ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފުލުހުން ރޭ ފާސްކުރީ ނާޒިމަށް ދޭންޖެހޭ އިހްތިރާމާއި ގަދަރު ދީގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނާޒިމްގެ އަނބިކަނބަލުންގެ ގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓާއި އެގޭގެ އިތުރު އެހެން އެޕާޓްމެންޓެއް ފާސްކުރި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސްގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ދެ އެޕާޓްމެންޓް ތެރެއިން އެއް އެޕާޓްމެންޓަކީ މިނިސްޓަރު ނާޒިމްގެ އެޕާޓްމެންޓްކަން ފުލުހުންނަށް އެނގުނު ހިސާބުން އެތަން ފާސް ކުރުމުގައި ނާޒިމަށް ދޭންޖެހޭ އިހްތިރާމާއި ގަދަރު ދީފައިވާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި އިންސާނީ ކަރާމަތަށް އުނިކަން ލިބޭފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް އެގެއަށް ވަނުމަށް އެކަށީގެންވާ ބާރުގެ ބޭނުން ފުލުހުން ކޮށްފައިވާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލައާ ގުޅޭ ލިޔުންތަކެއް އޭގެ ތެރެއިން އެއް އެޕާޓްމެންޓުން ވަނީ ފެނިފަ އެވެ. ނަމަވެސް އެއީ މިނިސްޓަރު ނާޒިމްގެ އެޕާޓްމެންޓްކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި ތަހުގީގު ކުރިއަށް ދާތީ އިތުރު ތަފްސީލު ދިނުމަށް ވެސް ޝިފާން އިންކާރު ކުރެއްވި އެވެ.
"މި މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުންދާ މިންވަރަކުން ރައްޔިތުންނަށް ހާމަކުރަން ބޭނުންވާ މައުލޫމާތެއް އޮތް ނަމަ މީޑިއާތައް މެދުވެރިކޮށް އެފަދަ މައުލޫމާތު ހާމަ ކުރާނެ." ސުވާލު ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ނުދީ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ޝިފާން ވިދާޅުވި އެވެ.
ނާޒިމްގެ އެޕާޓްމެންޓް ފާސްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަން އެއްވެސް ފަރާތަކުން މިހާތަނަށް ހާމަ ނުކުރި ނަމަވެސް އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމާ ގުޅުންހުރި މައްސަލައެއް ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން ރަސްމީކޮށް ކަށަވަރު ކޮށެއް ނުދެއެވެ.