ލައިފްސްޓައިލް

އޮފީސް ގަޑި ނޫން ގަޑީގައި މުވައްޒަފުންނަށް ގުޅުން މަނާ!

އޮފީސް ގަޑި ނޫން ގަޑިތަކުގައި އޮފީހުގެ ބޮސްގެ ފޯނު ކޯލުތައް އައުމުން ވަރަށް ގިނަ ބަޔަކު ހިތްހަމަ ނުޖެހޭނެ އެވެ. ނަމަވެސް މި ޒަމާނުގައި މޯބައިލް ފޯނެއް ކޮންމެ މީހެއްގެ އަތުގައި ވެސް އޮންނާތީ ބޮސް ގުޅިޔަސް ނުނަގާ ވެސް ވާކަށް ނޯވެ އެވެ. އޮފީހުގެ މަސައްކަތް ނިންމާފައި އެތަނުން ނުކުތުމަށް ފަހު ވިޔަސް ބޮސް ގުޅައިފިއްޔާ ކޮންމެހެން ވެސް ފޯނު ނަގަން ޖެހޭނެ އެވެ. ޚާއްސަކޮށް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ގިނަ ބަޔަކު ގޭގޭގައި ތިބެގެން މަސައްކަތް ކުރުމަށްފަހު މިހާރު އޮފީސް ތަކަށް ދާން ފަށާފައި ވާއިރު މިކަން އަދި މިހާރު މާ ބޮޑުވެފައި ވެއެވެ.

މިގޮތަށް ޝަކުވާ ކުރާ މުވައްޒަފުންނަށް ޕޯޗްގަލުން ވަނީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅައި ހިތްހަމަޖެހުން ހޯދައިދީފަ އެވެ. މިފަދަ ކަމެއް އެހެން ގައުމަކުން މިހާތަނަށް ކުރިކަމެއް އެނގިފައެއް ނެތެވެ. ޕޯޗްގަލްގައި ދާދި ފަހުން ފާސްކުރި ގާނޫނެއް ބުނާ ގޮތުގައި އޮފީސް ގަޑި ނިންމައި މުވައްޒަފުން ގެއަށް ދިއުމަށް ފަހު އޮފީހުގެ ބޮސް އަށް ވެސް އެމީހުންނަށް ޓެކްސްޓް މެސެޖެއް ނުކުރެވޭނެ އެވެ.

ޕޯޗްގަލްގެ އާ ލޭބާ ލޯ ބުނާ ގޮތުން އޮފީހުގެ ސީނިއާ އަދި ޖޫނިއާ މުވައްޒަފުންނަށް ވެސް އޮފީސް ގަޑި ފިޔަވައި އެހެން ގަޑީތަކުގައި ޓެކްސްޓް ކުރުމަކީ އެ އޮފީހުގެ ވެރިންނަށް މަނާ ކަމެކެވެ. މިއީ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަފްސާނީ ގޮތުން ދިމާވާ އުނދަގޫތަކަށް ރިއާޔަތްކޮށް އެމީހުންނަށް އޮފީހުގެ މަސައްކަތާއި ގޭގައި ކުރަން ޖެހޭ މަސައްކަތް ބެލެންސް ކުރަން ފުރުސަތު ދިނުމަށް ފާސް ކުރި ގާނޫނެކެވެ.

މި ގާނޫނު ބުނާ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ރަސްމީ ގަޑި ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެ އޮފީހުގެ ވެރިންނަށް މެސެޖުކޮށެއް ނުހެދޭނެ އެވެ. މި ގާނޫނާ ހިލާފުވާ ވެރިންނަށް ބޮޑެތި އަދަބުތައް ލިބޭނެ ކަމަށް ވެސް މި ގާނޫނުގައި ވެއެވެ.

އޮފީސް ގަޑިނޫން ގަޑިތަކުގައި މުވައްޒަފުން އުޅޭ ނޫޅޭގޮތް ބެލުމަކީ ވެސް އޮފީސްތަކުގެ ވެރިންނަށް މަނާ ކަމެކެވެ. މިފަދަ މީހުންނަށް ވެސް ފިޔަވަޅުއަޅަން މި ގާނޫނު ލާޒިމު ކުރެ އެވެ.