ދިހަ އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އެވިޑް ކޮލެޖުން ހިންގާ "މާސްޓާސް އިން އެޑިއުކޭޝަނަލް މެނޭޖްމަންޓް" ކޯހުގެ ދެ ފުރުސަތު ސްކޯލާޝިޕްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
އެވިޑް ކޮލެޖްގެ ސްކޯލާޝިޕް ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ޗާންސެލާ އަބްދުﷲ މުސްތާގް އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުސްތާގް ވިދާޅުވީ، މަތީ ތައުލީމުގެ ދާއިރާ ފުޅާކޮށް، ދާއިރާއިން ފުރުސަތު ފަހިކޮށްދިނުމަކީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ކަމުގައި ދެކިނުލައްވާ ކަމަށެވެ. އެއީ ހައިސިއްޔަތު ހުރި މިންވަރުން ކޮންމެ މީހަކަށްވެސް އޮތް ޒިންމާއެއް ކަމަށާ، އެ ކޮލެޖުން މިއަދު ދޫކުރި ސްކޮލާޝިޕް ފުރުސަތަކީ އެ ވިސްނުމުގެ ދަށުން ދޫކުރި ދެ ފުރުސަތު ކަމަށެވެ.
މާސްޓާސް އިން އެޑިއުކޭޝަން ކޯހުން އެވިޑް ލޮލެޖުން ހުޅުވާލި ދެ ސްކޮލާޝިޕް ފުރުސަތަކީ އަތޮޅުތެރޭގެ ސްކޫލްތަކުގައި ތިބި ޕްރިންސިޕަލުންނަށް ހާއްސަ ދެ ފުރުސަތު ކަމަށް މުސްތާގް ވިދާޅުވި އެވެ. އެގޮތުން ސްކޮލާޝިޕަށް އެދޭ ފަރާތްތަކަށް މާކްސް ދޭއިރު ތައުލީމީ ފެންވަރުގެ އިތުރަށް އަތޮޅުތެރޭގެ ސްކޫލް ޕްރިންސިޕަލުންނަށް އިސްކަންދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވިދާޅުވީ، މަތީ ތައުލީމީ ދާއިރާ ފުޅާކުރުމުގެ މަސައްކަތަށް އާންމު ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ، ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ގައުމަކަށް ރާއްޖެ ހަދަން ސަރުކާރުން ކުރާ މަސައްކަތަށްވެސް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއްގައި އެވިޑްގެ އިސްނެގުން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މާސްޓާސް އިން އެޑިއުކޭޝަން ކޯހަކީ 1 އަހަރާއި 4 މަސްދުވަހުގެ ކޯހެކެވެ. މިއަދު ދޫކުރި ސްކޮލާޝިޕަށް ހޮވޭ ފަރާތަށް ޖެނުއަރީގައި ކޯހުގައި ބައިވެރިކުރަން މަސައްކަތް ކުރާނެ ކަމަށް އެޑުއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.