ދުނިޔެ

"ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ ގޭސް ކަނޑާލާނަން"

ބެލަރޫސްއާ ޕޮލޭންޑް ގުޅިފައި އޮންނަ ސަރަހައްދީ ބޯޑަރަށް ހިޖުރަވެރިން ޖަމާވާ މައްސަލާގައި ޔޫރަޕުން ރުޅި ބާލަނީ ބެލަރޫސްއަށެވެ.

ޔޫރަޕުން ތުހުމަތުކުރާ ގޮތުގައި މެދުއިރުމަތީ ގައުމުތަކަށް، އީރާގާއި ސީރިއާ އަދި ޔަމަނަށް ނިސްބަތްވާ ރެފިއުޖީ ހިޖުރަވެރިން ޔޫރަޕަށް އަރުވައި ވަޒަންވެރި ކުރުވަށް މަސައްކަތްކުރަނީ ބެލަރޫސްއިންނެވެ. އެއީ ސަރަހައްދުގެ މަސްލަހަތު ގެއްލުވާލުމަށްޓަކައި ބެލަރޫސް ގަސްދުގައި ކުރާ ކަމެއް ކަމަށް ވެސް ޔޫރަޕުން ބުނެ އެވެ.

ހިޖުރަވެރިންގެ މައްސަލާގައި ބެލަރޫސްއިން ޒިންމާދާރު ނުވެއްޖެ ނަމަ އެގައުމަށް ދަތިކުރަން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ ޔޫރަޕުން އޮތީ ބެލަރޫސްއަށް އިންޒާރުދީފަ އެވެ.

ބެލަރޫސްއިން ބުނީ ޔޫރަޕް ގައުމުތަކުން އުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބެލަރޫސްއަށް ދަތިކުރަން ކަމަށާއި، ދަތިކުރުމުގެ ގޮތުން އިތުރު އެންމެ ފިޔަވަޅެއް އެޅި ކަނަވެސް ޔޫރަޕުން ގޭސް ކަނޑާލާނެ ކަމަށެވެ.

ޔޫރަޕް ގައުމުތަކަށް ގުދުރަގީ ގޭސް ސަޕްލައިކުރަން ރަޝިއާއިން ގޭސްހޮޅި އަޅާފައި އޮންނަނީ ބެލަރޫސްގެ ތެރެއިންނެވެ. ބެލަރޫސް މެދުވެރިކޮށް ވަރަށް މުހިން ދެހޮޅިއެއް ޔޫރަޕަށް ދަތުރުކޮށްފައި އޮވެ އެވެ.

ބެރަލޫރޫސްގެ ރައީސް އެލެގްޒެންޑަރު ލޫކަޝެންކޯ ވިދާޅުވީ ޔޫރަޕް ހީފިލުވައި ދިނުމުގައި ބެލަރޫސްގެ ޒިންމާއެއް ވެސް އޮތް ކަމަށެވެ. ފިނިމޫސުމާ ދިމާކޮށް ގޭސްހޮޅި ބަންދުކޮށްފި ނަމަ މުޅި ޔޫރަޕް ގަނޑުވެދާނެތީ އެމީހުން ކަންބޮޑުނުވާ ކަމަށް ވެސް ލޫކަޝެންކޯ ވިދާޅުވި އެވެ.

ރަޝިއާއާ އެކު ބެރަލޫސް އޮންނަނީ ވަރަށް ހަރުދަނާ ގުޅުމެއް ކަމަށް ލޫކަޝެންކޯ ވިދާޅުވި އެވެ. ޔޫރަޕަށް އައްސިއަރައިގެން އެއުޅެނީ ރަޝިއާއާ އެކު އޮންނަ ބަދަހި ގުޅުން ފެނިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބެލަރޫސްއާ ޔޫރަޕާ ދެމެދު އުފެދިފައި އޮތް ހަމަނުޖެހުން ހައްލުކުރަން އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކުރުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޝްވަރާ ކުރެއްމެއް ނެތި އަޅާ ފިޔަވަޅަކުން ކެއްސެއް ލިބިދާނެ ކަމަށެވެ.

ރަޝިއާޢިން ބުނީ ބުއްދި އިސްކުރަން ޖެހޭ ކަމަށާއި ބަޑީގައި އުންޑަ ހުއްޓެއް ކަމަކު އެއީ ހިތުހުރި ބައެއްގެ ގަޔަށް ޖަހަން ހުރި އެއްޗެއް ނޫން ކަމަށެވެ. އަދި ބުނީ ދުނިޔެ ދޭ ނަސޭހަތް ގަބޫލުނުކޮށް ބެލަރޫސްއާ ދެކޮޅަށް ޔޫރަޕުން އެއްވެސް ކަމެއް ކޮށްފި ނަމަ ބެލަރޫސްގެ ދިފާއުގައި ރަޝިއާ ތެދުވާނެ ކަމަށެވެ.