މެދުއިރުމަތީގެ ހާލަތާ ބެހޭ ގޮތުން ސައޫދީ އާއި އުރުދުން މަޝްވަރާ ކޮށްފި އެވެ. މަޝްވަރާއަށް އޮތް އެންމެ މުހިންމު ސުރުހީއަކީ އިރާން އެވެ.
އުރުދުންގެ ވެރިރަށް އަންމާންގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ސައުދީ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވި ގޮތުގައި ހަނގުރާމަވެރި ގުރޫޕްތަކަށް އީރާނުން މަދަދުވެރި ވުމަކީ ސުލްހަ މަޑުޖެހޭ ސަބަބެކެވެ.
ޔަމަނަށް ވެރިވެގަތުމަށް ހަނގުރާމަކުރާ ހޫތީންނަކީ އީރާނުން މަދަދުވެރިވާ ޖަމާއަތެކެވެ. ހޫތީން ޔަމަނުގައި މިހާރު އެކުލަވާލާފައި އޮތް ސަރުކާރަށް މާލީ ގޮތުން އަދި އަސްކަރީ ގޮތުން އެހީތެރިވަނީ އީރާންނެވެ.
އީރާނުން ހޫތީންނަށް އެހީތެރިކަން ހޯދައި ދިނުމުގައި އަދި ހަނގުރާމަވެރިން ތަމްރީނު ކުރުމުގައި ލުބްނާނަށް މުގޫ ހިފައިގެން ތިބި ހިޒްބުﷲ ޖަމާއަތުން ހަރަކާތްތެރި ދައުރެއް އަދާކުރެ އެވެ. އެ ޖަމާއަތަށް ނިސްބާވާ ހަނގުރާމަވެރިން ހަތިޔާރު ބޭނުން ކުރާނެ ގޮތް ހޫތީންނަށް އުނގަނައި ވެސް ދެ އެވެ.
ޕްރިންސް ވިދާޅުވި ގޮތުގައި އީރާނާއެކު ސުލްހަވުމަށް އޮތް ހުރަސްތައް ހުރީ އީރާން ކޮޅުގަ އެވެ. އިރާނުން ކޮށްދޭން ޖެހޭ ކަމަކީ މެދުއިރުމަތީގެ އަރަބި ގައުމަކަށް އީރާނުން އެއްވެސް ގޯނާއެއް ނުކުރާނެ ނެތްކަން ކަށަވަރުކޮށް ދިނުމެވެ.
އީރާންގެ ނިއުކްލިއާ ޕްރޮގްރާމާއި ބެލަސްޓިކް މިސަލް ޕްރޮގްރާމާ މެދު ވެސް އޮތް ނުތަނަވަސް ކަމަކީ އީރާނުން އެވަގުތެއްގައި ނުރުހިއްޖެ ބަޔަކާ ދެކޮޅަށް ބޭނުން ކޮށްފާނެ ކަމަށް އޮތް ބިރެވެ.
އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވެސް ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ ސައޫދީއަށް ހޫތީން ހަމަލާ ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓުމަކީ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫނެވެ. އެންމެން އެކުގައި އެކައްޗެއް ކިޔުން ބޭނުންތެރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވި އީރާން އިސްލާހު ވެއްޖެ ނަމަ އިގްތިސޯދީ ގޮތުން އީރާނަށް އެއްބާރުލުން ދިނުން ވަކިން އިތުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސައޫދީގައި ހުރި ގިނަ ފުރުސަތުތައް އީރާނަށް ހުޅުވާލާނެ އެވެ.