ބޮލީވުޑް

ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ކައިވެނިކުރަނީ

މިދިޔަ އަހަރު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ގިނަ އަހަރުތަކެއް ވަންދެން ރައްޓެހި ވެގެން އުޅުނު ލޯބިވެރިޔާ އަދި ބަތަލާ އަންކިތާ ލޯކަންޑޭ ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ. އަންކިތާ ކައިވެނި ކުރަނީ ޓީވީ އެކްޓަރު ވިކީ ޖެއިން އާއެވެ. ސުޝާންތު އާ ރުޅިވިތާ މާ ގިނަ ދުވަހެއް ނުވެ އަންކިތާ ވަނީ ވިކީ އާ ލޯބީގެ ގޮތުން ގުޅިފަ އެވެ.

އަންކިތާގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށުނުކަން އިއުލާން ކުރުމުގެ ގޮތުން އޭނާ ވަނީ ވިކީ އާއި އޭނާގެ ވަރަށް ރޮމެންޓިކް ފޮޓޮއަކާއި ކައިވެނިކުރާއިރު އަރާ ފައިވާނުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވިކީ އާއި އަންކިތާގެ ކައިވެނީގެ ރަސްމިއްޔާތުތައް ޑިސެމްބަރު 12، 13 އަދި 14 ގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ދެ ދުވަހު އޮންނާނީ ކައިވެނީގެ ކުރިން އޮންނަ ބައެއް ކަހަލަ ރަސްމިއްޔާތުތައް ކަމަށާއި ކައިވެނި ހަމަޖެހިފައިވަނީ ޑިސެމްބަރު 14 ވަނަ ދުވަހަށް ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

އަންކިތާ ޝެއާ ކުރި އެހެން ޕޯސްޓެއްގައި އޭނާގެ ކައިވެންޏަށް އާއިލާ އާއި އެކުވެރިން އިންޑިޔާގެ އެކި ކަންކޮޅުތަކުން މުމްބައި އަށް އަންނަ މަންޒަރުތަކުގެ ފޮޓޯތަކެއް ވެސް ޝެއާކޮށްފައި ވެއެވެ. މިއީ ކައިވެނީގެ އެކި އެކި މަސައްކަތްތައް ފެށިފައިވާކަން އިއުލާންކުރަން އަންކިތާ ޝެއާ ކުރި ޕޯސްޓެކެވެ.