ދައުލަތުގެ ބަޖެޓް

ނުހެދި ހުރި ރަށްތައް ހަދަން ބޭރުގެ މާލީ އިދާރާތަކާ ވާހަކަ ދައްކަނީ

Nov 14, 2021

ނުހެދި ހުރި ރަށްރަތަކުގައި ރިސޯޓު ތަރައްގީ ކުރަން ފައިސާ ހޯދަން އައިއެފްއެފް އާއި ވޯލްޑް ބޭންކްއާ ވާހަކަ ދައްކަވަމުންދާ ކަމަށް ބުނެފި އެވެ.

ބަޖެޓު ކޮމެޓީގައި މިއަދު މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގައި ނުހެދި 118 ރަށް އެބައޮތް ކަމަށާ، ކުރިއަށް އޮތްތަނުގައި މި ރަށްތައް ހެދުން މުހިންމު ކަމަށާ އެކަމަށް މާލީ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"118 ރަށެއް ނުހެދި އެބައޮތް. އެ ރަށްތައް ހަދަން ފަށަން ފައިސާ ހޯދަން މި މަސައްކަތް ކުރަނީ. ދާދިފަހުން އައިއެމްފް އާއި ވޯލްޑް ބޭންކްއާއެކު ވެސް މަޝްވަރާ ކުރެވިއްޖެ. އެ ބޭފުޅުން ވެސް ޔަގީންކަން ދެއްވާ،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ޕެސެންޖަރު ޓާމިނަލް ނިމުމުން އިތުރު ތިން މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ޖާގަ ލިބިގެންދާ ކަމަށެވެ. އެހެންވެ އަންނަ އަހަރު 20 ނޫނީ 30 ރިސޯޓު ހުޅުވަން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ނުހެދި ހުރި ރަށްތައް ހެދުމުގެ ގޮތުން ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާ ވާހަކަ ދެކެވި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމަކަށް ވެސް އައިސްފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އަހަރު ފައިސާ ހޯދަން އަލަށް ހިމަނާފައިވާ "ރިއަލް އެސްޓޭޓް ޓޫރިޒަމް" ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެކަމަށް ޓަކައި ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަނުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.