ވިޔަފާރި

ސްޓާ ވޯޒް ނެގި ގައުމުތަކަށް ޓޫރިސްޓުން ޖަމާވަނީ

Dec 8, 2015
1
  • ސްޓާ ވޯޒް ފިލްމު ނެގި ގައުމުތަކުގެ ޓޫރިޒަމަށް ކުރިއެރުން ލިބުނު
  • ރާއްޖޭގައި ނެގި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރު

އެތައް ބައެއްގެ މެދުގައި މަގުބޫލު "ސްޓާ ވޯޒް" ގެ މަންޒަރުތަކެއް މިވަނީ ރާއްޖޭގައި ނަގާފަ އެވެ. ސިއްރުން ނެގި މި މަންޒަރުތަކުގެ ހަބަރުތައް ރާއްޖޭން ބޭރުގައި އަދި ފެތުރިފައެއް ނުވެ އެވެ. ނަމަވެސް އެކި ބައިތަކަށް ބަހާލައިގެން ނެރެމުންދާ ސްޓާވޯޒްގެ އެންމެ ފަހުގެ ފިލްމާއެކު ބައެއް ގައުމުތަކަށް ބޮޑެތި ފައިދާތަކެއް ކޮށްފައިވެ އެވެ. ހާއްސަކޮށް ޓޫރިޒަމަށް ކުރި ފައިދާ ބޮޑެވެ. ސްޓާވޯޒްގެ އެންމެ ފަހުގެ ބައި ކަމަށްވާ "ސްޓާ ވޯޒް އެޕިސޯޑް 7" ގެ މަންޒަރުތަކުގައި ހިމެނުނު ގައުމުތަކުގެ ޓޫރިޒަމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފަ އެވެ.

ސްޓާ ވޯޒްގެ އެންމެ ފަހުން ނިކުތް ބައިކަމަށްވާ "ދަ ފޯސް އެވޭކެންސް" ގެ މަންޒަރުތައް ނެގި އެއް މަންޒިލަކީ އިނގިރޭސިވިލާތުގެ ގްލޮކްސްޓާގެ "ޕަޒުލްވުޑް" ސަރަހައްދެވެ. ފެހިކަން ގަދަ ބަގީޗާއެއް ފަދަ މި ސަރަހައްދުގައި ނަގާފައިވާ މަންޒަރުތަކާއެކު އެތައް ބަޔަކު ވަނީ މި ސަރަހައްދުތަކަށް ދާން ބުކިން ހައްދާފަ އެވެ. އެ ސަރަހައްދު ބަލަންދާން އެތައް ބަޔަކު މިހާރު ބޭނުންވެ އެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ "ހޮލިޑޭ ކޮޓޮންއޭޖް" ކުންފުނިން ބުނެފައިވާ ގޮތުގައި މި ފިލްމު ނެގުމާއެކު މި ސަރަހައްދަށް ދާން ބުކިން ހެއްދި މީހުންގެ އަދަދު 85 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

މި ފިލްމުގެ މަންޒަރު ތަކެއް އަޔަލެންޑުގައި ވެސް ނަގާފައިވެ އެވެ. އެ ގައުމުގައި ސްޓާވޯޒްގެ މަންޒަރުތަކެއް ނެގި ހަބަރު ފެތުރުމާއެކު މި ފިލްމު ނެގި ސަރަހައްދުގެ އެ ދިމާލަށް ދަތުރު ކުރި މީހުންވެސް މަދެއް ނޫނެވެ. ބޭނުމަކީ ސްޓާވޯޒްގައި މަންޒަރުތައް ނެގިތަން ބަލައިލުމެވެ. މީގެ އިތުރުން ހޮލީވުޑްގެ ގިނަ ފިލްމުތަކެއް ނަގާ ދުބާއީގައި ވެސް މިކަންވީ ހަމަ މިހެންނެވެ. ދުބާއީގައި ފިލްމު ނެގި ސަރަހައްދަކީ މިހާރު ޓޫރިސްޓުންގެ މަގުބޫލު ހިސާބެކެވެ. މީގެ އިތުރުން ޓިއުނީޝިޔާގައި ސްޓާ ވޯޒްގެ ފިލްމް ނެގުމަށް ހެދި ބޮޑު ސެޓް ބަލައިލުމަށް އެތައް ބަޔަކު އެ ގައުމަށް ޒިޔާރަތް ކުރެ އެވެ. އެއީ ހަނަފަސް ސަހަރާއެއް އޮތް އެ ސަރަހައްދުގައި އުޅޭ މީހުން އާމްދަނީ ހޯދަނީ އެ ސެޓް ބަލައިލަން ދާ ޓޫރިސްޓުންގެ އަތުން ލިބޭ ޓިޕްސް އިންނެވެ. އެހެން ނަމަވެސް ޓޫނިޝިޔާއަށް އެޅުނު ޓެރަރިޒަމްގެ ހިޔަންޏާ އެކު އެކަމަށް ވަނީ ގާތްގަނޑަކަށް ހުއްޓުމެއް އައިސްފަ އެވެ.

ދެން އޮތީ ރާއްޖެ އެވެ؛ ނަމަވެސް ރާއްޖޭގައި ނެގި ފިލްމް ރިލީޒް ކުރަން އަދި ލައްކަ ދުވަސް އެބައޮތެވެ. ލ. އަތޮޅުގައި ނަގާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރާ "ރޯގު ވަން: އަ ސްޓާ ވޯޒް ސްޓޯރީ" ގެ މަންޒަރުތަކެވެ. މި މަންޒަރުތައް ނަގާފައި މިވަނީ ރާއްޖޭގައި އޮތް އެންމެ ރީިތި އެއް ހިސާބުގަ އެވެ. އެހެންކަމުން މި މަންޒަރުތަކުގައި ރާއްޖޭގެ ރީތިކަން ފެނިގެންދާނެ އެވެ. ނަމަވެސް ހޮލީވުޑްގެ މަޝްހޫރު ތަރިން ހަރަކާތެރިވި ސައިންސް ފިކްޝަން މި ފިލްމް އަޅުވަންދެން ޖެހެނީ އިންތިޒާރު ކުރާށެވެ. އެކަމަކު އެނގޭ ކަމަކީ މި ފިލްމުގެ ހަބަރު ފެތުރެން ފަށާއިރަށް ފިލްމުގެ ފޭނުން ފިލްމް ޝޫޓްކުރި ލޮކޭޝަންތައް ބަލަން ދާ ކަމެވެ. އެކަން ރާއްޖޭގައި ވެސް ތަކުރާރުވާނެ ކަމަށް ބަލަމާ ހިނގާށެވެ.