ލައިފްސްޓައިލް

ފާހާނާތަށި މަތީ ގިނައިރު އިނުން ރަނގަޅެއް ނޫން!

ބައެއް މީހުން ފާޚާނާ ތަށިމަތީގައި އިށީންނަ ގޮތަށް ގަޑި ދެ ގަޑިއިރު ވާއިރުވެސް އޭގެ މަތީގައި އިނދެ އެވެ. މިގޮތަށް ގިނައިރު ތަށި މަތީ އިންނަން ބޭނުންވާ މީހުން ފާހާނާއަށް ވަންނާނީ ފޯނު ހިފައިގެންނެވެ. އަދި ފޯނުން އެކި އެކި ހަބަރުތައް ކިޔައި ފޮޓޯތައް ބެލުމުގައި ވަގުތު ހޭދަކުރަމުން ތަށި މަތީގައި އިނދެ ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން ގެންދެ އެވެ.

ނަމަވެސް މިއީ ސިއްހަތަށް ވަރަށް ނުރައްކާތެރި އާދައެކެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މިކަމުން ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ.

އިންޑިޔާގެ މަޝްހޫރު ސާޖަން ޑރ. ކަރަން ރާޖަން އެ ގައުމުގެ ނޫހަކަށް ދެއްވާފައިވާ އިންޓަވިއު އެއްގައި ވިދާޅުވި ގޮތުގައި 10 މިނިޓަށް ވުރެ ގިނައިރު ފާޚާނާ ތަށި މަތީ އިނުމަކީ ވަރަށް ގެއްލުން ލިބޭނެ ކަމެކެވެ. މީގެ ސަބަބުން ފުރަގަސް ފަރާތް ފައިބާ ހެމޮރޮއިޑް ނުވަތަ ޕައިލްސް އޭ މި ކިޔާ ބަލި ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ޝެއާ ކުރެއްވި ވީޑީއޯއެއްގައި މި ގޮތަށް މިކަން ދިމާވާ ސަބަބު ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައި ވެއެވެ.

ޑރ. ކަރަން އަކީ އިމްޕީރިއަލް ކޮލެޖު ލަންޑަން އަދި ޔުނިވަސިޓީ އޮފް ސަންޑަލެންޑްގެ ކްލިނިކަލް ލެކްޗަރާ އެކެވެ. އޭނާ ޝެއާ ކުރެއްވި ވީޑީއޯގައި ފާޚާނާ ތަށި މަތީގައި އިށީންނަން ޖެހޭ ގޮތާއި ފުރަގަސްފަރާތު ބަލިން ސަލާމަތްވެ އެ ވޭންދެނިވި ސާޖަރީ ނުހަދައި އެކަމުން ރައްކާތެރިވުމަށް އަމަލުކުރަން ޖެހޭ ގޮތްތައް ވެސް ކިޔައިދެއްވި އެވެ.

ޓިކްޓޮކްގައި ޑޮކްޓަރު ޝެއާ ކުރެއްވި މި ވީޑިއޯގައި ފާޚާނާ ތަށިމަތީގައި އިނދެގެން ކުރަން ނުވާނެ ތިން ކަމެއް ފާހަގަކޮށްފައި ވެއެވެ.
ފުރަތަމަ ކަމަކަށް އޭނާ ވިދާޅުވީ ގިނައިރު ތަށިމަތީގައި ހޭދަ ނުކުރުމެވެ. އެވްރެޖްކޮށް 10 މިނިޓަށް ވުރެ ގިނައިރު ތަށި މަތީގައި ނީނުމަށް އޭނާ އިރުޝާދު ދެއްވި އެވެ.

"ގްރެވިޓީ އަކީ ތިބާގެ އެކުވެރިއެއް ނޫން،" އޭނާ ވިދާޅުވި އެވެ. ޑޮކްޓަރު އޮޅުން ފިލުއްވައި ދެއްވި ގޮތުގައި އަންހެނަކު ވިޔަސް ފިރިހެނަކު ވިޔަސް ފާޚާނާ ތަށިމަތީގައި އިންނަ ވަގުތު އިތުރުވާ ވަރަކަށް ފުރަގަސްފަރާތުގައި އިންނަ ފަލަ ލޭ ހޮޅިއަކަށް ލޭ ޖަމާވާ މިންވަރު އިތުރުވާނެ އެވެ. އަދި މިއީ ހެމޮރޮއިޑްސްގެ އުނދަގޫ މެދުވެރިވާން ފަށާ ސަބެބެވެ.

އޭނާގެ ދެވަނަ ނަސޭހަތަކީ ބޮޑުކަމުދާއިރު ނާރުތަކާއި މަސްތަކަށް ވާން ވާގޮތަށް މާ ބޮޑަށް ބާރު ނުލުމެވެ. ބާރު ލާނަމަ ލޭ ހޮޅިތައް ދުޅަވެ ފުރަގަސްފަރާތު ބަލީގެ އުނދަގޫތައް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ވަނަ ކަމަކަށް އޭނާ ވިދާޅުވީ ފައިބަރުގެ ބާވަތްތައް ކެއުމުގައި ހިމެނުން މަދު ނުކުރުމެވެ. މަގްބޫލު ސިއްހީ އުޒުރެއް ނެތްނަމަ ކޮންމެ މީހަކުވެސް ދުވާލަކު ދެގްރާމާއި 30 ގްރާމާ ދެމެދުގެ މިންވަރަކަށް ފައިބަރު ހަށިގަނޑަށް އެތެރެ ވޭތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.