ދައުލަތުގެ އާމްދަނީ

އާމްދަނީ ޖަމާވާ ތިޖޫރީގައި ފުލެއްނެތް!

ރާއްޖެ އަށް އާ އަހަރެއް އަލި ވިލެނީ އާ ޓެކުހަކާ އެކުގަ އެވެ. ދައުލަތަށް އާމްދަނީ ހޯދާނެ އާ ވިސްނުމަކާއެކުގަ އެވެ. ރައްޔިތުންގެ އަތުން ކޮންމެ ވެސް އެއްޗެއް ނަގައިގެން ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ އާ ވިސްނުމަކާއެކު އެވެ. މި އަހަރު ފެށިގެން ދިޔައީ ޑިޕާޗާ ޓެކްސް ނަގަން ފަށައިގެންނެވެ. ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ހޯދަން މި ޓެކްސް ފެށިއިރު ޕްލާސްޓިކު ކޮތަޅުން ޓެކްސް ނެގުން އަދި އޮތީ އެވެ. ބޭނުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމެވެ. ނަމަވެސް ފެންނަނީ ކޮންމެ އަހަރަކު އިތުރުވާ އާމްދަނީގެ ފައިސާ "ފެނަ" ވެ "ވަޔަ" އަހަރައިގެންދާ ތަނެވެ. ސަރުކާރުގެ އާމްދަނީ ތިޖޫރި ފޫވެއްޓިފައިވާ މަންޒަރެވެ. މި ނޫން ދުވަހެއް ފެންނާނެ ހެއްޔެވެ؟

"ޓެކްސް ނިޒާމު ތައާރަފު ކުރީ ވެސް ދައުލަތަށް އާމްދަނީ އިތުރު ކުރަން. އާމްދަނީ އިން ދެކޮޅު ނުޖެހޭތީ. އެކަމަކު މިއަދު ވެސް ހަމަ މި އުޅެނީ އެ ހާލަތުގަ. އާމްދަނީ އިތުރުވި ނަމަވެސް އޭގެ ފައިދާއެއް ނެތް. ހަރަދާއި އިސްރާފު ބޮޑުކަމުން ދެކޮޅު ނުޖެހިގެން މި އުޅެނީ،" ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގެ އިސް މަގާމުތަކެއް ފުރުއްވި މާލީ ދާއިރާގެ ތަޖުރިބާކާރެއް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ތަޖުބާކާރުން ނުބުންޏަށް ތިޔަ ވާހަކަ އެނގެ އެވެ؛ އަދި އެ ވާހަކަ އިތުރަށް ސާފު ވަނީ ވޭތުވެދިޔަ 11 އަހަރު ދުވަހު ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ހާވާލުމުންނެވެ. މި 11 ވަރަކަށް އަހަރު ތެރޭގައި ހިލޭ އެހީ ބޯކޮށް ލިބުނު އަހަރު ތަކެއް ވެސް ފެނިއްޖެ އެވެ. ނަމަވެސް އެ އަހަރު ތަކަށް ބެލިނަމަވެސް ބަޖެޓުގައި އެވްރެޖުކޮށް ހަތަރު ބިލިއަން ރުފިޔާ އާއި ހަ ބިލިއަން ރުފިޔާގެ ފައިނޭންސިން ގެޕެއް ނުވަތަ އާމްދަނީ އާއި ހަރަދު އަޅައި ކިޔާނަމަ ފޫނުބެދުމެއް އޮވެ އެވެ. އަދި ކުރިއަށް މިއޮތް ތިން އަހަރު ވެސް ބަޖެޓުން ފެންނަނީ ހަމަ އެ މަންޒަރެވެ. އުޅެން ޖެހެނީ ދެކޮޅު ނުޖެހިގެންނެވެ.

މިވަނީ ކިހިނެއް ހެއްޔެވެ؟ ލިބޭހާ ލާރި އަޅަނީ ކޮން ތަނަކަށް ހެއްޔެވެ؟

އާމްދަނީ އާއި ބަޖެޓް ދަރަނީގެ ފަރަގު

  • 2010: އާމްދަނީ، 6.5 ބިލިއަން، ހަރަދު: 11 ބިލިއަން (ބަޖެޓް ދަރަނި 4.2 ބިލިއަން)
  • 2011: އާމްދަނީ، 9.9 ބިލިއަން، ހަރަދު: 12 ބިލިއަން (ބަޖެޓް ދަރަނި 2.3 ބިލިއަން)
  • 2013: އާމްދަނީ، 9.7 ބިލިއަން، ހަރަދު: 13.3 ބިލިއަން (ބަޖެޓް ދަރަނި 1.2 ބިލިއަން) - އާވެރިކަމެއްގެ ފެށުން
  • 2014: އާމްދަނީ، 15.1 ބިލިއަން، ހަރަދު: 16.5 ބިލިއަން (ބަޖެޓް ދަރަނި 1.3 ބިލިއަން)
  • 2015: އާމްދަނީ، 17.3 ބިލިއަން، ހަރަދު: 21.4 ބިލިއަން (ބަޖެޓް ދަރަނި 4.1 ބިލިއަން)
  • 2016: އާމްދަނީ، 18.5 ބިލިއަން، ހަރަދު: 25.2 ބިލިއަން (ބަޖެޓް ދަރަނި 6.7 ބިލިއަން)
  • 2017: އާމްދަނީ، 20.2 ބިލިއަން، ހަރަދު: 21.4 ބިލިއަން (ބަޖެޓް ދަރަނި 2.2 ބިލިއަން)
  • 2018: އާމްދަނީ، 22.2 ބިލިއަން، ހަރަދު: 26.5 ބިލިއަން (ބަޖެޓް ދަރަނި 4.2 ބިލިއަން) - އާވެރިކަމެއްގެ ފެށުން
  • 2019: އާމްދަނީ، 22.2 ބިލިއަން، ހަރަދު: 28.9 ބިލިއަން (ބަޖެޓް ދަރަނި 5.7 ބިލިއަން)
  • 2020: އާމްދަނީ، 14.6 ބިލިއަން، ހަރަދު: 30.6 ބިލިއަން (ބަޖެޓް ދަރަނި 15.9 ބިލިއަން)

ދައުލަތަށް އާމްދަނީ ލިބެމުންދާ ގޮތަށް ބަލާނަމަ ޓެކްސް ނިޒާމު ތައާރަފުވިއިރު އާމްދަނީގެ ގޮތުގައި ލިބުނީ އެންމެ ނުވަ ބިލިއަން ރުފިޔާ އެވެ. އެ އަހަރު ހިލޭ އެހީގެ ގޮތުގައި 732.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިއަދުގެ ހާލަތަށް ބަލާނަމަ އޭގެ ފަހުން ދައުލަތުގެ އާމްދަނީ ވަނީ ބޮޑުތަނުން މަތިވެފަ އެވެ. މިހާރުގެ އާމްދަނީއަކީ މި އަހަރު 19.6 ބިލިއަން ރުފިޔާ އަދި އަންނަ އަހަރު 24.2 ބިލިއަން ރުފިޔާ ލިބުމެވެ. އަދި ޖެހިގެން އަންނަ 2023 ގައި 27 ބިލިއަން ރުފިޔާ ލިބޭނެ ކަމުގެ އަންދާޒާއެއް އޮތްއިރު 2024 ގައި މި އަދަދު 27 ބިލިއަން ރުފިޔާ އަށް އުފުލޭނެ އެވެ. އެކަމަކު ކިތަންމެ ވަރަކަށް އާމްދަނީ ލިބުނަސް އެ ފައިސާއެކޭ ކަނޑުގައި އަޅާލެވޭ ރޮނގެކޭ މާކަބޮޑު ތަފާތެއް ނެތެވެ. ފައިސާ އޮހުނަސް ދަރަނި ވަނީ މައްޗެކެވެ. ހަމަ އުޅެން ޖެހެނީ ނުފުދިގެންނެވެ. އެއް ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެނަމަ ދެ ރުފިޔާ ހަރަދު ކުރުމުގެ ސިޔާސަތަށް ނިމުމެއް ނާދެ އެވެ.

މީގެ ކުޑަ މިސާލަކީ 2019 ވަނަ އަހަރެވެ. ސަރުކާރުން ވެސް އެއްބަސްވާ ގޮތުގައި އެ އަހަރަކީ "ކޭސް ރިޗް" އަހަރެވެ. ސްޓެޓިސްޓިކް ވުޒާރާގެ ތަފާސް ހިސާބުތައް ހާވާލުމުގެ ފެންނަނީ އެ އަހަރު ހިލޭ އެހީ އަށް އެކަނި 1.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ލިބިފައިވުމެވެ. މި އަދަދަކީ ވޭތުވެދިޔަ 11 އަހަރު ދުވަހަށް ބަލާއިރު ވެސް 2020 ނަގާފައި އެންމެ ގިނައިން ހިލޭ އެހީ ލިބުނު އަހަރެވެ. އެކަނަކު މީގެން އެޗެއް ފޮރުވުނު ހެއްޔެވެ؟ އެ ފައިސާގެ ބޭނުމެއް ނުފެނެ އެވެ. އެއް ސަބަބަކީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް މަތިވަމުން ދިއުމެވެ. ހާއްސަކޮށް "ނުފެންނަ ހަރަދު" ގެ ސަބަބުން ދައުލަތުގެ އާމްދަނީ ޖަމާވާ ތިޖޫރީގައި "ވަޅުގަނޑެއް" އޮތުމެވެ. ސިޔާސީ މުވައްޒަފުން އިތުރު ކުރުމާއި އިސްރާފު އިންތިހާ އަށް މަތިވެގެން ދިއުމަކީ ބޮޑު ބަލިމަޑު ކަމެކެވެ. ރިކަރަންޓު ހަރަދު ވޭތުވެދިޔަ 12 ވަރަކަށް އަހަރު ދުވަހަށް ބަލާނަމަވެސް ކަންބޮޑުވަކީ މީގެ އެއް ސަބަބެވެ.

12 އަހަރުގެ ރިކަރަންޓް ހޭދަ (ރުފިޔާ އިން)

  • 2010: 8.4 ބިލިއަން
  • 2011: 9 ބިލިއަން
  • 2012: 10 ބިލިއަން
  • 2013: 11.5 ބިލިއަން
  • 2014 : 13.9 ބިލިއަން
  • 2015: 16.7 ބިލިއަން
  • 2016 : 16.1 ބިލިއަން
  • 2017: 14.9 ބިލިއަން
  • 2018: 18.2 ބިލިއަން
  • 2019 : 21.3 ބިލިއަން
  • 2020 : 20.8 ބިލިއަން
  • 2021 : 24.2 ބިލިއަން

ދައުލަތުގެ ހަރަދުގެ ތިލަފަތް އިންތިހާ އަށް މަތިވެގެންދާއިރު ޖުމްލަ ހަރަދު ވެސް ވަނީ ބޮޑު ތަނުން މަތިވެފަ އެވެ. ހަރަދުގެ ޖުމްލަ ނަމްބަރަށް ބަލާނަމަ 2010 ގައި މުޅި ދައުލަތުގެ ޖުމްލަ ހަރަދުގެ ނަމްބަރަކީ އެންމެ 10 ބިލިއަން ރުފިޔާ އެވެ. އަދި މި އަދަދު 2024 އަށް އަންދާޒާ ކުރާނަމަ އުޅެނީ 100 ބިލިއަން ރުފިޔާގަ އެވެ. މި ހާލަތަށް ގައުމު ވެއްޓުމުގެ ސަބަބަކީ ވެރިކަމަށް އަންނަ މީހުންގެ "ދޯހަޅި ސިޔާސަތު" ތަކެވެ. އަނެއް ކަމަކީ އިހުލާސްތެރިކަން ނެތުމެވެ. "ކައިފައި" ބާކީ ނުވުމެވެ.

ވެރިކަމަށް އަންނަން ކޮންމެ ބަޔަކު ވެސް ވަރުގަދަ "ފޮތެއް" ނުވަތަ މެނިފެސްޓޯ" އެއް ރައްޔިތުންނަށް ދައްކަ އެވެ. މިހާރު ދައުލަތުގެ ހަރަދުގެ ސާކަލް ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ މި މެނިފެސްޓޯތަކުގައި "ރިއަލިޓީ" ނެތުމެވެ. އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މިހާރު ފެންނަ އާމްދަނީ ދެކޮޅު ނުޖެހުމުގެ މައިގަނޑު ސަބަބަކީ މެނިފެސްޓޯތަކުގައި ހުންނަ ފީކަޅާ ކަންތައްތަކުގެ ސަބަބުން ކުރާ އަސަރު ބޮޑުވުމެވެ.

އިގްތިސޯދީ ގޮތުން މާކަބޮޑު ފައިދާއެއް ނުލިބުނު ނަމަވެސް މި ކަންކަން ތަންފީޒު ކުރަން މަޖުބޫރުވުމަކީ މި ހަރަދު މަތިވުމުގެ ސަބަބެވެ. ކުޑަ މިސާލަކީ "ބެޔަސް ނުބެޔަސް ލިބޭނެ ފައިސާ" އާއި "ހަމަ އަގު" ދިނުމެވެ. މިކަމެއް ދުވަހަކު ވެސް ނުވާނެ އެވެ. މި ފަދަ ކަންކަމުން ރައްޔިތުންގެ ބޮލަށް ޗިޕް ޖެހުމުގެ ނަތީޖާއަކީ ބޭކާރު ޕްރެޝަރެއްގެ ތެރެ އަށް މުޅި މާލިއްޔާ ވެއްޓިގެން ދިއުމެވެ. ނަތީޖާ އަކަށް ވަނީ އާއްމު ހިދުމަތް ތަކުން ފެށިގެން އެންމެ އަސާސީ ކަންކަމަށް ވެސް ލޯނު ނަގަން މަޖުބޫރުވުމެވެ. ދައުލަތުގެ ދަރަނި އިންތިހާ އަށް މަތިވެގެން ދިއުމެވެ.

ޖުމްލަ ދަރަނި މަތިވަމުންދާ ގޮތް

  • 2010: 17 ބިލިއަން
  • 2011: 23 ބިލިއަން
  • 2012: 25 ބިލިއަން
  • 2013: 28 ބިލިއަން -
  • 2014 : 31 ބިލިއަން
  • 2015: 33 ބިލިއަން
  • 2016 : 38 ބިލިއަން
  • 2017: 43 ބިލިއަން
  • 2018: 47 ބިލިއަން -
  • 2019 : 54 ބިލިއަން
  • 2020 : 70 ބިލިއަން
  • 2021 : 80 ބިލިއަން

މި ހިސާބު ތަކުން ފެންނަ ހަގީގަތަކީ ކޮންމެ ރައްޔިތެއްގެ ބޮލަށް ޖެހޭ ދަރަނި އިންތިހާ އަށް މަތިވަމުންދާ ކަމެވެ. ދައުލަތް ހިންގަން ސަރުކާރުން ނަގާ ލޯނުތަކުގެ ނަތީޖާއަކީ ދައުލަތް ދަރާ ވިކެމުންދާ ތަނެވެ. މިގޮތުން 11 އަހަރު ދުވަހަށް ބަލާއިރު އެންމެ ބޮޑަށް ބޭރުގެ ދަރަނި މަތިވެފައިވަނީ 2018 ގައި 20 ބިލިއަން ރުފިޔާ އަށް އަދި ކޮވިޑުގެ ބަލީގައި އުޅެން ޖެހުނު 2020 ވަނަ އަހަރު އެވެ. އެ އަހަރު ނެގި ލޯނުތަކުގެ ނަތީޖާއަކީ ދަރަނި 29 ބިލިއަން ރުފިިޔާ އަށް އުފުލުމެވެ. އަދި ހުރިހާ ހިސާބުތަކަށް ވިސްނާއިރު އެއިރެއްގައި ހުންނަ ފިނޭންސް މިނިސްޓަރެއްގެ "ފީކަޅާކަމުން" ދައުލަތުގެ މާލީ ހާލަތު ގޯސްވެގެންދާ ތަން ހިސާބު ތަކުން ފެނެ އެވެ. ނަތީޖާއަކީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ ބޮލަކަށް ޖެހޭ ދަރަނި އަންނަ އަހަރު 150 ޕަސެންޓަށް އުފުލުގެ ނުރައްކާ އޮތުމެވެ.

ރައްޔިތުން ތަރައްގީ ބޭނުންވިއަޔަސް އެކަމެއް ކުރެވޭނީ ލިބޭ މިން ވަރަކުންނެވެ. މިހާރު އާމްދަނީ ޖަމާވާ ތިޖޫރީން ފެންނަނީ ލިބޭ މިންވަރު ނިކަން ދަނެގެން ބޭނުންތައް ބަހާލައިގެން ނޫޅެވުމުގެ ނަތީޖާ އެވެ. ކިތަންމެ ގިނަ ޓެކުހެއް ނެގިނަމަވެސް ދުވަހަކު ވެސް ދިވެހިންނަށް ފުދޭވަރެއް ނުވާނެ އެވެ. ސަބަބަކީ އާމްދަނީ ޖަމާވާ ތިޖޫރީގައި "ފޫ" ނެތުމެވެ. އާމްދަނީ އަށް ވުރެ ހަރަދު އިންތިހާ އަށް މަތިވުމެވެ. މި އެނބުރޭ ސައިކަލުން ފެންނަނީ އެ މަންޒަރެވެ.