އެޗްޑީސީ

ތިލަފުށީގައި ގަވާއިދާ ހިލާފުވާ ވިޔަފާރިތަކަށް ފިޔަވަޅު

Nov 11, 2021
1

ކ. ތިލަފުށީގައި ގަވާއިދާ ހިލާފަށް ބިން ބޭނުންކުރަމުން އަންނަ ވިޔަފާރިވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދީފި އެވެ.

އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުއްޓަކީ މާލެ ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތްކުރާ ރަށް ކަމަށާއި މި ސަރަހައްދުގައި ވިޔަފާރީގެ ހަބެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރަށެއް ކަމަށެވެ. މި ސަބަބާހުރެ މުޅި ރަށުގެ ބިން އެކި އެކި މީހުންނަށް ކުލީ ބިމުގެ ގޮތުގައި ދޫކޮށްފައިވާއިރު ބައެއް މީހުން، ވެފައިވާ އެއްބަސްވުމާ ހިލާފަށް އަމަލުކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މާލެ ސަރަހައްދުގައި ހިންގާ އެކިއެކި ސިނާއީ މަސައްކަތްތަކަށް އެންމެ ފަހި ފުރުސަތުތަކަކަށް މަގު ފަހިކޮށްދިނުމުގެ ގޮތުންނާއި އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ބިންތައް ކުއްޔަށް ދޫކޮށްފައި ވަނީ އެންމެންގެ މަސްލަހަތަށް ރިއާތްކުރުމަށްފަހު ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުނެ އެވެ.

ނަމަވެސް ބައެއް މީހުން އެއްބަސްވުމާ ހިލާފަށް އެކިއެކި ކަންކަން ކުރަމުން ދާތީ އެކަންއެކަން އެގޮތަށް ނުކުރުމަށް ތަރަކުރާރުކޮށް އެޗްޑީސީސީ އިން އަންނަނީ އަންގަމުންނެވެ. ނަމަވެސް ބައެއް މީހުން އެކޯޕަރޭޝަންގެ އެންގުންތަކާ ހިލާފަށް އަމަލުކުރުގެ ސަބަބުން ދެން ތިބޭ މީހުންގެ މަސައްކަތަށް ގެއްލުންވުމާއި ދަތިވާކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

ގަވާއިދާހިލާފަށް އަމަލުކުރާ މީހުންނަށް، އެމީހުންނާއި އެކީ ހަދާފައިވާ އެއްބަސްވުމުގެ ދަށުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

ތިލަފުއްޓަކީ ގްރޭޓާ މާލެ ސަރަހައްދުގައި ކުރާ އެކިއެކި ސިނާއީ މަސައްކަތް ކުރުމަށް ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ދޫކޮށްފައިވާ ސިނާއީ މަސައްކަތަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ.