މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގާއެކު ހައްޔަރުކޮށް އެއްބަޔަކު ދޫކޮށްލައިފި

ދެ ކިލޯ އަށްވުރެ ގިނަ ޑްރަގާ އެކީ ހަތް މީހަކު ހައްޔަރުކޮށް، އެއްބަޔަކު ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޑްރަގާއެކު ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ދެ ގެއެއް ފުލުހުން ބަލައި ފާސް ކުރި އެވެ. ބަލައި ފާސްކުރުމުގެ ތެރޭގައި ދެ ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ހޯދި އެވެ.

މިމަހުގެ ނޮވެމްބަރު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 55، 33، 29 އަދި 22 އަހަރުގެ ހަތަރު ދިވެހި ފިރިހެނުންނާއި 53 އަހަރާއި 30 އަދި 24 އަހަރުގެ ދިވެހި ތިން އަންހެނުންނެވެ. ނަމަވެސް ދެ މީހުން ފިޔަވައި ދެން ތިބި މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާއަށާއި 33 އަހަރުގެ މިހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވެ އެވެ. އަދި އަނެއް ފަސް މީހުން ވަނީ ދޫކޮށްލައިފަ އެވެ.