ޝްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރު ކައިވެނި ކުރުމުގެ ކުރިން ބޯނީ ކައިވެނި ކޮށްފައި ވަނީ މޯނާ ޝޫރީ އެވެ. އެކްޓަރު އަރްޖުން ކަޕޫރާއި އޭނާގެ ކޮއްކޮ އަންޝުލާއަކީ މޯނާ އާއި ބޯނީގެ ދެ ދަރިންނެވެ. އެމީހުންގެ ކައިވެންޏަށް އެތައް އަހަރެއް ފާއިތުވީ ފަހުން ޝްރީދޭވީ ދެކެ ބޯނީއަށް ލޯބި ވެވުނެވެ. އަދި މޯނާ ވަރިކޮށްލާފައި ގޮސް ޝްރީދޭވީ އާ ކައިވެނި ކުރި އެވެ. ޖާންވީ އާއި ޚުޝީ އަކީ ބޯނީ އާއި ޝްރީދޭވީގެ ދެ ދަރިންނެވެ.
މޯނާ ޝޫރީ ވަނީ 2012 ގައި ކެންސަރު ބަލީގައި މަރުވެފަ އެވެ. މޯނާ މަރުވިއިރު އަރްޖުން ބޮލީވުޑަށް ތައާރަފްވީ ފިލްމު ރިލީޒްކުރަން އޮތީ ތައްޔާރުވެފަ އެވެ. ޝްރީދޭވީ ވެސް 2018 ގައި ވަރަށް ކުއްލި ގޮތަކަށް ވަނީ މަރުވެފަ އެވެ. ޖާންވީގެ ފުރަތަމަ ފިލްމު ކުޅެމުން ދަނިކޮށެވެ.
މަންމަ ވަރިކޮށްލާފައި ގޮސް ޝްރީދޭވީ އާ ކައިވެނި ކުރުމުން އަރްޖުންގެ ހިތުގައި އޭނާގެ ބައްޕައަށް ވަރަށް ބޮޑު ނަފްރަތެއް އުފެދި ދެބަފައިންގެ ގުޅުން އޮތީ ވަރަށް ގޯސްވެފަ އެވެ. ނަމަވެސް ޝްރީދޭވީގެ ކުއްލި މަރާއެކު ހުރިހާ ކަމެއް ވަނީ ބަދަލުވެފަ އެވެ. ޝްރީދޭވީގެ މަރުގެ ހަބަރު އަހާފައި އަރްޖުން ވަގުތުން އޭނާގެ ބައްޕަ ކައިރިއަށް ޑުބާއީ އަށް ދިޔަ އެވެ. އަދި ބައްޕަގެ ހިތާމައިގައި ބައިވެރިވެ ޝްރީދޭވީގެ ޖަނާޒާގެ ހުރިހާ ކަމެއްގައި ވެސް ބައިވެރިވި އެވެ. އަދި ޖާންވީ އާއި ޚުޝީ އަށް ވެސް އެހީތެރިކަމާއި ލޯބި ދިނުމުގައި އަރްޖުން އާއި އޭނާގެ ކޮއްކޮ އަންޝުލާ ވަނީ މިސާލު ދައްކާފަ އެވެ. މިހާރު އެ ހަތަރު ބޭންނާއި އެ މީހުންގެ ބައްޕަގެ މެދުގައި ވަރަށް ވަރުގަދަ ގާތް ގުޅުމެއް ވަނީ އުފެދި ފައެވެ.
އަރްޖުން ބުނި ގޮތުގައި އޭނާގެ ބައްޕައާ ގުޅުން ރަނގަޅުވާން މެދުވެރިވީ ޖާންވީ އާއި ޚުޝީ އެވެ. އަދި ބައްޕަގެ އިހްސާސްތައް އޭނާއަށް މިހާރު ވިސްނެ އެވެ.
"ކައިވެނި ކޮށްގެން އުޅުނަސް އެހެން މީހަކު ދެކެ ލޯބި ވެވިދާނެކަމާއި އެއީ އެމީހެއްގެ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫންކަން އަހަންނަށް މިހާރު ވިސްނޭ. ނަމަވެސް ކުރިން އަހަރެން ވަރަށް ރުޅިއައި މަންމަ އާ ދޭތެރޭ ބައްޕަ ކަންތައް ކުރި ގޮތުން،" އަރްޖުން ބުންޏެވެ.
ބައްޕަ އާއި އެއްބަފާ ދެ ކޮއްކޮއަށް އޭނާގެ ބޭނުން އެންމެ ޖެހުނު ދުވަހު އެހީތެރިކަން ފޯރުކޮށް ދޭން އިސް ނެގީ މަންމަގެ ތަރުބިއްޔަތުގެ ސަބަބުން ކަމަށް އަރްޖުން ބުންޏެވެ.
"އެ ދުވަހު މަންމަ ދުނިޔޭގައި ހުރިނަމަ ބުނީސް އެމީހުން ކައިރިއަށް ގޮސް އެހީތެރިކަން ފޯރު ކޮށްދޭށޭ،" އަރްޖުން ބުންޏެވެ.
ޖާންވީ އާއި ޚުޝީ އަކީ އެމީހުންގެ ކޮއްކޮއިންކަން ގަބޫލުކޮށް މިހާރު އެ ހަތަރު ބެއިން އުޅެނީ ވަރަށް ގުޅިގެންނެވެ. އެމީހުންގެ ބައްޕަ ބޯނީ ކަޕޫރުގެ 66 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ދާދިފަހުން ބޭއްވި ޕާޓީއަކުން ވެސް މި ހަތަރު ބޭންގެ މެދުގައި އޮތް ގާތް ގުޅުން ވަނީ ހާމަވެފަ އެވެ.