ދީން

އަނެކާއާމެދު ހިތް ސާފު ކުރުން

ހިތަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ ޖަގަހައެވެ. ސަލާމަތްކަން ލިބިގެންވާ ހިތަކާއިގެން، ޤިޔާމަތް ދުވަހު މާތް ﷲ އާ ބައްދަލުކޮށްފި މީހަކަށް މެނުވީ އެދުވުހުން ނަޖާތެއް ނުވާކަމުގައި ކީރިތި ޤުރްއާނުގައިވަނީ އަންގަވާފައެވެ. ހަމައެފަދައިން، ހިތް އިޞްލާޙުވެއްޖެ މީހާގެ މުޅި ހަށިގަނޑު އިޞްލާޙުވެއްޖެއޭ، އަދި ހިތް ފަސާދަވެއްޖެ މީހާގެ މުޅި ހަށިގަނޑު ފަސާދަވެއްޖެއޭ ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

މުސްލިމުން އަޚުންނާމެދު، ޙަސަދަވެރި ނުވުމާއި، ތިމާގެ އަމިއްލަ ނަފްސަށް އެދޭފަދަ ހެޔޮ ގޮތްތައް އަނެއް މުސްލިމު އަޚާއާމެދު ނުއެދޭހާ ހިނދަކު، އެކެއްގެވެސް އީމާންކަން ޞައްޙަ ނުވާނޭކަމުގައިވެސް އިތުރު އެކަލޭގެފާނުވަނީ ޙަދީޘް ކުރައްވާފައެވެ.

އަދުގެ ދުނިޔޭގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ބޭރުފުށުގެ ރީތިކަމަށެވެ. ގިނަ ބަޔަކު އެދެނީ އޮމާން ހަންގަނޑަކާއި ފަން އިސްތަށިގަނޑެއް ލިބުމަށެވެ. ރީތި މޮޅު ފޭރާމުގެ، އާ ފެޝަނަކަށް ފަހާފައިވާ ހެދުމެއް ލުމަށެވެ. މޫނުގައި އެންމެ ފަހުގެ ކުލަތައް ޖައްސާ ރީތި ކުރުމަށެވެ. ރީތިކަމަކީ ބޭރުފުށަށް ފެންނަ މަންޒަރެއް ކަމުގައި އެބައިމީހުން ދެކެވެ.

ކަން އޮތީ މިޔާ މުޅީން ޚިލާފަށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «إِنَّ اللهَ لَا يَنْظُرُ إِلَى أَجْسَادِكُمْ، وَلَا إِلَى صُوَرِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ» رواه مسلم މާނައީ: "ހަމަކަށަވަރުން، މާތް ﷲ ތިޔަބައިމީހުންގެ ހަށިތަކަށާއި ސޫރަތަކަށް ބައްލަވައި ވޮޑިގެން ނުވެއެވެ. އެހެނެއްކަމަކު އެއިލާހު ބައްލަވައިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ހިތްތަކަށެވެ."

ހިތް ސާފުކުރުމާއި، އަނެކާއާމެދު އެއްވެސް ޙަސަދައެއް ނެބޭއްވުމަކީ ބުނެލަން ފަސޭހައެއް ކަމަކު ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް، މުސްލިމުންތަކުންނަށް ހިތް ސާފުކުރުމަކީ ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ވާޞިލުކޮށްދޭ ހެޔޮ ޢަމަލެކެވެ.

އަނަސް ބުނު މާލިކު رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރެއްގައި ތިމަންމެން ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުގައި ތިއްބާ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " يَطْلُعُ عَلَيْكُمُ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ " "މިހާރު ތިޔަބައިމީހުންގެ ތެރެއިންދާ މީހާއަކީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ." އެހިނދު، އަންޞާރިއްޔަ ބޭކަލަކު އެހެންލާފައި ވަޑައިގަތެވެ. އެބޭކަލެއްގެ ތުނބުޅީން ވުޟޫގެ ފެންތިކިތަ ފައިބައެވެ. އަދި އެބޭކަލެއްގެ އަތްޕުޅުގައި ފައިވާން ޖޯޑު އޮތެވެ.

އަނެއް ދުވަހުވެސް ކީރިތި ރަސޫލާ صلى الله عليه وسلم ހަމަ އެފަދައިން ޙަދީޘް ކުރެއްވިއެވެ. އަދި ކުރީ ދުވަހެކޭ އެއްފަދައިން އެދުވަހުސް އެހެންލާފައި ވަޑައިގަތީ ހަމަ އިއްޔެވެސް ވަޑައިގެންނެވި ކަލޭގެފާނެވެ. ތިންވަނަ ދުވަހުވެސް ކީރިތި ރަސޫލާ صلى الله عليه وسلم އެފަދައިން ޙަދީޘް ކުރެއްވިއެވެ. އަދި ހަމަ އެދުވަހުވެސް އޭގެ ކުރީދުވަހެކޭ އެއްފަދައިން، ހަމަ އެބޭކަލަކު އެންލާފައި ވަޑައިގަތެވެ.
ތިންވަނަ ދުވަހު ކީރިތި ރަސޫލާ صلى الله عليه وسلم އެ މަޖިލިހުން ވަޑައިގެންނެވުމުން، ޢަބްދު ﷲ ބުނު ޢަމުރު ބުނުލް ޢާޞް رضي الله عنه ތެދުވެވަޑައިގެން، އެޞަޙާބީގެ އަރިހަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ގޭގައި ދެތިން ދުވަހު ހުރުމުގެ އިޒުނައަށް އެދި ވިދާޅުވިއެވެ. "މި އުޅެނީ އަހުރެންގެ ބައްޕާ އާ މައްސަލައެއް ޖެހެ، ތިންދުވަސް ވަންދެން ގެއަށް ނުވަނުމަށް ހުވާ ކުރެވިގެންނެވެ. ތިބާގެ ގޭގައި މި ތިން ދުވަހު މަޑުކޮށްލެވިދާނެ ތޯއެވެ؟" އެބޭކަލަކު ވިދާޅުވިއެވެ. "އެންމެ ރަނގަޅެވެ."

އަނަސް رضي الله عنه ވިދާޅުވިއެވެ. ޢަބްދު ﷲ ބުނު ޢަމަރު رضي الله عنه ގެ ތިން ރޭ އެގޭގައި ހޭދަކުރިއިރު، އެބޭކަލަކު ރޭއަޅުކަމަށް ތެދުވެވަޑައި ނުގަންނަވާކަން ފާހަގަ ކުރެއްވިއެވެ. ފަތިސް ވަންދެން ތަންމަތީގައި އޮންނަވައެވެ. އަދި ހޭލެވިއްޖެނަމަ މާތް ﷲ ޒިކުރުކުރެއްވުން ނޫން ކަމެއް ފާހަގަ ނުކުރެއްވެއެވެ. ތިން ދުވަސް ހޭދަވުމުން، ޢަބްދު ﷲ ބުނު ޢަމުރު رضي الله عنه އެބޭކަލަކަށް ދެންނެވިއެވެ. "އަހުރެންގެ ބައްޕާ އާ މައްސަލައެއް ޖެހިގެނެއް ނޫޅެމެވެ. އަދި ރުޅިވެރިކަމެއްވެސް، ގެއަށް ނުވަނުމަކަށްވެސް ނުބުނަމެވެ. އެހެނެއްކަމަކު، އަހުރެމެން ކީރިތި ރަސޫލާ صلى الله عليه وسلم ގެ މަޖިލީހުގައި ތިއްބައި އެކަލޭގެފާނު މިފަދައިން ތިން ދުވަހު ޙަދީޘް ކުރެއްވިއެވެ. " يَطْلُعُ عَلَيْكُمُ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ " "މިހާރު ތިޔަބައިމީހުންގެ ތެރެއިންދާ މީހާއަކީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ." އަދި އެ ތިން ދުވަހުވެސް އެތަނުން ވަޑައިގަތީ ކަލޭގެފާނެވެ. އެހެންވެ، ކަލޭގެފާނު ކުރައްވަނީ ކޮން ހެޔޮ ޢަމަލެއްތޯ ބަލައި، އުނގެނި، އެގޮތަށް ޢަމަލު ކުރުމަށް އެދޭތީ އަހުރެން މިގޭގައި މަޑުކޮށްލަން އެދުނީއެވެ. ނަމަވެސް ކަލޭގެފާނު މާގިނަ ހެޔޮ ޢަމަލުތަކެއް ކުރައްވާތީ، އަހުރެން ނުދެކެމެއެވެ. ވީމާ، ކީރިތި ރަސޫލާ صلى الله عليه وسلم ކަލޭގެފާނާމެދު އެފަދަ ބަހެއް ވިދާޅުވީ ކީއްވެގެން ތޯއެވެ؟"

އެބޭކަލަކު ދެންނެވިއެވެ. "ތިބާއަށް ފެނުނު ކަމެއް މެނުވީ އަހުރެން ކޮށް ނޫޅެމެވެ. އެކަމަކު، ކޮންމެ ރެއަކު އަހުރެން ނިދަން އޮށޯންނަހިނދު، އޮށޯންނަނީ އެންމެހާ މުސްލިމުންނާމެދު ހިތް ސާފުކޮށްގެންނެވެ. އެއްވެސް މީހަކާމެދު މަކަރެއް ޙީލަތެއް އަދި ހަސަދައެއް އަހުރެންގެ ހިތުގައި ނުބާއްވަމުއެވެ." އެހިނދު ޢަބްދު ﷲ ބުނު ޢަމްރު رضي الله عنه ވިދާޅުވިއެވެ. "ތިބާއަށް ލިބުނު ދަރަޖައަށް ގެންގޮސް ދިން ޢަމަލަކީ ތިޔައީއެވެ." (ރިވާކުރެއްވީ އަލްއިމާމު އަހްމަދު)

ހިތް ސާފުކުރުމަކީ ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ގެންގޮސްދޭ ހެޔޮ ޢަމަލެކެވެ. އެހެނީ، މީސްތަކުންނަކީ އެއްބަޔަކު އަނެއް ބަޔަކާމެދު ހިތް ސާފު، ރުޅިވެރިކަމެއް، ޙަސަދަވެރިކަމެއް ނެތް ބަޔަކުނަމަ، އެފަދަ މުޖްތަމަޢެއްގައި އޮންނާނީ އަންމަން އަމާންކަމާއި ހަމަޖެހުމެވެ. އެފަދަ މުޖްތަމަޢެއްގައި، އުޚުއްވަތްތެރިކަން ޤާއިމުވެ، ޞުލްޙަ މަސަލަސްކަން ފެތުރިގެންދާނެއެވެ.