ބޮލީވުޑް

"އަނޫޕަމާ"ގެ އެޕިސޯޑަކަށް ރުޕާލީއަށް ލިބޭވަރު އެނގޭތަ؟

ސްޓާ ޕްލަސްގެ "އަނޫޕަމާ" އަކީ މިހާރު އިންޑިއާގެ ޗެނަލްތަކުން ދައްކާ ޑްރާމާތަކުގެ ތެރެއިން ޓީއާރުޕީ ރޭހުގެ އެއްވަނައިގައި އޮތް ޑްރާމާ އެވެ. އިންޑިޔާގައި މި ސިލްސިލާ ގަވާއިދުން ބަލާ މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ ގިނަ ކަމަށް އެންމެ ފަހުގެ ޓީއާރުޕީ ޗާޓުން ދައްކަ އެވެ. މިހާރު މި ޑްރާމާގެ އެންމެ ޝައުގުވެރިވާ އަދި ބެލުންތެރިން އެންމެ ހިތްހަމަޖެހޭ ހިސާބަށް ވަނީ އާދަވެފަ އެވެ. އެހެންވެ ޝޯގެ އެންމެ އެޕިސޯޑެއް ވެސް ނުބަލާ ދޫކޮށްލުމަކީ މި ޝޯގެ ފޭނުން މިހާރު ހިތް އެދޭ ކަމެއް ނޫނެވެ.

ޝޯގެ އަޑު ގަދަވެފައިވާއިރު އަނޫޕަމާގެ ރޯލު ކުޅޭ ރުޕާލީ ގަންގޫލީ ވެސް ހުރީ އުފަލުން ގޮސް ހެވިފަ އެވެ. އޭނާގެ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކުރާތީ އާއި ޝޯއިން ލިބޭ މަގްބޫލުކަމުގެ ސަބަބުންނެވެ.

"އަނޫޕަމާ" ފަށާފައިވަނީ މިދިޔަ އަހަރު އެވެ. ޝޯ ފެށިތާ މަދު ހަފުތާ ތަކެއް ތެރޭ އެއްވަނަ މަގާމު ހޯދިގޮތަށް އަދިވެސް މި ޝޯއަށް ގޮންޖަހާލެވޭ ވަރުގެ ޑްރާމާއެއް އެއްވެސް ބަޔަކަށް އުފެއްދިފައެއް ނުވެ އެވެ.

އެންމެ ފަހުން ދައްކާ ގޯރަވް ކަންނާ އާއި ރުޕާލީގެ އެކުވެރިކަމާއި އެމީހުންގެ މެދުގައި ގާތް ވަމުން އަންނަ ގުޅުން ބެލުންތެރިން ވަކިން ބޮޑަށް ޝޯއަށް ޝައުގުވެރި ކުރުވާފައި ވެއެވެ.

މިހާ މަގްބޫލު ޝޯއެއްގެ އެންމެ މަގްބޫލު ކެރެކްޓާ ކުޅެގެން ރުޕާލީ އަށް ކިހާ ވަރެއް ލިބޭ ބާއެވެ؟ އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި "އަނޫޕަމާ"ގެ ކޮންމެ އެޕިސޯޑެއް ރުޕާލީ ކުޅެދެނީ 60،000 ރުޕީސް އަށެވެ. އިންޑިއާގެ ޓީވީ ސިލްސިލާތަކުގައި މަސައްކަތްކުރާ އަންހެން އެކްޓަރުންނަށް އާންމުކޮށް ލިބޭ އުޖޫރައަށް ބަލާއިރު މިއީ ވަރަށް ބޮޑު ފީއެއް ކަމަށް ވެއެވެ.

އެންމެ މަޝްހޫރު އެއް ޑްރާމާ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ އަންހެން އެކްޓަރުންނަށް ވެސް ލިބެނީ ކޮންމެ އެޕިސޯޑަކަށް 30،000 – 35،000 ރުޕީސް އެވެ.

"އަނޫޕަމާ"އަށް އަނޫޖް ކަޕާޑިއާގެ ކެރެކްޓާ އިތުރުކޮށް ގޯރަވް ކަންނާ އެ ރޯލުން ތައާރަފްވީއްސުރެ ބެލުންތެރިންގެ ޝައުގުވެރިކަން މި ޝޯއަށް ވަނީ އިތުރުވެފަ އެވެ. އަދި އޭނާގެ ކެރެކްޓާ ވެފައިވަނީ ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ލިބޭ ކެރެކްޓާ އަކަށެވެ.

ނަމަވެސް އަނޫޖްގެ ރޯލު ގޯރަވް ލައްވާ ކުޅުވަން ނިންމުމުން ފުރަތަމަކޮޅު ރުޕާލީ އެހާ ހިތްހަމައެއް ނުޖެހުނެވެ.

"އަނޫޖްގެ ރޯލަށް ގޯރަވް ކާސްޓްކުރަން އަހަންނާއި އޭނާއާއެކު ހެދި ޓެސްޓް އަދިވެސް އަހަރެން ހަނދާން އެބަހުރި. އެ ޓެސްޓު ބަލާފައި އަހަރެން ހިތަށް އެރި ގޯރަވް އަހަންނަށް ވުރެ މާ ޒުވާން ވައްތަރޭ ޖަހަނީ. އަހަރެމެން ދެ މީހުން އެއްގޮތަކަށް ވެސް ނުގުޅޭނޭ އެހެންވެ. ޝޯގެ ޕްރޮޑިއުސަރުން ކައިރީ ވެސް އަހަރެން ބުނިން އަނޫޖްގެ ރޯލަށް ގޯރަވް ނުލާށޭ. އޭރުން ހީވާނީ އަހަރެން މީ އޭނަގެ މަންމަ ހެންނޭ. ނަމަވެސް ގޯރަވްގެ މޮޅު ޕާފޯމަންސް އިން މި އުނިކަން ވެސް ވަނީ ފޫބައްދާފައި،" ރުޕާލީ ބުންޏެވެ.