ދުނިޔެ

ޔޫއޭއީއިން ސީރިއާމެދު ވިސްނާފައި ގޮތް ނިންމަން ގޮވާލަން: އެމެރިކާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހާރިޖީ ވަޒީރު އަބްދު لله ބިން ޒައިދު ސީރިއާއަށް ވަޑައިގެން ބައްޝާރުލް އަސަދުއާ ބައްދަލު ކުރައްވައިފި އެވެ.

ދެ ލީޑަރުންގެ ބައްދަލު ކުރެއްވުމަށް އިޝާރާތްކޮށް އެމެރިކާއިން ބުނީ ސީރީއާގެ ރައީސް ބައްޝާރުލް އަސަދާއެކު ގުޅުމެއް ގާއިމު ކުރުމުގެ ކުރިން ޔޫއޭއީން ވަރަށް ރަނގަޅަށް ވިސްނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އަބްދު لله ބިން ޒައިދު އާއި ޔޫއޭއީ ސަރުކާރުގެ އޮފިޝަލުންގެ ވަފުދެއް ސީރިއާގެ ވެރިރަށް ދިމިސްގަށް ޒިޔާރަތް ކުރެއްވީ އަންގާރަ ދުވަހު އެވެ. އެ ވަފުދަށް މަރުހަބާ ދަންނަވައި އިހުތިރާމް އަދާ ކުރެއްވީ ސީދާ ބައްޝާރުލް އަސަދެވެ.

އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި ޔޫއޭއީން ކުރަން އުޅޭ ކަމަކާ މެދު ބައިޑަންގެ ސަރުކާރުން ވަރަށް ކަންބޮޑުވެ އެވެ. އަދި މި ބައްދަލުވުމުން ދުނިޔެއަށް ދޭ މެސެޖާ މެދު ވެސް އެހާ ކަންބޮޑުވެ އެވެ.

ބައްޝާރުލް އަސަދާއެކު ގުޅުން ބަދަހިކޮށް އާންމު ގުޅުންތަކުން ގުޅާލަން އެމެރިކާގެ ތާއީދެން ނެތް ކަމަށް ނެޑް ޕްރައިސް ވިދާޅުވި އެވެ. އަސަދީ ވަރަށް އަނިޔާވެރި ޑިކްޓޭޓަރެއް ގޮތުގައި ސިފަ ކުރައްވަމުން އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާން ވިދާޅުވީ ޔޫއޭއީން ދުނިޔޭގެ މަސްލަހަތަށް ލޯބިކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސީރިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ހަނދާން ނައްތާ ނުލުމަށް މެދުއިރުމަތީގެ ގައުމުތަކަށް އަޅުގަނޑުމެން އިލްތިމާސް ކުރަން" ނެޑް ޕްރައިސް ވިދާޅުވި އެވެ.

އަސަދުގެ އަމަލުތައް މިހާރު ވެސް ހުރީ ސީރިއާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ދަތި ގޮތަކަށް ކަމަށް ވެސް ނެޑް ޕްރައިސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސީރިއާގެ އާންމު ރައްޔިތުންނަށް އަދި ވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

އެމެރިކާއާ ދިމިޝްގާ ދެމެދު އޮންނަ ސިޔާސީ ގުޅުން އާދައިގެ ހާލަތަކަށް ނުގެންނާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އަދި ސީރިއާއާ ގުޅުން ބަދަހި ކުރުމުގައި އެހެން ގައުމުތަކަށް ހިތްވަރު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބިން ޒައިދުގެ މި ދަތުރަކީ ސީރިއާގައި ހުންނަ ޔޫއޭއީ އެމްބަސީ އަލުން ހުޅުވިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކުރެއްވި ދަތުރެކެވެ.

މެދުއިރުމަތީގެ އަރަބި އެކުވެރި ގައުމުތަކުން ސީރިއާއާ މެދު ކުރިން ދެކުނު ގޮތް ދޫކޮށްލައި މިހާރު ފެންނަނީ ގާތް ގުޅުމެއް އުފައްދަން މަސައްކަތްކުރާ މަންޒަރެވެ.