މަންމަގެ އުނގުޅުން ކައްވަޅަށް ދާންދެން ވެސް އިލްމު އުނގެނޭށޭ ބުނާ ބަހެއް އޮވެ އެވެ. ހިތްވަރާއި އަޒުމާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ތައުލީމު އުނގެނިދާނެކަން އެއީ ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. މިކަން އިންޑީއާގެ ކެރެލާގެ 104 އަހަރުގެ އަންހެނެއް ކަމަށްވާ ކުޓިޔައްމާ ވަނީ ސާބިތު ކޮށްދީފަ އެވެ.
ކެރެލާގެ ނޫހެއްކަމަށްވާ އޮންމޮނޯރާމާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަސާސީ ތައުލީމު އިމްތިހާނުން ކުޓިޔައްމާއަށް 100 އަކުން 89 ލިބުމުން އޭނާއަށް އަމިއްލަ ރަށުގައި ފިލްމީ ތަރިއަކަށް ލިބޭ ވަރުގެ މަޝްހޫރު ކަމަކާއި މަގްބޫލު ކަމެއް ވަނީ ލިބިފަ އެވެ.
މި ޓެސްޓް ބާއްވާފައި ވަނީ ކެރެލާގެ ރަށެއް ކަމަށްވާ ކޮޓޭމްގަ އެވެ. ކުޓިޔައްމާ އަށް ކުރިން ވެސް ލިޔެފައި ހުންނަ އެއްޗެތި ކިޔަން އެނގެ އެވެ. ނަމަވެސް ލިޔާކަށް ނޭނގެ އެވެ. އެހެންވެ އަސާސީ ތައުލީމު ފެންވަރަށް މީހުންނަށް ކިޔަވައިދިން ކްލާހެއްގައި އޭނާ ބައިވެރިވި އެވެ. އަދި ހެނދުނާއި ހަވީރު އޭނާގެ ގޭގައި އޮތް ކްލާސް ތަކުގައި ގަވާއިދުން ބައިވެރިވި އެވެ.
މިހާރު ކުޓިޔައްމާއަށް ގްރޭޑް ހަތަރެއްގެ ކުއްޖެއްގެ ފެންވަރަށް ލިޔަން އެނގެ އެވެ. ކުޓިޔައްމާއަކީ ކަންފަތަށް އިވުމުގައި މައްސަލަތަކެއް އުޅޭ މީހަކަށް ވާތީ އިމްތިހާނު ހެދި ދުވަހު ވެސް ޓެސްޓް ފަށަންވީކަން އިއުލާން ކުރުމުގެ ގޮތުން ޓެސްޓް ދޭ މީހާ ވާހަކަ ދައްކަން ޖެހުނީ އާދަޔާހިލާފު ބާރަށެވެ. ކުޓިޔައްމާއަށް އަޑު ނީވިގެން ޓެސްޓް ނަހަދާ އިނދެދާނެތީ އެވެ.
ކެރެލާގެ އެޑިޔުކޭޝަން އެންޑް ލޭބާ މިނިސްޓަރު ވީ. ސިވަންކުއްޓީ ކުރެއްވި ޓުވީޓެއްގައި ކުޓިޔައްމާ މި ހާސިލު ކުރި ކާމިޔާބީގެ ވާހަކަތައް ހިއްސާ ކުރައްވާފައި ވެއެވެ. އުމުރުން 104 ގައި 100 އަކުން 89 ހޯދައި ކުޓިޔައްމާ މި ދެއްކި ނަމޫނާއަށް އިން އިލްމު ހޯދުމުގައި އުމުރަކީ އެއްވެސް ހުރަހެއް ނޫންކަން މުޅި ދުނިޔެއަށް ދައްކާދީފި ކަމަށް މިނިސްޓަރުގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.
މިނިސްޓަރުގެ ޓުވީޓުގައި ކުޓިޔައްމާ ވަރަށް ހެވިލާފައި ޓެސްޓް ހަދަން އިންދާ ނަގާފައިވާ ފޮޓޯއެއް ވެސް ހިމަނުއްވަފައި ވެއެވެ.
ކެރެލާގައި ވަރަށް ޒަމާނުއްސުރެ ބާއްވަމުން ގެންދާ މި އިމްތިހާނުގައި އުމުރުން ވަރަށް ދުވަސްވީ މީހުން ބައިވެރިވެ ވަރަށް ރަނގަޅު ނަތީޖާ ދަނީ ހޯދަމުންނެވެ. ނަމަވެސް ކުޓީޔައްމާ ވަރުގެ ދުވަސްވީ މީހަކު މިހާތަނަށް މި އިމްތިހާނު ހަދައި މިހާ ރަނގަޅު ނަތީޖާއެއް ހޯދާފައެއް ނުވެ އެވެ.
މީގެ ކުރިން 2019 ގައި މި އިމްތިހާނުން 96 އަހަރުގެ ކަރްތިޔަޔާނީ އައްމާ ވަރަށް މަތީ މާކްސް ހޯދާފައި ވެއެވެ. އޭނާއަށް 100 އަކުން 98 އެ ފަހަރު ލިބުނެވެ.
ކެރެލާގެ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް އެ ސްޓޭޓުގެ ސަރުކާރުން 2018ގެ އޮކްޓޯބަރުގައި ފެށި މި ޕްރޮގްރާމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެ ލިޔަން ކިޔަން ދަސްކޮށް އިމްތިހާނު ހަދަމުން ދެއެވެ.