އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި އަންނަ ހަފްތާ ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ފޮނުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ. އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވެފައި ވަނީ މިނިސްޓަރު މަހުލޫފު މައްސަލަ އާއި އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންނާ މެދު އަންނަ ހަފްތާ ގޮތެއް ނިންމަވާނެ ކަމަށެވެ.
އޭސީސީއިން ތަހުގީގުކުރުމަށްފަހު ފޮނުވާ މައްސަލަތައް ދިރާސާ ކުރުމަށް އަބަދުވެސް ގިނަ ވަގުތު ނަގާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އޭސީސީ އަކީ މިނިވަން މުއައްސަސާއެއް ކަމަށްވެފައި، މައްސަލަތައް ތަހުގީގު ކުރާއިރު އެ އޮފީހާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމަށެވެ. އެހެންކަމުން ފުލުހުންނާއި އެހެނިހެން ތަހުގީގީ އިދާރާތަކާ ހިލާފަށް އޭސީސީއިން މައްސަލައެއް ފޮނުވުމުން ހުރިހާ މައުލޫމާތެއް ލިބެނީ މުޅިން އަލަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޭސީސީއިން މައްސަލައެއް ލިބުނީމާ ސާފުކުރަން ޖެހޭ ކަންކަން ހުރޭ. އަދި ތުހުމަތު އިއްވަންޖެހޭ ކަންކަން ހުރޭ. އަދި އަޅުގަނޑުމެންގެ މަސައްކަތަށް ބޭނުންވާ ބައެއް ކަންކަން ނުބެލި ވެސް މައްސަލަ ފޮނުވާފަ ހުރޭ. އަޅުގަނޑުމެން އެބަ ދަންނަވަން އެބޭފުޅުން ކައިރީ އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން ތިބޭފުޅުންގެ މަސައްކަތަކަށް ހުރަހެއް ނޭޅޭނެއޭ އަޅުގަނޑުމެންނާ މަޝްވަރާކޮށްލާށޭ،" ޝަމީމް ވިދާޅުވި އެވެ.
މިފަދަ ކަންކަން ދިމާވާތީ މައްސަލަތުގައި ގޮތް ނިންމުމަށް ލަސްތަކެއް ދިމާވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އަންނަ ހަފްތާގެ ކުރީކޮޅު މި ދެ މައްސަލައިގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވެފައި ވަނީ ޕީޖީ އޮފީހަށް އެއްވެސް މީހެއްގެ ނުފޫޒެއް ނޯންނާނެ ކަމަށެވެ. މި ދެ މައްސަލައިގައި ވެސް އެއްވެސް މީހެއްގެ ނުފޫޒު ފޯރާފައި ނުވާނެ ކަމަށެވެ.
މިނިސްޓަރު މަހުލޫފުގެ މައްސަލަ ދިރާސާ ކުރާތާ މިހާރު ހަތަރު މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ދައުވާ ކުރަން ފޮނުވި ދުވަހުން ފެށެގެން މިނިސްޓަރު ސަސްޕެންޝަންއެއްގައި ހުންނެވުމަށްފަހު، ޕީޖީ އިން ގޮތެއް ނުނިންމުމުން މިހާރު ވަނީ ސަސްޕެންޝަން އުވައިލާފަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ތުހުމަތުކުރެވޭ 11 މީހަކަށް އިތުރު ދައުވާތަކެއް ކުރަން ހިމަނާ އޭސީސީން އެ މައްސަލަ އަނެއްކާ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އޭސީސީ އިން ޕީޖީ އޮފީހަށް މީގެކުރިން ދެ ފަހަރަށް ފޮނުވުމުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ޝަމީމް ވަނީ އެ މައްސަލާގައި ދައުވާ ކުރަން ދެކޮޅު ހައްދަވާފަ އެވެ. އެކަމަކު އޭރު ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެން ޕީޖީ ވަނީ ފުލުހުންނާއި އޭސީސީއާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލައާއި ގުޅުންހުރި ބައެއް އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޕީޖީ ވިދާޅުވެފައިވެ އެވެ.