(9 ނޮވެމްބަރ 2021 އާ ގުޅޭ)
ދެ ޒުވާނުން އެނބުރިލީ އެކުއެކީގައެވެ. އެ ދެ ޒުވާނުންނަށް ހައިރާންކަމާއެކު ބަލަން ލަމްހާއާއި ސުޖާއު ތިބިތަން ފެނުނެވެ.
"މަންމާ... މީ ލައިޒަލް." ނީރާގެ ކައިރީ ހުރި ލައިޒަލް ދައްކާލިއެވެ. ލަމްހާގެ ނަޒަރު ލައިޒަލްއަށް ހުއްޓުނެވެ. އީހާނާ ކައިވެނި ކުރުމުގެ ކުރީން ނީރާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޒުވާނާއާ ބެހޭ ގޮތުން ނީރާ އޮތީ ލަމްހާއަށް ކިޔާދީފައެވެ. އޭނާއަށް އެނގިފައި އޮތް ގޮތުން ލައިޒަލް ހުރީ މީހަކާ އިނދެގެންނެވެ. އެކަމާ ނީރާއާ ސުވާލުތަކެއް ލަމްހާ ނުކުރި ނަމަވެސް އެއީ ލަމްހާ ވިސްނާލަން ޖެހުނު ސަބަބެކެވެ.
"ނީރާއާ ވާހަކަދައްކާލެވިދާނެތަ؟." ލައިޒަލް އަހާލިއެވެ. އެތަނުން ނީރާ ދިޔަނުދޭންވެގެންނެވެ. ދެމެދުގައި ދައްކަން ހުރި ވާހަކަތައް އަދި ނުނިމޭތީއެވެ. އެންމެ މުހިންމު ޖަވާބު ލައިޒަލްއަށް އަދި ނުލިބެއެވެ.
"ފަހުން." ނީރާ ނިކަން އަވަހަށް ބުނެލިއެވެ.
"ގުޅާނަން." ސިއްރެއް ބުނެލިހާ މަޑުން ލައިޒަލް ބުނެލިއެވެ. އޭރު އޭނާގެ ކައިރިން އަޅާފައި ނީރާ ހިނގައިގަނެއްޖެއެވެ. ލަމްހާއާއި ސުޖާއުއާއެކު ގެސްޓްހައުސްތެރެއަށް ނީރާ ވެސް ވަނީއެވެ.
ލަމްހާގެ ދެމަފިރިންނާއެކު ނީރާ އައިސް ވަނީ އެމީހުންގެ ކޮޓަރިއަށެވެ. ސުޖާއު އައިސް އެނދުގައި އޮށޯވެލީއެވެ. ނީރާގެ އަތުގައި ހިފާލަމުން ލަމްހާ އައިސް އިށީނީ ކުޑަދޮރު ކައިރީ ހުރި ގޮނޑީގައެވެ. ކުރިމަތީގައި ކަހަލަ ގޮތަކަށް ނީރާ އިށީނެވެ.
"ކޮންއިރަކު އޭނަ އައީ؟." ލަމްހާ ސުވާލުކުރިއެވެ.
"ދެންމެހެން ހީވަނީ... މިތާ ހުރިކަން އެނގިގެން އައީ." އިސްޖަހާލައިގެން އިނދެ ނީރާ ވާހަކަދެއްކީ މަޑުންނެވެ.
"ކޮންކަމެއް އޭނާ ބޭނުންވަނީ؟." ލަމްހާ ވެސް އެނގެން ބޭނުންވެއެވެ.
"އަހަރެން..."
"އަލުން ގުޅޭންތަ؟." ނީރާގެ ޖަވާބު ލަމްހާއަށް ފަހުމްވީ ގޮތް ހާމަކުރިއެވެ. އެއާއެކު ނީރާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ލަމްހާ ކުރިއަށް ޖެހިލައި ނީރާގެ ކަނާއަތްތިލަ ނެގިއެވެ. މަޑުމަޑުން އެ އަތްތިލައިގަ ފިރުމާލިއެވެ.
"ނީރާ ބޭނުންވަނީ ކޮންގޮތެއް؟. ނީރާ އެދޭގޮތެއް ހަދައިދޭން މަންމަ ބޭނުމީ. އެކަމަކު ވިސްނާލަންވާނެ މިހާރު އެއީ މީހެއްގެ ފިރިއެއްކަން."
"ވަރިވެއްޖެ... ވަރިވެގެން އެ އައީ." ނީރާ އިސްއުފުލައި ލަމްހާއަށް ބަލާލިއެވެ. އުޝާއާ ލައިޒަލް ކައިވެނި ކުރީ ކީއްވެކަން ލައިޒަލް ކިޔާދީފިކަން ނީރާ ބުނެލިއެވެ. އަދި ލަމްހާއަށް ވެސް އެ ވާހަކަތައް ނީރާ ކިޔާދިނެވެ.
"ކައިވެންޏަކީ ތިގޮތަށް ކުރަންވާނެ އެއްޗެއްނޫން. ދެމީހުން އެކުގައި އުޅޭންނޫނީ ކައިވެނި ކުރުމުގެ ބޭނުމެއްނެތް. ލައިޒަލް އެ އައީ ހަގީގަތުގައި ވެސް ނީރާ ބޭނުންވެގެންކަމަށް ވާނަމަ މަންމަމެން ތި ދެމެދަށް ވަންނާކަށް ނެތިން. ލައިޒަލްދެކެ ދަރިފުޅު އަދިވެސް ލޯބިވާކަން އެނގޭ. އެހެންނު... މަންމަ ހަނދާން އެނބަހުރި ނީރާ އެ ދުވަހު ދެއްކި ހުރިހާ ވާހަކައެއް. ލޯބިވުމަށްފަހު އެހެން މީހަކުދެކެ ދެން ލޯތްބެއް ނުވެވޭނޭ ނީރާ ބުނި. ލައިޒަލްދެކެ ނީރާ ލޯބިވާވަރު ބުނަން މަންމައަށް އެނގެނީ އެހެންވެ. ތި ދެކުދީންގެ މެދުގައި ވެސް އެތައް ކަމެއް ހިނގައިފިކަން ޔަގީން. ލޯތްބަކީ ހަމައެކަނި ހާސިލު ކުރުމެއްނޫން. ލޯބީގައި ކުށްކުރެވޭ، އެހެންވިޔަސް މަޢާފުކޮށް އިތުރު ފުރުސަތެއް އެ ލޯތްބަށް ދީފިނަމަ އިހުނަށްވުރެ ދެމެދުގައި އޮންނަ ލޯބި ވަރުގަދަވޭ. ގުޅުން ދަމަހައްޓައި އިތުބާރު ހޯދަން މަސައްކަތްކުރާ ބައިވެރިއަކާ މެދު މާޔޫސްވުމެއްނުވޭ. ނީރާ... އުފާވެރި ދިރިއުޅުމެއް ނީރާ އުޅޭތަން ދުށުމަށް މަންމަ ބޭނުމީ."
ލަމްހާ އެ ދެއްކީ ވަރަށް ގިނަ ވާހަކަކަން ނީރާ ދެނަހުއްޓެވެ. ލަމްހާ ހަނދާންކޮށް އެ ދިނީ ނީރާ ދައްކާފައި ހުރި ވާހަކައެވެ. އޭނާ ލައިޒަލްދެކެ ލޯތްބެއް ނުވެޔޭ ބުނެފިނަމަ އެވާނީ ދޮގަކަށެވެ. އަދިވެސް ލައިޒަލްއަށްވުރެ ނީރާ ލޯބިވާ ދެވަނަ އިންސާނަކުނެތެވެ. ކަންތައްވީގޮތުން ލިބުނު ހިތްހަމަނުޖެހުމަކީ ވެސް ލައިޒަލްދެކެ ނީރާވާ ލޯބީގެ ބައެކެވެ. އެތައް ދުވަހަކަށްފަހު މިއަދު ލައިޒަލް ފެނުމުން ނީރާ އުފާވިއެވެ. ދުވެފައި އެ ދެއަތުގެ ތެރެއަށް ގޮސް ވަންނަން އޭނާ ނުހަނު ބޭނުންވިއެވެ. ފާއިތުވެ ދުވަސްތަކާމެދު ޝަކުވާކޮށް ރޮއެ ހަދަން ބޭނުންވިއެވެ. ނަމަވެސް އަމިއްލަ ނަފްސު ހުއްޓުވަމުން އައީ އުޝާގެ ސަބަބުންނެވެ. އޭނާގެ ފިރިމީހާއަށް ލައިޒަލްވީ ދުވަހުން ފެށިގެންނެވެ. ދެމީހުންނަށް ފުރުސަތެއްނެތްކަން ނީރާ ނިންމީ ލައިޒަލްގެ ދަރިއަކަށް އުޝާ ބަލިވެ އިންކަން ހީކުރެވިފައެވެ. އެކަމަކު މިހާރު އަރާފައި އޮތް އޮޅުން ނީރާއަށް ލައިޒަލް ބުނެދީފިއެވެ. ހުރިހާކަމެއްގެ ފަހަތުގައި ހުރި ކުށްވެރިއަކީ ލައިޒަލްއެއް ނޫނެވެ. އުޝާއެވެ. ނީރާއާއި ލައިޒަލް ގުޅޭން ނޭދެނީ އޭނާއެވެ. ކީއްވެކަން ނީރާ ކައިރީ މީހަކު ބުނާކަށް ނުޖެހެއެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ރަނގަޅަށް ނީރާއަށް އެނގެއެވެ. އޭނާގެ ބަހަށް ލައިޒަލް ހެއްލުނީ ކީއްވެކަން ވެސް ނީރާއަށް ވިސްނިއްޖެއެވެ.
* * * * *
އުޝާއަށް ހޫނު މަރުހަބާއެއް ކިޔާނޭ މީހަކު ނެތެވެ. މަންމައާއި ދޮންބައްޕަގެ އިތުރުން މާމަގެ މޫނުން ވެސް ފެންނަނީ ހިތްދަތިކަމެވެ. އެކުގައި އުޅޭނޭ ރައްޓެހިންތަކެއް ރަށަކުނެތެވެ. އުމުރުން ނުވަ އަހަރުގައި މާލެ އައިގޮތަށް އޭނާ ދިރިއުޅުން ހޭދަކުރީ މާލޭގައެވެ. ރަށުގައި ތިބި އާއިލާއާ މާބޮޑު ގުޅުމެއް ނެތިއެވެ. ރަށަށް އަންނަން މަންމަ ހިޔާލު ނުކުރާކަން އުޝާއަށް ވެސް އެނގެއެވެ. މިހާރު އަދި އަމުދުން މާލެ ދޫކޮށްލާފައި ރަށުގައި ދިރިއުޅޭން މަންމަ ނާންނާނޭކަން އުޝާއަށް ޔަގީންވެއެވެ.
ސަލާން ގޮވާލާފައި ގޭތެރެއަށް ވަނީ އަންހެންކުއްޖެކެވެ. ސޯފާގައި އިން އުޝާ ފެނުމުން އެއީ އުޝާތޯ އޭނާ އަހައިފިއެވެ. ކާކުކަން ނޭނގުނަސް އާނއެކޭ އުޝާ ބުނުމަށް ބޯޖަހާލީއެވެ.
"ދުރުގައި އުޅެންޏާ ތިމާގެ މީހުން ވެސް ވަތްކެއްނުވާނެ." އެ އަންހެންކުއްޖާ ނިކަން ހިނިއައިސްފަ ވާހަކަދެއްކިއެވެ. މާމައާއި މަންމަ ކޮބާތޯ އަހަމުން އޭނާ އެތެރެއަށް ވަދެގެން ދިޔައިރު އުޝާ އިންގޮތަށް އިނީއެވެ.
ގިނައިރެއްނުވެ ސަލީމާއާއި ޝަރަފިއްޔާއާއެކު އެ އަންހެންކުއްޖާ އައެވެ. އެއީ ޝަރަފިއްޔާގެ އެއްބަފާ ދައްތަގެ ދަރިއެއްކަން ބުންޏެވެ. އުޝާއާ އެއް އުމުރެއްކަމާއި އޭނާ އައީ ޝަރަފިއްޔާ އެދިގެންކަން ބުންޏެވެ. އުޝާގެ އެކުވެރިއަކަށް ވެދޭން ޝަރަފިއްޔާ އެދުނީއެވެ. ޖީލަން އައީ އެހެންވެއެވެ.
"އުޝާ ގޮވައިގެން ދާނީ." ޖީލަން ބުނެލިއެވެ.
"އެކަމަކު ލަސްނުވެ އަންނާތި." ސަލީމާ ބުންޏެވެ. އޭރު ވެސް އުޝާ ހުރީ ވާނުވާ ނޭނގިފައެވެ. ޖީލަން އައިސް އުޝާގެ އަތުގައި ހިފާލިއެވެ. އޭނާގެ ރައްޓެހިންނާއެކު ރޭގަނޑުގެ ކެއުމަކަށް ދާން އުޅޭކަން ބުންޏެވެ. އުޝާ ބައިވެރިކުރަން ޖީލަން ހުރީ ނުހަނު ބޭނުންވެފައެވެ. ނޫނެކޭ ބުނާނޭ ފުރުސަތެއް އުޝާއަށް އެކަކުވެސް ނުދިނެވެ. މަންމައާއި މާމަ ވެސް ތިބީ ޖީލަންއާ އެއްކޮޅަށެވެ.
"މިފަދަ ދަނޑިވަޅެއްގައި އެކުއްޖާ ތިގެނައީ ކީއްވެ؟." ޖީލަންއާއެކު އުޝާ ނުކުމެގެން ދިއުމުން ޝަރަފިއްޔާ ސުވާލުކުރިއެވެ.
"މިވަގުތު އުޝާ އެކަނި ގޭގަ ހުރުން ރަނގަޅުނުވާނެތީ. އޭނާގެ ކައިވެނި ރޫޅިއްޖެ. އަހަންނަށް އެނގެނީ އުޝާ ވަރިވާން ބޭނުންނުވާކަން. އަހަންނަށް އެ ދަރިފުޅު ކައިރީ ހުރެވެންނެތްއިރު، އޭނާ އަންނަން އެދުނީ މަނާކުރާން ބޭނުންނުވީ. މަންމާ. އަހަރެމެންގެ އާއިލާއަށް މިވާގޮތަކާމެދު މަންމަ ވިސްނާނުލަންތަ؟. މީ އާދައިގެ ކަމެއްހެން ހީނުވާތީ. އަހަރެންގެ ދަރިފުޅާމެދު ވެސް މިހާރު ކަންބޮޑުވޭ. ރަށަށް އަންނަން ބޭނުންނުވީ މިހެންވެ."
"މީ އެ އަންހެންމީހާ އަހަރެމެންނަށް ހަދާފަ ހުރި ސިހުރެއް." ޝަރަފިއްޔާ ބުންޏެވެ.
"އަދިވެސް އެކަމާތަ؟. އެއިން އެކަކުވެސް ދުނިޔޭގަ ހުރީކީއެއްނޫން. ފުރަތަމަ އަހަރެމެންނަށް ކުރެވުނު ކަންތަކާމެދު ވިސްނުން މާރަނގަޅެއްނު. ކިހިނެއް އެނގެނީ މީ ﷲގެ ކޯފާއެއްނޫންކަމެއް. ނޫނީ މަންމައަށް ހެޔޮވިސްނޭތޯ ﷲ ކުރިމަތިކުރުވި އިމްތިހާނެއްނޫންކަމެއް. މަންމަ ތިވަރަށް ނަމާދުކޮށް އަޅުކަމުގައި އުޅޭއިރު އަހަރެން ހީކުރީ ތިގޮތް ދޫކޮށްލައިފިކަމަށް. މަންމަގެ ތިގޮތްދޫނުކުރުމުން ބަލާބަލަ ނުކުތް ނަތީޖާ... އަހަރެން ހަނދާނެއް ނުނެތޭނެ. ރިޔާޒު ވަކިވެގެން ދިޔައީ އަހަރެމެންގެ ސަބަބުން. އެއަށްފަހު މަންމައަށް ހަމަޖެހުމެއް ލިބިއްޖެތަ. މަންމާ، ހިތް ސާފުކުރަންވީ ވަގުތު ނުޖެހޭތަ؟. ރިޔާޒު އެ އަންހެންކުއްޖާއާ ކައިވެނި ކުރުމުން ހަގީގަތުގައި އަހަރެމެންނަށް ލިބުނު ގެއްލުމެއްނެތް. އާއިލާ ކައިރީ ބައިރުފިޔާއެއް ދޭން ވެސް ރިޔާޒު ނޭދޭ. މިގެއިން އޭނާއަށް ހައްގުވާ މިންވަރުދޭން އެއްފަހަރު ވެސް ނުބުނޭ. އޭނާ އަމިއްލަ މަސައްކަތުން އެ ދިރިއުޅުން ފެށީ. އަހަންނަށް މިހާރު ނޭނގޭ އޭނާއާ މެދު ހަސަދަލީ ކޮން ސަބަބަކާ ހުރެކަމެއް. އޭރު އެ އައި ރުޅިއާއި ވީ ފޫއްސާ، އޭނާއާ ދިމާއަށް ކީ އެއްޗެހި، އެއީ ކޮންބޭނުމަކު ކުރިކަމެއްކަން މިއަދު އަހަންނަކަށް ނުވިސްނޭ. އަހަރެން މިއަދު ކަންބޮޑުވަނީ މަންމައާ އެއްބައިވެ އެއްވެސް ކުށެއްނެތް ބަޔަކަށް އަނިޔާވެރިވެވުނީތީ. ރިޔާޒުދެކެ އަހަރެމެންވީ ލޯބި، ފަޅިސިކުންތެއްގެ ތެރޭ ބަދަލުވީ. ކީއްވެ؟... އޭނާ މަރުވިއިރު، އަނތްބަކާއި ދަރިއަކު ހުރި. އެ ދެމައިންނާމެދު ބަދުބަހެއްނޫނީ މަންމަ އެ ދުވަހު ވެސް ނުބުނޭ. މަންމާ، ރިޔާޒުކޮއްކޮ ހާދަ ލޯބިވެގެންނޭ ނަސްރާއާ އިނީ. މީހެއް ކައިރީ ނުބުނި ނަމަވެސް ހާދަ ހާލެއް މަންމަ އެމީހުންނަށް ޖެއްސިޔޭ. އަހަރެން ވެސް ހިޔެއްނުކުރަން މަންމަ ތިހާ ހިތްހަރުވެފަ ރަހުމްކުޑަވެދާނޭ. ﷲ އަހަންނަށް ހެޔޮ ވިސްނުން ދެއްވުމުގައި އަވަސްކުރެއްވީތީ އެކަލާނގެއަށް ހަމްދުކުރަން. ރިޔާޒުކޮއްކޮގެ ފުރާނައަށް ބުރަކަން ލިބޭކަށް މިއަދު ނޭދެން. ހަމައެގޮތަށް އެ ކޮއްކޮގެ އަނބީމީހާއާއި ދަރިފުޅުގެ ފުރާނައަށް ވެސް ދަތިކުރާކަށް ނެތިން."
"ރިޔާޒުގެ ދަރި މަރެއްނުވޭ." ޝަރަފިއްޔާ ބުނެލިއެވެ.
"ހެޔޮނުވާނެ މަންމާ... ﷲ އަށް ޓަކައި ބިރުގަނެބަލަ، އަހަރެންގެ ކުރިމަތީ އެކުއްޖާފުޅަށް ގޮތެއްވާން ނޭދޭތި. ތި ދުލުން ބަދުބަހެއް އެ ކުއްޖާއަށް ނުބުނާތި. ދުނިޔޭގަ ހުރިއްޔާ އެއީ އުފާކުރަންޖެހޭނެކަމެއް. އެއީ އަހަރެމެންގެ ރިޔާޒުގެ ލޭ... މަންމާ... އަހަރެން މިފަހަރު މަންމައާ އެއްބައެއްނުވާނަން. ﷲއަށް ތައުބާވުމަށްފަހު އެކަލާނގެ ނުރުއްސަވާކަމެއްގައި ޝާމިލެއްނުވާނަން. މަންމަ އެކަހަލަ ކަމެއް ކޮށްފިނަމަ އަހަރެން އެނބުރި މާލެ ފުރާނީ މަންމަ މިތަނުގައި ބަހައްޓާފައި. އަހަންނާއެކު ނުގެންދާނަން." ސަލީމާ ހަގީގަތުގައި ވެސް ހިތްހަމަނުޖެހުނެވެ.
ޖީލަންއާއެކު ރެސްޓޯރެންޓަށް އުޝާ ވަނެވެ. އެމީހުންނާއެކު އިތުރު ދެ އަންހެންކުދީން ބައިވެރިވިއެވެ. ތަނަށްވެރިވެފައި އޮތީ ފަނޑު އަލިކަމެވެ. އިނގިރޭސި ލަވައެއްގެ އަޑު އިވިއިވި ހުއްޓެވެ. މޭޒުތައް ހުރީ ކައިރީކައިރީގައެވެ. ހުސްމޭޒެއް ނުފެނުނެވެ. ޑެކެއް އަޅައި މައްޗަށް ނަގާފައި ހުރި އެ ރެސްޓޯރެންޓުގެ މަތީބަޔަށް އަރަން ސިޑިއާ ދިމާއަށް އެންމެން އައެވެ. އެންމެ ކުރިއަށް ހުރީ ޖީލަންއެވެ. ހުސް މޭޒެއް ހޯދައިގެން އިށީންނަން އުޅުނު އުޝާގެ ނަޒަރު ހުރީ އެހެން ދިމާއަކަށެވެ.
"ރީތި ދޯ. އެކަންޏޭ އިނީ ވެސް." އުޝާގެ ނަޒަރު ހުރި ދިމާއަށް ޖީލަން އެނބުރިލައި ވާހަކަދެއްކިއެވެ.
"އެބަ އަންނަން." އުޝާ ބުނެލިއެވެ. އިށީނުމުގެ ބަދަލުގައި އުޝާ އައިސް ހުއްޓުނީ ދުރު ބަލަން އެކަނި އިން ޒުވާނާގެ މޭޒުކައިރީއެވެ.
"އުޝާ... މިތާ..."
"ލައިޒަލް މިތާ ކީއްކުރަނީ؟." އުޝާ ވެސް ކުރީ ސުވާލެވެ.
"ކަމަކު މިރަށަށް އައީ." ލައިޒަލް ހަގީގަތް ހާމަނުކުރީ ގަސްދުގައެވެ.
ބަހެއް ނުބުނެ ލައިޒަލްއާ ދިމާއަށް ބަލަން އުޝާ ހުންނަން ފެށުމުން އުނދަގޫވިއެވެ. ކުރިމަތީ ހުރި ކޮފީޖޯޑު ނަގައި އެއްކޯވަރުން ހުސްކޮށްލުމާއެކު ލައިޒަލް ތެދުވީއެވެ. ދަނީއޭ ބުނެލުމާއެކު އުޝާގެ ކުރިމަތިން ދާން އޭނާ އަވަސްވެލިއެވެ. އުޝާއަށް އެކަން ފާހަގަވުމާއެކު ޖީލަންމެން ކައިރިއަށް އަންނަން އެނބުރިލިއެވެ.
"ބޯއިފްރެންޑްތަ؟. އަހަރެމެންނަށް އިންޓްރޮޑިއުސްކޮށްދޭން ބުނެދާނެތީ ފޮނުވާލީ ދޯ." އުޝާ އައުމުން ޖީލަން ބުންޏެވެ. އެމީހުން ތިބީ އުޝާއާއި އެ ޒުވާނާއާ ދެމެދު ހިނގި ހުރިހާކަމެއް ބަލާށެވެ. ފުރަގަސްދީގެން ހުރި އުޝާ ދެއްކި ވާހަކައެއް އަދި ލައިޒަލްއާއި އުޝާގެ މޫނަށް އަރާ ފޭބިކުލަވަރެއް އެމީހުންނަކަށް ނުފެނެއެވެ. ފެނުނީ ކުއްލިއަކަށް ލައިޒަލް ތެދުވެ ހިނގައިގަތުމުން އުޝާ ވެސް އެނބުރި އެމީހުންގެ ކައިރިއަށް އައިތަނެވެ.
"ފްރެންޑެއް... މިތަނުން ކޯއްޗެއް ލިބެން ހުންނަނީ." އުޝާ ބޭނުންވީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ.
ކާއެއްޗެހި ގެނައުމަށްފަހު ޖީލަންއެކޭ އެއްފަދައިން ދެންތިބި އޭނާގެ ދެއެކުވެރީން ވެސް ބެލީ އުޝާގެ މައުލޫމާތު ހޯދާށެވެ. މިހާދުވަހު ރަށަށް ނައިސް އޭނާ އުޅުނު ސަބަބަކާމެދު ވެސް ސުވާލުކުރެއެވެ. މާލެ ފެނަށް ދިރުމަށްފަހު އުފަން ރަށްމަތިން ބައެއް މީހުން ހަނދާންނެތޭކަން އެމީހުން ފާހަގަކުރިއެވެ. އަމިއްލަ ޒާތީ ދިރިއުޅުމުގެ އެއްވެސް ކަމެއް އުޝާ ކިޔައެއް ނުދިނެވެ. އެމީހުން އުޝާއާ ގުޅާލަން ގިނަ ވަގުތެއް ނުނަގައެވެ. އުޝާއަށް ޓަކައި ދަތުރެއް އެމީހުންގެ މެދުގައި ރޭވިއެވެ. އުޝާ ފޫހިވާނޭ ފުރުސަތެއް އެމީހުން ނުދެއެވެ.
ކެއުން ނިންމާފައި ގޭދޮށަށް އުޝާ ގެނެސް ލައިދިނުމަށްފަހު ޖީލަންމެން ގެއަށްދާން ހިނގައިގަތީއެވެ. އެމީހުންނަށް ދުރަށްދެވެންދެން ދޮރޯށި ކައިރީ އުޝާ މަޑުކުރިއެވެ. ދެން އަވަހަށް ފޯނު ނަގައި ހަމްދާނުގެ ނަންބަރަށް ގުޅާލިއެވެ. ކޯލު ރިންގުވާ އަޑު އިވިފައި އެކޮޅުން ބިޒީކޮށްލީއެވެ. އެއާއެކު އުޝާ މެސެޖެއް ލިޔެފައި ފޮނުވާލިއެވެ.
* * * * *
ލައިޒަލްގެ ހިނގުން ބާރުކޮށްލީ ފޯނަށް އައި މެސެޖާއެކުއެވެ. ނީރާ އޭނާއާ ބައްދަލުކުރަން ބޭނުންވެ އިންތިޒާރުގައި ހުރިކަން އެނގުނީމައެވެ. ހަލުވި ފިޔަވަޅުގައި އޭނާ އައިސް ގެސްޓުހައުސްއަށް ވަނެވެ. އެހިނދު ޖޯލީގައި އިން ނީރާ އޭނާއަށް ފެނިއްޖެއެވެ. ނީރާއާ ޖެހިގެން ވައަތްފަރާތަށް ހުރި ޖޯލީގައި ލައިޒަލް އިށީނެވެ.
"ކޮންތާކުން ތިއައީ؟." ނީރާ އަހާލިއެވެ.
"އުޝާ ގުޅިތަ؟." ލައިޒަލް އިނީ ކަންބޮޑުވެފައެވެ. އުޝާ އެ ރަށަށް އައިސް އުޅޭކަން ނީރާއަށް އެނގިފައި އޮތްތޯ ބަލަން ބޭނުންވިއެވެ.
"ނުގުޅާ... އަހަރެން އޭނާއާ ބައްދަލުކުރަން ދިޔައިން. ފުރަން އޮތް ދުވަހު. އަހަރެން ދިޔައިރު ލައިޒަލް ނިދާފަ އޮތީ."
"ތިދައްކަނީ އެއާޕޯޓުގައި ނީ ހުއްޓާ އަހަރެން ގުޅި ދުވަހުގެ ވާހަކަތަ؟."
"އާން، އެ ދުވަހު ހެނދުނު އަހަރެން ދިޔައިން ތިމީހުންގެ އެޕާޓްމެންޓަށް. އުޝާ ބަލިވެ އުޅޭކަން ރިދާގެ ފަރާތުން އެނގުނީ. ޑަކްޓަރ ބެޑްރެސްޓް ނަގަން ބުނެފަ އޮތްކަން. އުޝާ ދެއްކި ވާހަކައިން އަހަންނަށް އެނގުނީ އޭނާ ބުނަން އެއުޅެނީ ފްރެގް ވާހަކަކަން. ލައިޒަލްއަށް ނޭނގި ލައިޒަލްގެ ގަމީހެއް ލާނީ ކިހިނެއް؟. އޭނާ އެ ދުވަހު ހުރީ ލައިޒަލްގެ ގަމީހެއް ލައިގެން... އަހަރެން ކޮންފިއުޒްޑްވީ އެހެންވެ. އަސްލު އެދުވަހު ވަރަށް ދެރަވި... އަހަރެން އަމިއްލައަށް ނިންމި ނިންމުގެ ސަބަބުން ލައިޒަލްއާއެކު ދެން ދުވަހަކުވެސް ފުރުސަތެއްނެތޭ ހީކުރެވުނީ."
"އެކަމަކު އެނގޭ ދޯ އަހަރެން އެކަހަލަ ފުރުސަތެއް އުޝާއަށް ނުދޭނެކަން. އުޝާ އަހަރެންގެ ކޮޓަރިއަށް ވަނީއޭ ބުނީމެންނު. އޭނާއަށް އަހަރެންގެ ފޯނުން ނީގެ ފޮޓޯ ފެނުނީ. މި ފޯނުން ނީގެ އެއްވެސް ހަނދާނެއް އަހަރެން ފުހެއެއްނުލަން. އަހަރެންގެ އަތުގައި ހަމައެކަނި އޮތް އެއްޗަކީ ހަނދާންތަކެއް. އީހާންއާއެކު ނީ މޫވްއޮން ކުރިއްޔޭ ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެން މޮޔަވާވަރުވޭ. އެކަމަކު އެއްވެސް އެއްޗެއް ލީކްކޮށްލާކަށް ނުކެރުން. ނީ ރޯނެވަރު އެނގޭތީ. ލަދުގަންނާނެކަން އެނގޭތީ... އެކަހަލަ ދެރައެއްދޭކަށް އަހަންނަށް ނުކެރޭނެ. އެކަމުގެ ސަބަބުން މުޅި އުމުރަށް ނީ ގެއްލިދާނެތީ އަހަރެން މާ ބިރުގަނޭ... ނީ... ވަރަށް ލޯބިވޭ."
"ލައިޒަލް ބޭނުންވަނީ ކޮންކަމެއް؟." ވަގުތުކޮޅަކަށް ހިމޭންވެފައި އިނުމަށްފަހު ނީރާގެ ނަޒަރު ކައިރީގަ އިން ލައިޒަލްއާ ސީދާކޮށްލިއެވެ.
"ނީ ބޭނުމީ. މުޅި އުމުރަށް... ނީ އެދޭގޮތް ބުނޭ. އެގޮތެއް އަހަރެން ހަދައިދޭނަން. ނީ އެދޭ ގޮތަކާ އަހަރެން ރުހި ގަބޫލު."
"ލައިޒަލް..." އެއްޗެކޭ ބުނަން އުޅޭ ފަދައިން ނީރާ ގޮވާލިއެވެ.
"ޔަސް... ބުނޭ..." ލައިޒަލް އިނީ ކެތްތެރިކަން ކުޑަވެފައެވެ. އޭނާ ނީރާގެ ވައަތްތިލައިގަ ހިފާލިއެވެ. އިނގިލިތައް މަހާލައި އެ އަތްތިލަ ގެނެސް ލައިޒަލްގެ ތުންފަތުގައި ޖައްސާލިއެވެ.
"އެހާ ލޯބިވޭތަ؟." ނީރާ އަހާލިއެވެ.
"ބުނެދޭން ނޭނގޭހާ. ނީ... ހިތަށް އަރަނީ ކޮންއިރަކުންބާއޭ ނީގެ ފިރިމީހާއަށް އަހަންނަށް ވޭވޭނީ. ކޮންއިރަކުންބާއޭ ނީ އަހަރެންދެކެ ލޯބިވޭ ބުނާނީ. ގައިމު އަހަރެން ބުނަން ނުކެރިފައި ހުއްޓާ އެންމެ ފުރަތަމަ ވެސް ލޯބިވެޔޭ ބުނި މީހަކީތީ." ލައިޒަލްގެ ކޮނޑުން ނީރާގެ ކޮނޑުގައި ޖެހިލިއެވެ.
"ތިހާ ލޯބިވާނެ މީހަކުނެތް. ތިނޫނީ އަހަރެންގެ ފިރިއަކަށް ހަދަން ބޭނުންވާ މީހަކު ވެސް ނެތް. އަދިވެސް އަހަރެން ލޯބިވާވަރު ނޭނގޭތަ؟. އެހެން މީހެއްދެކެ މިހާ ލޯތްބެއް ނުވެވޭނެ. ވާކަށް ބޭނުމެއްވެސް ނޫން." ނީރާ ބޯއަޅާލީ ލައިޒަލްގެ ކޮނޑުގައެވެ.
"އައި ވޯންޓް ޓު ކިސް ޔޫ ރައިޓް ނައު." ލައިޒަލް ބުނެލިއެވެ. އެއާއެކު ނީރާ ހީނލިއަޑު އިވުނެވެ. ދެން މަޑުމަޑުން ނޫނެކޭ ބުނެލިއެވެ. އެހިނދު ލައިޒަލްގެ ތުންފަތް ޖައްސާލީ ނީރާގެ ބޮލުގައެވެ. ވަގުތުކޮޅަކަށް އެގޮތުގައި ދެމީހުން ތިއްބެވެ.
"އަހަރެން މާލެދާން މިއުޅެނީ. މަންމައާއެކު... މިރަށުގައި އަހަރެން ހުރުން ރަނގަޅެއްނޫން." ނީރާ ބުންޏެވެ.
"ކީއްވެ؟. އަހަރެން އައީމަތަ؟. މަންމަ އޯކޭއެއްނޫންތަ؟." ލައިޒަލް ސުވާލު އުފެދުނެވެ. (ނުނިމޭ)