ޗައިނާގެ ދުރު ހިސާބެއްގައި ވަކިން އޮންނަ ކުޑަ އަވަށެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ ޑުވޯފުންނެވެ. އަދި ޑުވޯފުން ތިބޭހާ އިސްކޮޅުން ކުރު ނޫނަސް އަވަށުގައި ދެން ތިބި އެންމެން ވެސް ނިސްބަތުން ވަރަށް ކުރެވެ.
ޗައިނާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސީޗުއަން ޕްރޮވިންސްގެ ޔަންގްސީ ކިޔާ އަވަށުގައި ދިރިއުޅޭ ގިނަ މީހުން ޑުވޯފުންނަށް ވާ ސަބަބެއް އަދި ސައިންސްވެރިންނަށް ވެސް ހޯދިފައި ނުވާ ކަމަށެވެ.
ޔަންގްސީގައި ދިރިއުޅޭ އެންމެންނަކީ ވެސް އެ އަވަށުގައި އުފަންވެ އެ އަވަށުގައި އުޅެ ބޮޑުވެފައި ތިބި މީހުންނެވެ.
މި އަވަށުގައި ޑުވޯފުން އުފަންވުން އެހާ ގިނަ ސަބަބު ހޯދަން ސައިންސްވެރިން ވަރަށް ގިނަ މަސައްކަތްތައް މިހާތަނަށް ކޮށްފައި ވެއެވެ. ނަމަވެސް ޗައިނާގެ އާބާދީގެ އިސްކޮޅުގެ ނިސްބަތުން މި އަވަށުގެ އާބާދީގެ އެންމެންގެ ވެސް އިސްކޮޅު ވަރަށް ކުޑަކަން ފާހަގަ ކުރެވެ އެވެ.
މި އަވަށުގައި މަދުވެގެން 40 އާއި 80 ވަރަކަށް ޑުވޯފުން އުޅެ އެވެ. އަދި ދެން ތިބި މީހުންގެ ތެރެއިން ވެސް އެންމެ އިސްކޮޅުން ދިގު މީހާގެ އިސްކޮޅުގައި ވެސް ހުރީ 3 ފޫޓު 10 އިންޗި އެވެ. އެންމެ ކުރުމީހާގެ ގައިގައި ހުރީ ދެ ފޫޓު އެއް އިންޗި އެވެ.
މި އަވަށުގެ މީހުން އާދަޔާޚިލާފަށް ކުރުވާން މެދުވެރިވާ ސަބަބު ހޯދަން ސައިންސްވެރިން ވަރަށް ގިނަ ޓެސްޓްތައްކޮށް ހޯދުންތައް ހޯދައިފި އެވެ. އެ އަވަށުގެ ފެނާއި ވަޔާއި މީހުން ގައި ކުޅޭ ކާނާ އަށް ދަންދެން ޓެސްޓް ކޮށްފި އެވެ. އަދި އަވަށުގެ ބިންގަނޑުގައި ހުރި ވެލި ނަގައިގެން އޭގެ ތަހުލީލުތަކެއް ވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް މިކަން މެދުވެރިވާ އެއްވެސް ސަބަބެއް މިކުރި ތަހުލީލު ތަކަކުން އެނގިފައެއް ނުވެ އެވެ.
ނަމަވެސް އެ އަވަށުގެ ދުވަސްވީ މީހަކު ކިޔައިދިން ގޮތުގައި ވަރަށް ކުރިން އެއްއަހަރަކު އައި ހޫނު މޫސުމެއްގައި އެ އަވަށުގައި އާދާޔާޚިލާފު ބައްޔެއް ފެތުރުނެވެ. މިބަލި ޖެހުނީ އެ ދުވަސްވަރު އަވަށުގައި ދިރިއުޅުނު އުމުރުން ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ކުޑަ ކުދިންނަށެވެ. އަދި ބަލިޖެހުނު ފަހުން އެ ކުދިންގެ ހެދިބޮޑުވުން މުޅިން ހުއްޓުނު ކަމަށް ވެއެވެ. އަދި ބައެއް ކުދިންގެ ހަށިގަނޑަށް އިތުރު ނުކުޅެދުންތެރިކަން ވެސް މެދުވެރިކަމަށް ވެއެވެ. ނަމަވެސް އޭގެ ފަހުން އެތައް އަހަރެއް މިހާރު ވަނީ ފާއިތުވެފަ އެވެ.
އަދި 1997 ގައި އެ އަވަށުގެ ވެލީގައި މާކަރީ ގިނަ އަދަދަކަށް އެކުލެވިފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް ވެސް އަވަށުގެ ބައެއް މީހުން ބުނެ އެވެ. މިއީ އޭގެ ސަބަބުން އަވަށުގެ މީހުންގެ ހަށިގަނޑަށް އައިސްގެން އުޅޭ ބަދަލެއް ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް މިކަން ވެސް ސާބިތުކުރެވޭ ވަރަށް ސައިންސްވެރިންނަކަށް ހެކި ހޯދިފައެއް ނެތެވެ.
އަދި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ ޖަޕާނުން ޗައިނާ އާ ދިމާލަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން މެދުވެރިވާ ކަމެކެވެ.
ޔަންގްސީ އަވަށުގެ ވާހަކަ ޗައިނާ ސަރުކާރުން ދޮގެއް ނުކުރެ އެވެ. ނަމަވެސް އެ ގައުމުން ބޭރުގެ މީހުން އެ އަވަށަށް ދިއުން އޮންނަނީ މަނާ ކޮށްފަ އެވެ.