އެޗްޑީސީ އިން ހުޅުމާލެ ސެންޓްރަލް ޕާކުގެ ފެންއަރުވާ ވަޑާން ރަސްމީކޮށް ހުޅުވައިފި އެވެ.
މިއީ ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ފެންއަރުވާ ވަޑާމެވެ. އެޗްޑީސީ އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސެންޓްރަލް ޕާކުގެ އިންޓަރެކްޓިވް ވޯޓާ ފައުންޓަން ނުވަތަ ފެންއަރުވާ ވަޑާން އިފްތިތާހުކޮށްފައި ވަނީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި އެތަން އިފްތިތާހުކޮށްދެއްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ސުހައިލް ވަނީ ރެކްރިއޭޝަން ޒޯނާއި މިސްކިތެއް ހިމެނޭ ގޮތަށް ތަރައްގީ ކުރެވޭ ސަރަހައްދު ފާހަގަކުރައްވާ މީގެ އިތުރުންވެސް މިގޮތަށް ހުންނަ ހުސް ޖާގަތަށް ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އާބަން ފާމިން ސަރަހައްދުގެ މަސައްކަތްތައް ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި މިފަދަ އޯޕަން ގްރީން ސްޕޭސްތަކުން މަންފާ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުންފުނީގެ ފަރާތުން ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މި ފެންއަރުވާ ވަޑާމަކީ މިއުޒިކާއި ލައިޓާއި އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކުރެވިފައިވާ ޖުމްލަ 20 ހާސް އަކަފޫޓުގެ ޖާގައިގާއި ހަދާފައިވާ ފައްވާރެކެވެ.
އަދި 15 މީޓަރާއި ހަމައަށް ފެން ހަރަކާތްކުރުމުގެ ތެރޭގައި ހިއްލޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް އާއި ހަވާލުކޮށްގެންނެވެ. ރަސްމީކޮށް ހުޅުވާލެވުނު މިތަނަކީ ސެންޓްރަލް ޕާކު ތަރައްގީ ކުރުމަށް ބަހާލައިފައިވާ ޒޯންތަކުގެ ތެރެއިން މުހިއްމު އެއް ޒޯނު ކަމަށް އެޗްޑީސީ އިން ބުންޏެވެ.