ލައިފްސްޓައިލް

ރޭލެއް ދަށުވެ ދެ ފައި ބުރި މީހާ ޖަލަށް ދާން ޖެހިއްޖެ!

ރޭލެއްގެ ދަށުގެ ދެ ފައި ބުރިވި މީހަކު ޖަލަށް ދާން ޖެހިއްޖެ އެވެ. އެމީހާ ޖަލަށް ދާން ޖެހުނީ އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ކަމަށް ކޯޓުން ނިންމައި އޭނާއަށް އަދަބު ދީގެނެވެ. ހަންގޭރީގެ މި މީހާ އެގޮތަށް ކަންތައް ކުރީ 2.4 މިލިއަން ޑޮލަރުގެ އިންޝުއަރެންސް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ސާބިތުވާ ކަމަށް ކޯޓު ހުކުމުގައި ބުނެފައި ވެއެވެ.

ސަންޑޯ ސީއެސް ނަމަކަށް ކިޔާ މި މީހާގެ ދެ ފައި ބުރިވެގެން ދިޔައީ އޭނާ ގަސްތުގައި ކުރި ކަމަކުން ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ރޭލު އަންނަ ތަން ފެނުމުން އެމީހާ ގަސްތުގައި ރޭލު ދަގަނޑު މައްޗަށް އެރީ އެވެ. މިއީ 2014 ގައި ހިނގި ހާދިސާއެއް ނަމަވެސް ކޯޓުން މި މީހާގެ މައްޗަށް ހުކުމް ކޮށްފައިވަނީ މި މަހު ކަމަށް ހަންގޭރީ ނޫހެއް ކަމަށްވާ ބްލިކްގައިވާ ހަބަރެއްގައި ބުނެފައި ވެއެވެ.

މި ހާދިސާއަށް ފަހު ސަންޑޯގެ ދެ ފައި ކަކުލުން ބުރިކޮށްލައި ޕްރޮސްތެޓިކް ފަޔެއް ވަނީ ޖަހާފަ އެވެ. އަދި މުޅި އުމުރަށް ފުރޮޅުލީގޮނޑިއެއްގައި އުޅެން އޭނާއަށް ވަނީ މަޖްބޫރުވެފަ އެވެ.

ހަންގޭރީގެ އަވަށެއް ކަމަށްވާ ނިޔިރްކަސަސްޒާރީގައި ދިރިއުޅޭ 54 އަހަރުގެ މި ފިރިހެންމީހާ ގަސްތުގައި ރޭލު އަންނަނިކޮށް ރޭލު ދަގަނޑު މައްޗަށް އެރީކަމަށް ކޯޓުން ބުންޏަސް އެމީހާ އެ ވާޙަކައަށް އިންކާރު ކުރެ އެވެ.

ނަމަވެސް މި މީހާގެ މައްޗަށް ޝައްކުތައް ކުރެވެން ފެށީ މި ހާދިސާ ހިނގި އަހަރު އެމީހާ ހައި-ރިސްކް ލައިފް އިންޝުއަރެންސްގެ 14 ޕޮލިސީއެއް ނަގާފައިވާތީ އެވެ. އެހެންވެ މިއީ އޭނާ ދުރާލާ ރާވައިގެން ކުރި ކަމެއް ކަމަށް ޝައްކު ކުރެވިގެން މައްސަލަ ތަހުގީގުކުރީ ކަމަށް ވެއެވެ.

ނަމަވެސް ސަންޑޯ ބުނަނީ މި އިންޝުއަރެންސް ޕޮލިސީތައް އޭނާ ނެގީ މީގެން ރަނގަޅު ފައިދާތަކެއް ލިބޭ ކަމަށް ފެނިގެން ކަމަށާއި މިފަދަ ހާދިސާއެއް ގަސްތުގައި ހިންގަން ނޫން ކަމަށެވެ.

ސަންޑޯގެ ދެ ފައި ބުރިވުމާއެކު އޭނާގެ އަންހެނުން އިންޝުއަރެންސް ފައިސާ ހޯދަން މަސައްކަތް ކުރި އެވެ. ނަމަވެސް އިންޝުއަރެންސް ކުންފުނިތަކުން ވެސް ފައިސާ ދޭން އިންކާރުކޮށް މި މައްސަލަ ކޯޓަށް ހުށަހެޅީ އެވެ.

ސެންޑޯ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށާއި 4،725 ޕައުންޑުން ޖޫރިމަނާ ކުރުމަށް ކޯޓުން ކުރި ހުކުމްގައި ވެއެވެ.

ހަންގޭރީ ކޯޓުން މި ހުކުމް ކޮށްފައިވަނީ ސެންޑޯގެ ދެ ފައި ބުރިވިތާ ހަތް އަހަރު ފަހުންނެވެ. މިހާ ދުވަސްވީއިރު ދެ ފަރާތުގެ ވަކީލުން ދިޔައީ މި މައްސަލައިގައި ކޯޓުގައި ވަރަށް ގަދަޔަށް ވަކާލާތު ކުރަމުންނެވެ.