ލައިފްސްޓައިލް

ހިތުގެ ސިއްހަތު ބަރާބަރު ކުރާނަމަ އަވަހާ ނިދާ!

ބަރާބަރު ސިއްހަތަކަށް އަވަހަށް ނިދާފައި އަވަހަށް ހޭލުން މުހިއްމު ކަމަށް ޒަމާނުއްސުރެ މީހުން ބުނެ އުޅެ އެވެ. މިއީ ވަރަށް ރަނގަޅު ވާހަކައެއްކަން ސައިންސްވެރިން ވެސް ގަބޫލު ކުރެ އެވެ. މިކަމާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުގެ ސައިންސްވެރިން ހަދާފައިވާ ދިރާސާއެއް "ޔޫރަޕިއަން ހާޓް ޖާނަލް" ގައި ވަރަށް ފަހުން ވަނީ ޝާއިއު ކޮށްފަ އެވެ.

މި ދިރާސާ ރިޕޯޓުގައި ސައިންސްވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި ރޭގަނޑު 10 އާއި 11 އާ ދޭތެރޭ ނިދާނަމަ ހިތާއި ހިތް ހިނގުމަށް ބޭނުންވާ ނިޒާމުގެ ސިއްހަތަށް އެދެވޭ ރަނގަޅު އަސަރުތަކެއް ކުރެ އެވެ.

މި ދިރާސާގައި 88،026 މީހުން ބައިވެރިކޮށްފައި ވެއެވެ. އަދި އެމީހުން ނިދާ ވަގުތާއި ހޭލާ ވަގުތު ހަތް ދުވަސް ވަންދެން މޮނިޓާ ކުރުމަށްފަހު އެ މައުލޫމާތުތައް އެއްކުރި އެވެ. އަދި އޭގެ ފަހުން ހަތް އަހަރު ވަންދެން އެމީހުންގެ ނިދާ ގަޑިއާއި ހޭލާ ގަޑި އާއި އެމީހުންގެ ކާޑިއޯވެސްކިއުލާ ސިއްހަތު ހުރި ގޮތް މޮނިޓާ ކުރަމުން ގެންދިޔަ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ދިރާސާގެ ބައިވެރިންގެ ތެރެއިން 3،172 މީހަކަށް ދިރާސާގެ މުއްދަތުގެ ވަކި ހިސާބަކުން ހިތުގެ މައްސަލަތައް ދިމާވެފައި ވެއެވެ. މި މީހުންގެ ނިދި މޮނިޓާ ކުރަމުން ގެންދިޔައީ ކޮންމެ މީހެއްގެ ވެސް އަތުގައި އަޅުވާފައި އޮތް ގަޑިއެއް ކަހަލަ ޑިވައިސް އަކުންނެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި ރޭގަނޑު 10 އާއި 11 އާ ދެމެދު އާދަވެ ނިދާ މީހުންގެ ހިތުގެ މައްސަލަތައް ޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށެވެ. އަދި 11.00 ގެ ފަހުން ނިދާ މީހުންނަށް ކާޑިއޮވެސްކިއުލާ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރެވެ. ޚާއްސަކޮށް އަންހެނުންނަށް މި ނުރައްކާ ފިރިހެނުންނަށް ވުރެ އިތުރުކަން މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ. އެންމެ ބޮޑަށް ހިތުގެ ބަލިތައް ޖެހުން އިތުރުވެފައި ވަނީ މެންދަމު 12 ޖަހާ ފަހުން ނިދާ މީހުންނަށެވެ.

ލަހުން ނިދުމަކީ ލޭގެ ޕްރެޝަރު މަތިވުމާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމަށް މީގެ ކުރިން ހަދާފައިވާ ވަރަށް ގިނަ ދިރާސާތަކުން ވެސް ހާމަވެފައި ވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ މީހުން ހާއްސަކޮށް ސައުތު އޭޝިއާ ގައުމުތަކުގެ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބައެއް ވަރަށް ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހިގެން މަރުވާކަން ފާހަގަ ކުރެވެ އެވެ.