ދުނިޔެ

އީރާނާއެކު މަޝްވަރާތައް ކުރިއަށްދާނެ: ސައޫދީ

ސަޢޫދީ އަރަބިއްޔާއިން އީރާނާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފި އެވެ. ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވީ ސަރަހައްދީ މަސްލަހަތަށް ޓަކައި އީރާނާއެކު މަޝްވަރާ ކުރުން ވަރަށް މުހިންމު ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މަޝްވަރާތައް ހަތަރު ބުރަކަށް ބަހާލައިގެން ވަނީ ކުރިއަށް ގެންދެވިފަ އެވެ. އޭނާ ވިދާޅުވީ އެއީ ފުދޭވަރެއްގެ ބޮޑު ކާމިޔާބެއް ނަމަވެސް ދެފަރާތުން ވެސް މަޝްވަރާތަކުގައި ދެމިއޮންނަން ޖެހޭ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްއާ ބެހޭ ގޮތުން އިރާނުން އިހުލާސްތެރި ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުން ކުރިން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނިއުކްލިއާ މަޝްވަރާތައް އަލުން ފަށަން ބަހުސް ކުރެވެމުން ދާއިރު ސައޫދީން ހުށަހަޅާ ޝަރުތުތަކެއް ހުރި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޔަމަންގައި ތިބި ސައޫދީ ސިފައިން އަނބުރާ ގެންދާ ކަމަށް ދެކެވޭ ވާހަކަތަކާ މެދު ހާރިޖީ ވަޒީރު ވިދާޅުވީ އެކަން އެގޮތަށް ނުހިނގާ ކަމަށެވެ. އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ކުރެވުނު މަސައްކަތުގައި އާރުލާފައި ނެތް ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ މިއަހަރުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމަށް ސައުދީން ހުށަހެޅި ހުށަހެޅުމަށް ހޫތީން އެއްބަސްވެފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އީރާނާއި ސައުދީއާ ދެމެދު އޮތް ހިމޭންކަން ރޫޅާލުމަށް ޑިޕްލޮމެޓިކް ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ސައޫދީ ޢަރަބިއްޔާގެ ދެ ޑިޕްލޮމެޓިކް މިޝަނަށް 2016 ގައި ބަޔަކު ދިން ހަމަލާތަކުގެ ސަބަބުން އުފެދުނު ނުތަނަވަސްކަން ކުޑަ ކުރުމަށް މިދިޔަ އޭޕްރީލް މަހުން ފެށިގެން ބަޣުދާދުގައި ވަނީ ހަތަރު ބުރަކަށް މަޝްވަރާތައް ބާއްވާފަ އެވެ.