މަސްވެރިން

އޭޕްރީލްގެ ފަހުން ބޮޑުކަންނެލީގެ އަގު 100 ރުފިޔާއިން ދަށަށް

Nov 12, 2021

ބޮޑުކަންނެލި ކިލޯއެއްގެ އަގު މިއަހަރުގެ އޭޕްރީލް މަހަށްފަހު ފުރަތަމަ ފަހަރަށް 100 ރުފިޔާ އިން ދަށަށް ވެއްޓިއްޖެ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކޮންމެ ދުވަަހަކު ހާމަކުރާ މައުލޫމާތަށް ބަލާއިރު ބޮޑެތި ގިނަ ކުންފުނިތަކުން އިއްޔެ 30 ކިލޯ އިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަނެފައިވަނީ 95 ރުފިޔާއާއި 90 ރުފިޔާ އަށެވެ.

އެގޮތުން ބޮޑު ކަންނެލި ކިލޯއެއް 90 ރުފިޔާ އަށް ގަނެފައިވަނީ ބިގްފިޝް، އޯޝަން ފްރެޝް، އެންސިސް، އޯޝަން ހަންޓާ، ސީއެމްއެފް، އެމްކިޔޫއެސް އިންނެވެ. އެކަމަކު ސީސްފެއާ އިން 30 ކިލޯ އިން މަތީގެ ކަންނެލި ކިލޯއެއް ގަނެފައިވަނީ 95 ރުފިޔާ އަށެވެ.

މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޮޑުކަންނެލި ކިލޯއެއްގެ އެވްރެޖް އަގުހުރީ 100 ރުފިޔާއާއި 120 ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޮޑުކަންނެލި ކިލޯއެއްގެ އަގު 125 ރުފިޔާއަށް ވެސް މައްޗަށް ދިޔަ އެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެގޮތުން މިފްކޯ އަށް މިހާރު ވަނީ 378 ޓަނުގެ މަސް އުފުލޭ ވަރުގެ ބޯޓަކާއި 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ވެސް ގެނެސްފަ އެވެ.