެ ފުރިހަމަ ޒިންމާ އުފުލައިގެން ކަމަށް ވިދާޅުވިއެވެ.

"އިއްޔެ ގައުމު ހިންގަން ތިއްބެވި ބޭފުޅުންނާމެދު މިއަދު ވާހަކަ ދެކެވެމުންދާ ހިނދު މިއަދު ގައުމު ހިންގަވަން ތިއްބަވާ ބޭފުޅުންނާއި މެދު މާދަމާ ވާހަކަ ދެކެވޭނެކަން ހަނދުމަ ބަހައްޓައިގެން ރައްޔިތުންގެ ލޯބި ލިބޭނެ ގޮތަށް ޖުމްހޫރީ ވެރިކަމެއް ބައްޓަންކުރުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް."

އިމްރާން ވަނީ ހަގީގީ ޖުމްހޫރީ ވެރިކަމުގެ އަސާސްތައް ވަޅުޖެހުމުން ދަނިކޮށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްހޫރީ ވެރިކަމެއްގެ ސިފަތައް ދެމެހެއްޓުމަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.