ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް (ސީސީއެފްއޭއެޗް) ގެ މެމްބަރަކަށް ވަރަށް އަހަށް ރާއްޖެ ވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ ނަސީމް ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތްގެ ރަސްމީ ޓްވިޓާ ހެންޑްލް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ހަދީޖާ ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވަރަށް އަވަހަށް ސީސީއެފްއޭއެޗްގެ އާ މެމްބަރެއްގެ ގޮތުގައި ރާއްޖެ ވާނެ ކަމަށެވެ.
ސީސީއެފްއޭއެޗްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތުން މުހިންމުވާ ސަބަބެއްގެ ގޮތުގައި ހަދީޖާ ވިދާޅުވެފައި ވަނީ ރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމު ކަމަށްވާތީ އެވެ. އެހެންކަމުން މި މައްސަލަތަކަށް ހައްލު ހޯދުމަށް ފައިސާގެ އެހީތެރިކަން ވަރަށް ބޮޑަށް ރާއްޖެއަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ކްލައިމެޓް ފައިނޭންސް އަކީ ރާއްޖެއަށް އެމަޖެންސީ ހާލަތެއްގައި ބޭނުންވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށް ހަދީޖާ ވިދާޅުވި އެވެ.
ކޮމަންވެލްތުގެ އެހީތެރިކަމާއި އެކު ކްލައިމެޓް ފައިނޭންސަށް ފަސޭހަކަމާއެކު ވާސިލްވެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ހަދީޖާ ވިދާޅުވި އެވެ.
ސީސީއެފްއޭއެޗް އަކީ ކުދި ޖަޒީރާ ގައުމުތަކަށް ކްލައިމެޓް ފައިނޭންސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމާއަތެކެވެ. 2016 ވަނަ އަހަރުން ފެށެގެން ސީސީއެފްއޭއެޗް ހަރަކާތްތެރިވާއިރު މިހާތަނަށް ހަ ގައުމަކަށް ކްލައިމެޓް ފައިނޭންސްގެ ގޮތުގައި 43.8 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓްތައް ހިންގަން ވަނީ ފައިސާ ހޯދައިދީފަ އެވެ.