ޑރ. މުހައްމަދު މުއިއްޒު

ފެންވާރުގެ ބޮޑުބައި ރައީސް ޔާމީންގެ ދައުރުގައި އޮތީ ނިމިފައި: މުއިއްޒު

ސެންޓްރަލް ޕާކުގެ ރޭ ހުޅުވި ފެންއަރުވާ ވަނޑާމުގެ ބޮޑު ބައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮތީ ނިމިފައި ކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީން ހަދައި، ރޭ ރަސްމީކޮށް ހުޅުވި ފެންއަރުވާ ވަޑާމަކީ ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ފެންއަރުވާ ވަނޑާމެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ އެ ފެންއަރުވާ ވަނޑާމުގެ އަމަލީ މަސައްކަތް އޭނާގެ ހައުސިން މިނިސްޓަރު ކަމުގައި 2017 ވަނަ އަހަރު ފެށި ކަަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އެ މަސައްކަތުގެ 80 ޕަސެންޓު އޮތީ ނިމިފައި ކަަމަށެވެ.

"ނަމަވެސް ވެރިކަން ބަދަލުވުމަށް ފަހު މަސައްކަތް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައި. އަދި މިހާރު އެވަނީ ނިމިފައި. މިއީ ރައީސް ޔާމީންގެ ލީޑާޝިޕްގެ ތަސައްވަރުން ވުޖޫދަށް އައި ޕްރޮޖެކްޓެއް. ޝުކުރިއްޔާ ރައީސް ޔާމީން" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގައި ހެދި ފެންއަރުވާ ވަނޑާމަކީ މިއުޒިކާއި ލައިޓާއި އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކުރެވިފައިވާ ޖުމްލަ 20 ހާސްއަކަފޫޓުގެ ޖާގައިގާއި ހަދާފައިވާ ފެންއަރުވާ ވަނޑާމެކެވެ. އަދި ފެންގަނޑު ހަރަކާތްތެރިވާއިރު 15 މީޓަރު އުހަށް ފެންގަނޑު ހަރަކާތްކުރާނެ ކަމަށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް އާއި ހަވާލުކޮށްގެންނެވެ. މިތަނަކީ ސެންޓްރަލް ޕާކު ތަރައްގީކުރުމަށް ބަހާލައިފައިވާ ޒޯންތަކުގެ ތެރެއިން މުހިއްމު އެއް ޒޯނެވެ.