ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕާކިސްތާން

ޕާކިސްތާނަށް ވަންނަ އަފްޣާން މީހުނަށް ވެކްސިން ދެނީ

ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ވަންނަ އަފްޣާން މީހުންނަށް އަގަކާ ނުލައި ކޮވިޑް ވެކްސިން ޖެހޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އަފްޣާންގެ އިންތިގާލީ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީއާ ގުޅުއްވައި ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ޕާކިސްތާނުން ނިންމި ގޮތް ހިއްސާކުރައްވާފައި ވާނެ އެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޕާކިސްތާނަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދެއްވާނެ ކަމަށް ވެސް ދަންނަވާފައި ވާނެ އެވެ.

އަފްޣާން ރައްޔިތުންނަށް ވަގުތީ ހައްލަކަށް ވާނެ ކަމަށް ބެލެވޭ ގިނަ އައިޓަމްތަކެއް ފޯރުކޮށް ދެއްވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ކުއްލި ހާލަތްތަކުގައި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު އަދި ފިނިހެދުން ހިމެނެ އެވެ.

އިމްރާން ވަނީ އިންސާނީ ކާރިސާއަކުން އަފްޣާން ސަލާމަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް އިސްލާމްއާބާދުން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފަ އެވެ.

ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވެސް މިމޭރުމުން ދުނިޔެއަށް ގޮވާލައްވާފަ އެވެ. އަފްޣާނިސްތާނާ ބެހޭގޮތުން އިސްލާމްއާބާދުގައި ބޭއްވި ޓްރޮއިކާ ޕްލަސް ގްރޫޕްގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ގުރޭޝީ ވިދާޅުވީ އަފްޣާން ސަލާމަތްކުރަން ދުނިޔެ ތެދުވަން ޖެހޭ ކަމަށެވެ.

ގުރޭޝީ ވިދާޅުވި ގޮތުގައި އަފްޣާން މިހާރު އޮތީ އިގުތިސޯދީ ގޮތުން ވަރަށް ދަތި ހާލުގަ އެވެ. ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން މަޖުބޫރުވެފައި ވުމުގެ އިތުރުން މުސާރަ ދެވޭނެ ވަރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަވްޣާނިސްތާންގައި ތާލިބާނުންގެ ބާރުހިންގަން ފެށި ފަހުން އަފްޣާނާ ބެހޭ ގޮތުން އެމެރިކާ އާއި ޗައިނާ އަދި ރަޝިއާގެ ހާއްސަ މަންދޫބުންގެ މެދުގައި ފުރަތަމަ ފަހަރަށް ބޭއްވި ބައްދަލުވުމެއްގައި ގުރޭޝީ ވިދާޅުވީ ބޭންކްތަކުގައި ހިފަހައްޓާފައި ހުރި އަފްޣާން ފައިސާ ދޫކުރުމާ މެދު އެމެރިކާ ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.