ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ވައްކަރު ކައިރީގައި އޮތް ކާގޯ ބޯޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ފުލުހުންގެ ޓީމްތަކެއް އެ ބޯޓަށް އަރައި ފާސްކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގަނީ ޑްރަގް އެންފޯމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ކަމަށެވެ. އަދި އޮޕަރޭޝަން ކުރިއަށް ދާނީ މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ. އެންމެ ފުރަތަމަ އަޑު ފެތުރުނު ގޮތުގައި އެ ބޯޓަށް އެރީ ސިފައިންނެވެ. އަދި އޭރު ސިފައިން އެކަމެއް ދޮގެއް ވެސް ނުކުރެ އެވެ.
ނަމަވެސް ފުލުހުން ފަހުން ބުނެފައި ވަނީ ވައްކަރަށް ހިލަވެލި ހިފައިގެން ދިޔަ ބޯޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ގަބޫލު ކުރެވިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ ބޯޓު ފާސްކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް ދާ އޮޕަރޭޝަނަކަށް ވާތީ އިތުރު ތަފްސީލެއް ފުލުހުން ނުދިނެވެ. ބުނީ ފަހުން މައުލޫމާތު ހާމަ ކުރާނަން ކަމަށެވެ.