އެމްއެންޑީއެފް

ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

Nov 11, 2021

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

ސިފައިންގެ އިން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.

"ވީމާ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރަމެވެ" އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.

ސިފައިންގެއިން ބުނީ ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުން ވަރަށް މުހިއްމު ކަމަށެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި ހާއްސަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދު ތަކުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އެދޭ ކަަމަށެވެ.

މުދާ އުފުލާ އުޅަނދު ތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް އެދިފައިވެ އެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުތަކުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އެދިފައިވެ އެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ކޯސްޓްގާޑުގެ ހިއްސާކުރުމަށްވެސް ސިފައިންގެ އިން ވަނީ އެދިފަ އެވެ.