ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގައި ބައިވެރިވުމާއި ދައުލަތަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އާއި އެމްޑީޕީއާ ދެމެދު އެކި ފަހަރު މަތިން މުއާމަލާތްތަކެއް ކޮށް ގުޅުންތަކެއް ހިންގާފައިވާ ކަމަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން މިރޭ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމުގައި ޝިނާން ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު ޖަލަށް ލާން ހުކުމް ކުރިފަހުން، އެމްޑީޕީން އަމަލުކޮށްފައިވަނީ ގައުމަށް ދެރައާ ނިކަމެތިކަން ލިބޭ ގޮތަށް ކަމަށެވެ. އެޕާޓީން ކޮށްފައިވާ ބައެއް ކަހަލަ ކަންތައްތަކަށް މިހާރު ވިސްނާލުމުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެ ޕާޓީއާ ގުޅުން އޮތް ކަމަށް ގަބޫލުކުރެވޭނެ ކަހަލަ ގިނަ ކަންތައްތަކެއް ހިނގާފައި ހުރި ކަމަށް ޝިނާން ތުހުމަތު ކުރެއްވި އެވެ. ސަރުކާރު ފެށިގެން އައި އިރު އެމްޑީޕީއިން ތަކުރާރުކޮށް އަދީބަށް ނުރުހުމާއި ފުރައްސާރަކުރަމުން އައިސްފައިވާއިރު، ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއިން ފެށިގެން އެމްޑީޕީގެ އިސް ބޭފުޅުންނަށް އަދީބަކީ މިހާރު މާ ކަމުދާ ބޭފުޅެއް ކަމަށް ވެސް ޝިނާން ފާހަގަކުރެއްވި އެވެ.
އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ވޯޓުގައި ބައިވެރި ނުވާން އެމްޑީޕީން ނިންމި ނިންމުމާއި، އެމްޑީޕީގެ މުޒާހަރާތަކުގައި އަދީބުގެ ހައްގުތައް ހިމާޔަތްކުރަން އެ ޕާޓީގެ ބައެއް މެންބަރު ވާހަކަފުޅު ދެއްކެވުމަކީ އަދީބާ އެމްޑީޕީއާ ދެމެދު ގުޅުންތަކެއް އޮވެދާނެ ކަމަށް ވިސްނަން މަޖުބޫރުވާ ބައެއް ކަހަލަ ކަންކަން ކަމަށް ޝިނާން ވަނީ ވިދާޅުވެފަ އެވެ.
"އަދީބުއާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާ ކޮންމެ ފަހަރަކުވެސް އެމްޑީޕީން އެކަމާ އެބަ ދެކޮޅު ހަދާ. އަނެއް ކޮޅުން، އެމްޑީޕީގެ ބައެއް ހަރަކާތްތަކުގައި އަދީބް މިނިވަންކުރަން، އަދީބަކީވެސް އިންސާނަކަށް ވާއިރު ހައްގުތަކެއް އޮންނާނެ ކަމަށް ބުނެ ބައެއް މެންބަރުން ވާހަކަ އެބަ ދައްކަވާ. އެ ބޭފުޅުން އަދީބުގެ މަސް ކޮށައިގެން ކާޅަށް ކާން ދިން އިރު ކޮބައިތޯ އަދީބުގެ ހައްގު،" ޝިނާން ވިދާޅުވި އެވެ.
އެމްޑީޕީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަޔަކީ އެ ޕާޓީގެ ހަގީގީ އަޑު ރައްޔިތުންނާ ހަމަޔަށް އިއްވައިދޭނެ ލީޑަރަކު ނެތުން ކަމަށް ޝިނާނު ވަނީ މިރޭ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެމްޑީޕީ މިހާރު ފެންނަނީ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓިއެއްގެ ދައުރު އަދާ ނުކުރެވި، ސަރުކާރު ޒިންމާާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ނުކުރެވޭތަން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕާޓީގެ ސިޔާސަތު އާންމުންނަށް އޮޅުން ފިލުވައި ދިނުމުގައި ދުވަހެއް ދުވަހަކަށް ފެއިލްވަމުންދާ މަންޒަރު ފެންނަ ކަމަށް ވެސް ޝިނާނު ވިދާޅުވި އެވެ.
"މިއަދު މި ފެންނަނީ އެމްޑީޕީގެ ފިކުރަށް މުޅިން ގޮންޖަހަމުން ދިޔަ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި އައިސް އެ ޕާޓީގެ ހެދުން އެމީހުންގެ ގަޔަށް ހެޔޮވަރުކުރަން އުޅޭތަން. އެ މަގުސަދަށްޓަކައި ރައީސް ނަޝީދުގެ އިމޭޖް ވިއްކާ މަންޒަރު. ފަހަރެއްގައިވެސް އެމްޑީޕީއަށް އިޚުލާސްތެރިވެގެންނެއް ނޫން މި އުޅެނީކީއެއް. އެމްޑީޕީގެ މައި ލީޑަރަކީ ނަޝީދު ކަމަށް ވާއިރު، ސަޕޯޓަރުންގެ ލޯބި ހޯދޭނެ މަގަކީ ނަޝީދު ކުރިއަށް ނެރުން ކަމަށް ގަބޫލުކުރާތީ، އެމްޑީޕީގެ ސަޕޯޓަރުން ހޯދަން ކުރާ މަސައްކަތްތަކެއް މިއަދު މި ފެންނަނީ،" ޝިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު އެމްޑީޕީގެ ސަފުތައް ވަނީ ރޫޅިފަ އެވެ. މީގެ ކުރިން ކުރިން އެމްޑީޕީން ފާޅުގައި އެއްޗިހި ގޮވަމުން ދިޔަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އަދާލަތުގެ ރައީސްގެ އިމްރާން އަބްދުﷲ ގެ ދިފާއުގައި ކުއްލިއަކަށް ތެދުވުމުން އެ ޕާޓީގެ ސަޕޯޓަރުންނަށް އެކަން ބަލައިގަންނަން ވަނީ އުނދަގޫވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ މެންބަރުންގެ ތާއީދު ގެއްލި އެ ޕާޓީގެ އެއްވުންތަކަށް ވެސް ނިކުނަނީ މަދުބައެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.