ހިޔާނާތް

"ހިޔާނާތްވާން ބިރުގަންނަ ވަރު ކުރާނަން"

\ރާއްޖޭގައި ކޮރަޕްޝަންގެ އަމަލެއް ހިންގުމަކީ މީހުން ބިރުގަންނަ ވަރުގެ ކަމަކަށް ހައްދަވާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ އަމާޒަކީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ. އެކަމަށްޓަކައި ޕީޖީ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާ އަދި މިވަގުތަށް ބޭނުންވާ ބައެއް ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ކަމަށެވެ.

ކޮރަޕްޝަންގެ އަމަލުތަކާއި ޖިންސީ ގޯނާ އަދި ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކަކީ ސަކަރާތް ޖެހޭނެ މައްސަލަތަކެއް ނޫން ކަމަަށާ އެ ކަންކަމަކީ ރާއްޖޭގައި ކުރަން މީހުން ބިރު ގަންނަ ކުށްތަކަކަށް ހައްދަވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރާއްޖެއިން ކޮރަޕްޝަން ނައްތާލަން އަދި ކޮރަޕްޝަނަކީ ރާއްޖޭގައި މީހުން ކުރަން ބިރު ގަންނަ ކަމަކަށް ހަދައިދޭނަން،"

ޝަމީމް ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތަކަށް ބައެއް މީހުން އަރައިގަންނަނީ އެފަދަ މައްސަަލަތައް ތަހުގީގު ކުރުމާއި ޕްރޮސެކިއުޓް ކުރުން އަދި ކޯޓްތަކުން ނިންމުމުގައި ވެސް ލަސްތަކެއްވާތީ އެވެ. ނަމަަވެސް މިހާރު އެފަދަަ ބައެއް މައްސަލަތައް އެގޮތަށް ހުއްޓިފައި ނުހުންނާނެ އެވެ.

"އަޅުގަނޑު ހިތުން ޕަބްލިކަށް މިހާރު އެނގޭނެ ކުޑަކުދިންނާއި ބެހިފައި ސަލާމަތް ވެގެން ރީތިކޮށް ނޫޅެވޭނެކަން. އަޅުގަނޑު ފަހަތުން ދާނެކަން. އަދަބުވެސް ދޭނެކަން، ދައުވާ ވެސް ކުރާނެ ކަން އަދި ޖަލަށް ވެސް ލާނެކަން. އަދި ބަންދުގައި ވެސް ބަހައްޓާނެކަން. އެފަދަ ސްޓްރޯންގް މެސެޖެއް ދޭން އެބަޖެހޭ ކޮރަޕްޝަނަށް ވެސް،"

ޝަމީމް ވިދާޅުވީ މިދިޔަ 10 އަހަރުތެރޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ ނުކުރޭ މިންވަރަށް މިދިޔަ ހަ މަސްދުވަހު ދައުވާ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން މިހިނގާ ނޮވެންބަރު މަސް ވާނީ ބުރަ މަހަކަށް ކަމަށާ މި މަހު ފަށާ ޝަރީއަތްތަކާއެކު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މިދިޔަ އަހަރު އަހަރު ދުވަހު ސާބިތުވެފައި ނުވާ މިންވަރަށް ކޮރަޕްޝަންގެ މައްސަލަތައް ސާބިތު ކުރެވޭނެ ކަމަަށެވެ.

ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިންގެ ތެރެއިން އެކަމުގައި އިސްކޮށް ހިމެނޭ ގިނަ ބައެއްގެ މައްސަލަތައް ނިިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރާއި މި ސަރުކާރުގެ އަދި އެ ނޫން މީހުން ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ އެ މީހުން އެ ކުރަނީ "ވައްކަމެއް" ކަން އެނގިހުރެ އެކަން ކުރި މީހުން ކަމަށްވެސް ވިދާޅުވި އެވެ. އަދި މައްސަލަތަކުގައި ދައުވާ ކުރުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށާ ވަކި ބަޔަކަށް ބެލުމެއްނެތި ގޯސް ހަދާފައިވާ އެންމެންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކަށް އަންނަ އަހަރު އިންސާފު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.