އައިޖީއެމްއެޗް

200 މީހުންގެ ޖާގައިގެ މިސްކިތެއް އައިޖީއެމްއެޗް ގައި އަޅަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި 200 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގައި މުޅިން އާ މިސްކިތެއް އަޅަން ނިންމާފައިވީނަމަވެސް، ހޮސްޕިޓަލުގައި މިހާރުވެސް އެ ތަނުގެ މުވައްޒަފުންނާ، ތަނަށް ދާމީހުން ނަމާދުކުރަން ކުޑަ މިސްކިތެއް ހަދާފައި ހުރެ އެވެ. އެހެން ނަމަވެސް އެތަނުގެ ޖާގައިގެ ދަތިކަމުން އަންހެނުންނާއި ފިރިހެނުންނަށް އެއް ވަގުތެއްގައި ނަމާދު ކުރުމުގައި ދަތިތަކާ ކުރިމަތިވެ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ، އައިޖީއެމްއެޗް ހޮސްޕިޓަލަކީ މުވައްޒަފުންގެ އިތުރަށް، އެއްވަގުތެއްގައި ގިނަ އަދަދެއްގެ އާންމުން އައިސް ތިބޭ ތަނަކަށް ވާއިރު، އެތަނަށް ދާ މީހުންނަށް ނަމާދަށް އެރޭނެ ފުރިހަމަ އިންތިޒާމެއް ނެތުމުން ބައެއް މީހުން ވަރަށް ބޮޑަށް ޝަކުވާ ކުރާ ކަމަށެވެ. މުޅިން އާ މިސްކިތެއް އަޅަން ނިންމީ އާންމުންގެ ޝަކުވާތަކަށް ނިމުމެއް ގެނެސް، ހޮސްޕިޓަލަކީ ރައްޔިތުންނާ ރައްޓެހި ފެންވަރު ރަނގަޅު މާހައުލަކަށް ހެދުމުގެ ގޮތުން ކަމަށް މައުސޫމް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުންނާއި ޒަކާތު ފަންޑުން ހަރަދުކޮށްގެން އެ މިސްކިތް އަޅަނީ އައިޖީއެމްއެޗްގެ ކެންޓީން ކުރިމަތިން އޮންނަ އޮތް ހުސް ޖާގައިގަ އެވެ. އެ މަސައްކަތަށް ހަތް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ތަސްލީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ތަން އާއުކުރުމަށް ސަރުކާރުން ފަށާފައިވާ ބައެއް ކަންކަމަށް އިޝާރާތްކުރައްވައި މައުސޫމް ވިދާޅުވީ، އައިޖީއެމްއެޗްގެ އާންމު ވޯޑުގައި ހުންނަ ދެ ލިފްޓާއި ޕްރައިވެޓް ރޫމް ހުންނަ ބައިގެ ލިފްޓު އާއުކުރުމުގެ މަސައްކަތް ވެސް "ފެބްރުއަރީގެ ނިޔަލަށް ނިންމާނެ" ކަމަށެވެ. އެ ހަތަރު ލިފްޓް އާ ކުރުމަށް 10 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.