ދައުލަތުގެ ދަރަނި

ލޯނު ދައްކަން ހޭދަކުރި އަދަދު 900 މިލިއަނުން މަތިވެއްޖެ

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ލޯނު ދައްކަން 957.7 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ލޯނުތަކަށް 1.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މިހާތަނަށް 957.7 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

އެ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ ލޯނު ދައްކަން ހޭދަކޮށްފައިވަނީ 845 މިލިއަން ރުފިޔާ އެވެ.

މި އަހަރު ލޯނު ދައްކަން ހޭދަކުރި އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކޮވިޑުގެ ހާލަތުގެ ސަބަބުން ބޭރުން ގިނަ އަދަދެއްގެ ލޯނު ނެގިނަމަވެސް މި ސަރުކާރުގެ ޖުމްލަ ދަރަނި ހުރީ އެންމެ 34 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ދަރަނި މަތިވެފައިވަނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ލޯނުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ދަރަނި ހުންނާނެ ކަމަށް މިހާރު އަންދާޒާކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާ އެވެ. އަދި މި ހަރަދު ފޫބައްދަން އަންނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރަން 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އޭގެތެރޭގައި ހިމެނެނީ ދަރަނީގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ހޯދަން ޖެހޭ ފައިނޭންސްގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ މީހުންގެ އަތުން ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެތެރޭގެ މީހުންގެ އަތުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓްގައި ވަނީ ކަނޑައަޅާފަ އެވެ.