ބޮލީވުޑް

ޖާންވީގެ ތައުރީފު އަރްޖުން އާއި އަންޝުލާ އަށް

ޖާންވީ ކަޕޫރު އަދި މިހާތަނަށް ކުޅުނީ މަދު ފިލްމެއް ނަމަވެސް ކޮންމެ ފިލްމަކާއެކު ޖާންވީ ގެންދަނީ އޭނާގެ އެކްޓިން ހުނަރު ކުރިއަރަމުން ދާކަން ސާބިތު ކޮށްދެމުންނެވެ. އޭނާ ކުޅޭ ފިލްމު ތަކެކޭ އެއްގޮތަށް ޖާންވީގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް ވަރަށް ގިނައިން ނޫސްތަކުން ފެނެ އެވެ. ޚާއްސަކޮށް އޭނާ އާއި ކޮއްކޮ ޚުޝީ އަށް އެ މީހުންގެ މަންމަ ޝްރީދޭވީ ކުއްލިއަކަށް މަރުވުމުން އެއްބަފާ ބޭބެ އާއި ދައްތަ، އަރްޖުން އާއި އަންޝުލާ ކަޕޫރު ދިން ލޯތްބާއި ބެހެއްޓި ގާތް ގުޅުމުގެ ވާހަކަތައް ވަރަށް ގިނައިން އިވެ އެވެ.

ފިލްމްފެއާ އަށް ދިން އިންޓަވިއު އެއްގައި ޖާންވީ ބުނީ މަންމަ ޝްރީދޭވީގެ ކުއްލި މަރުން އޭނާ އާއި ކޮއްކޮ ހިތްހަލާކުވެ ހަދާނެ ގޮތް ހުސްވި ވަގުތު އަރްޖުން ބޭބެ އާއި އަންޝުލާ ދައްތަ އެ ދިން ލޯތްބަކީ ބަޔާން ކުރަން ވެސް ނޭނގޭ ވަރުގެ ލޯތްބެއް ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ އާއި ކޮއްކޮއަށް ހިތްވަރާއި އަޒުމު ލިބި ދިރިއުޅުމައިގެން ކުރިޔަށް ދާން ފަސޭހަވި ކަމަށެވެ.

"އެއްބަފާ ބޭބެއަކާއި ދައްތައެއްގެ ލޯބި އަހަރެމެންނަށް ލިބުނީ ބޮޑެތިވީ ފަހުން ނަމަވެސް އެ ގުޅުން ބަދަހިވީކަމީ އަހަރެމެންގެ ނަސީބު ގަދަކަމުން ވީ ކަމެއްކަމަށް އަހަރެން ގަބޫލު ކުރަން،" ޖާންވީ ބުންޏެވެ.

ޖާންވީ އިތުރަށް ބުނި ގޮތުގައި އޭނާގެ މަންމަ ނެތުމުން ބައްޕަ މިހާރު އެމީހުންނާ ދޭތެރޭ ކަންތައް ކުރަނީ ބައްޕަ އަކަށް ވުރެ ގާތް އެކުވެރިއެއްގެ ސިފައިގައި ކަމަށެވެ. އެ މީހުންގެ ގުޅުން މިހާރު މާ ބޮޑަށް ދެފުށް ފެންނަ ތެދުވެރި އެއްޗަކަށް ވެފައިވާ ކަމަށެވެ.

ޝްރީދޭވީގެ ކުއްލި މަރުން އޭނާގެ ދެބެންގެ ހިތް ހަލާކުވެ ހަދާނެ ގޮތް ހުސްވި ވަގުތު އަރްޖުން އާއި އޭނާގެ ކޮއްކޮ އަންޝުލާ ދެއްކި ނަމޫނާގެ ސަބަބުން އެ ދެބެންނަށް ގިނަ ބައެއްގެ ތައުރީފު ލިބިފައި ވެއެވެ.

އަރްޖުން ބުނި ގޮތުގައި އޭނާއަށް އެގޮތަށް ކަންތައް ކުރެވުނީ މަންމަ ދީފައިވާ ރަނގަޅު ތަރުބިއްޔަތުގެ ސަބަބުންނެވެ. އަރްޖުންގެ މަންމަ ދުނިޔެ އާ ވަކިވެގެން ބައްޕަ ބޯނީ ކަޕޫރު ބޭވަފާތެރިވެ މަންމަ ވަރިކޮށްލާފައި ގޮސް ޝްރީދޭވީ އާ ކައިވެނި ކުރުމުން ކަން އަރްޖުން އަށް އެނގެ އެވެ. އަދި ޝްރީދޭވީ ދުނިޔޭގައި ހުރިހާ ދުވަހަކު އޭނާގެ ދަރިންނާއި ބޯނީ އާ ވެސް އަރްޖުން އާއި އަންޝުލާ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ. ނަމަވެސް ޝްރީދޭވީ ކުއްލިއަކަށް މަރުވުމުން އެ ދެބެން ދެއްކި ނަމޫނާ އަކީ ތައުރީފު ހައްގު ނަމޫނާ އެކެވެ.

ޖާންވީ އާއި ޚުޝީ އަކީ އެމީހުންގެ އެއްބަފާ ކުދިންކަން ގަބޫލުކޮށް އެކުދިންނާ އޮތް ގުޅުން ވަރުގަދަ އެކުދިންނަށް އެ ބޭނުންވީ ވަގުތު އެ ކުދިންނާއެކު އެ ދެބެންނަށް ބޭނުންވާ އަޅާލުމާއި ލޯބި ދީގެންނެވެ.