ބޮލީވުޑް

އިމްރާނާ ވެވުނީ ކުޑަކުދިން ވާކަހަލަ އަރާރުމެއް: މަލިކާ

މަލިކާ ޝެރާވަތު އަށް ބޮލީވުޑްގައި ފާހަގަ ކުރެވޭ ބަތަލާއަކަށް ވެވުނީ 2004 ގައި ރިލީޒްކުރި "މާޑާ" ގެ ކާމިޔާބުންނެވެ. "މާޑާ" ގައި މަލިކާ ކުޅެފައިވާ ރޯލު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ވެސް ވަރަށް ކަމުގޮސް އޭނާއަށް ފިލްމުތަކުން ފުރުސަތު ލިބެން ފެށި އެވެ.

ނަމަވެސް އެ ފިލްމު ކުޅުނު ދުވަސްވަރު ފިލްމުގެ ބަތަލު އިމްރާން ހާޝިމީ އާއި މަލިކާގެ މެދުގައި ވަރަށް ފިނި ހަނގުރާމައެއް އޮތެވެ. އަދި މަލިކާ ފާޅުގައި އިމްރާނާ ދެކޮޅަށް މީޑިއާގައި ވާޙަކަ ދައްކާފައި ވެސް ވެއެވެ.

ނަމަވެސް މިހާރު މަލިކާ ބުނަނީ އޭރު އިމްރާނާ ވެވުނު އަރާރުމަކީ ކުޑަކުދިން ވާ ކަހަލަ އަރާރުމެއް ކަމަށެވެ. އަދި އިމްރާނަކީ އެކުގައި މަސައްކަތްކުރަން ރަނގަޅު އެކްޓަރެއް ކަމަށެވެ. ފިލްމު ކުޅުނުއިރު ވެސް އެމީހުން މާ ގިނައިން ވާހަކަ ދައްކާ ނޫޅުނު ނަމަވެސް ޝޫޓިންގްގައި ވަރަށް އިމްރާން ވަރަށް އެއްބާރުލުން ދިން ކަމަށް މިހާރު މަލިކާ ގަބޫލު ކުރެ އެވެ.

މަލިކާ ބުނި ގޮތުގައި އިންޑަސްޓްރީގައި މަސައްކަތް ފެށިތާ ކުރީކޮޅު ވީމަ ތަޖުރިބާ މަދުކަމުންނާއެކު އެފަދަ ގޮތަށް އޭނާއަށް އިމްރާނާ ދެކޮޅަށް ވާހަކަ ދެއްކުނީ އެވެ. ނަމަވެސް މަލިކާ ދެއްކި އެއްވެސް ވާހަކައަކަށް އިމްރާނު ރައްދެއް ނުދެ އެވެ.

ފިލްމު ކުޅުނުއިރު ދެ އެކްޓަރުންގެ ގުޅުން ކިތަންމެ ގޯހަސް ފިލްމުގައި އެމީހުންގެ ކެމިސްޓްރީ ފެނުނީ ވަރަށް ގުޅޭ ޖޯޑެއްގެ ގޮތަށެވެ.
ފިލްމުގެ މަސައްކަތް ނިމުމަށް ފަހު އިމްރާނާ އެއްވެސް ވަރަކަށް ގުޅުން ނެތް ކަމަށް ވެސް މަލިކާ ބުންޏެވެ.