ރައީސް މުހައްމަދު ނަޝީދު

މައިބަދައިގެ އޮޕަރޭޝަނަކަށް ބޭރަށް ދާން ނަޝީދު އެދިއްޖެ

Dec 7, 2015
7
  • މައިބަދަޔާ ގުޅިފައިވާ ނާރެއް ވަނީ ފިތިފައި
  • އެ އޮޕަރޭޝަން ރާއްޖެއިން ކުރެވޭކަށް ނެތް
  • އައިޖީއެމްއެޗް ޑޮކްޓަރުންގެ ބޯޑްގެ ހުއްދައެއް ނުލިބޭ

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބުރަކަށްޓަށް ލިބިފައިވާ ގެއްލުމަކާ ގުޅިގެން މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ރައީސް ނަޝީދުގެ އާއިލާއިން ހޯމް މިނިސްޓްރީގެ އެދިއްޖެ އެވެ.

ރައީސް ނަޝީދުގެ ވަކީލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޓީމްގެ އިސް ވަކީލް، ހިސާން ހުސެން ވިދާޅުވީ މީގެ ކުރިން ނަޝީދު ޖަލުގައި ހުންނެވި ދުވަސް ވަރު ކުރި އަނިޔާތަކަކުން ބުރަކައްޓަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން އަބަދުވެސް ދިޔައީ ފަރުވާ ހޯއްދަވަމުންނެވެ. އަދި ނަޝީދު ޖަލަށް ލީ ފަހުން އެ އާލާސްކަންފުޅު ބޮޑުވީ ހިސާން ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓަށް ވެއްދުމުގައި، ފުލުހުން ނަޝީދަށް އަނިޔާކޮށްފައި ވުމުގެ ސަބަބުން މައިބަދަޔަށް ލިބިފައި ހުރި ގެއްލުންތައް އިތުރަށް ބޮޑުވެ، މައިބަދަޔާ ގުޅިފައިވާ ނާރެއް ފިތުމުގެ މައްސަލަ ކުރިމަތިވަމުން އަންނާތީ އެވެ.

މައި ބަދަ އޮޕަރޭޝަން ކުރުމަށް ކުރަން ޖެހޭ، "މައިކްރޯ ޑިސެކްޓަމީ" އޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަނެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެއީ މުޅި ބުރަކަށި ފަޅާ ނުލައި ބުރަކަށީގައި ލޯވަޅެއް އަޅައިގެން ކުރާ އޮޕަރޭޝަނެކެވެ. ހިސާން ވިދާޅުވީ މުޅި ބުރަކަށި ފަޅާލައިގެން ނަޝީދުގެ އޮޕަރޭޝަން ކުރެވެން އެބަ އޮތް ކަމަށާއި ނަމަވެސް އެ އޮޕަރޭޝަން އެގޮތަށް ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް ކޮށްފި ނަމަ، ފަސޭހަވާން ގިނަ ދުވަސް ނަގާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"މައިކްރޯ ޑިސެކްޓަމީ އޮޕަރޭޝަނަކީ ފަހުގެ ޓެކްނޮލޮޖީއެއް. އެކަން މިކޮޅުގައި ކުރެވޭކަށް ނެތް. އެހެންވެ ޑޮކްޓަރުން އޮތީ ރާއްޖެއިން ބޭރަށް ދާން ލަފާދީފައި. އެއާ ގުޅިގެން ނަޝީދުގެ އާއިލާއިން ވަނީ ހޯމް މިނިސްޓްރީގައި އެކަމަށް އެދިފައި. ނަޝީދުގެ ހާލު މިކަމުުގެ ސަބަބުން އިތުރަށް ގޯސްވާތީ މުޅި އާއިލާ ވެސް ވަނީ ކަންބޮޑުވެފައި،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވާ ގޮތުގައި ބޭރަށް ދިޔުމުގެ ފުރުސަތު އެހެން ގައިދީންނަށް ވެސް ލިބޭ އުސޫލުން ނަޝީދަށް ވެސް ލިބޭނެ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެކަމަށް ޓަކައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ބޯޑުން ލިބެން ޖެހޭ ހުއްދައެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ. އަދި އެ ހުއްދަ ހޯދުމަށް ނަޝީދު އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދައްކާފައި ވެސް ނެތް ކަމަށް ހިސާން ވިދާޅުވި އެވެ.

ނަޝީދު އެންމެ ފަހުން އޭޑީކޭއަށް ދެއްކީ ވެސް ބުރަކަށީގެ މައްސަލައިގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ރިޕޯޓް އަދި ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ އައިޖީއެމްއެޗަށް ނުދައްކާ ނަޝީދަށް ބޯޑުން ހުއްދަ ދެއްވާނެ ކަމެއް ވެސް. ނޫނީ އެކަމުގައި ހަދަން ޖެހޭނެ ގޮތެއް ވެސް އަޅުގަނޑުމެންނަކަށް އަދި ހޯމް މިނިސްޓްރީ އިން ނާނގަވާ. އެހެން ވީމާ މިކަމުގެ ކަންބޮޑުވުން އެބަ އޮތް،" ހިސާން ވިދާޅުވި އެވެ.