މިނިސްޓްރީ އޮފް ހެލްތު

ބޭހުގެ އަގަށް 100 ޕަސަންޓަށް ވުރެ ބޮޑު ފައިދާ ނުލެވޭ ގޮތް ހަދައިފި

Nov 15, 2021
1

އަންނަ އަހަރުން ފެށިގެން އަސާސީ ބޭސް ވިއްކާއިރު ފައިދާގެ ގޮތުގައި އެންމެ ބޮޑުވެގެން ލެވޭނީ 100 ޕަސަންޓްގެ މާކްއަޕެއް ކަމަށް ހެލްތު މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭހުގެ އަގު ކޮންޓްރޯލް ކޮށްފައި މިވަނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ލާޒިމްކޮށްފައިވާތީ އެވެ. އެކަމަކު އެ ގާނޫނުގެ ދަށުން ބޭސް ކޮންޓްރޯލް ކުރަން ސަރުކާރުން ފިޔަވަޅު އަޅާފައި މިވަނީ ގާނޫނަށް އަމަލުކުރަން ފެށިތާ ފަސް އަހަރު ފަހުންނެވެ.

ސަރުކާރުގެ މި ނިންމުމާ އެކު ފުރަތަމަ ފިޔަވަހީގައި އެންމެ ފުރަތަމަ އަގު ކޮންޓްރޯލް ކުރާ ބޭހުގެ ތެރޭގައި 357 ބޭހެއް ހިމެނެ އެވެ. އެއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް ލިސްޓުގައި ހިމެނޭ ބޭސް ތަކެވެ. ދެވަނަ ފިޔަވަހީގައި ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ބޭހެއްގެ އަގުތައް އަންނަ އަހަރުގެ މެދުތެރޭގައި ކޮންޓްރޯލް ކުރުމަށްވެސް ނިންމާފައިވެ އެވެ.

"މެކްސިމަމް ރިޓެއިލް ޕްރައިޒެއް ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް ބޮޑުވެގެން ލެވޭނީ 100 ޕަސެންޓުގެ މާކްއަޕެއް. މިގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭސް ތަކަށް މެކްސިމަމް ރީޓެއިލް ޕްރައިޒް ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ،" މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

މިބަދަލާ އެކު އާސަންދަ އިން ބޭހަށް ކުރާ ހަރަދުން 205 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އަދި ބޭހުގެ އަގަށް 200 އާއި 400 ޕަސެންޓުގެ ފައިދާއެއް ލައިގެން ވިއްކަމުން ދިއުން ހުއްޓުވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން އާސަންދައަށް ކުރާ ހަރަދުގެ 50 ޕަސެންޓަކީ ބޭސް ގަތުމަށް ކުރާ ހަރަދެވެ.

އަންނަ އަހަރުން ފެށިގެން ދޫކުރާ ބޭސް ސިޓީ ތަކުގައި ބޭހުގެ ބްރޭންޑް ނަން ލިޔުމުގެ ބަދަލުގައި ބޭހުގެ އަސްލު ނަން ލިޔުމަށްވެސް ޑޮކްޓަރުންނަށް މިހާރު ވަނީ އަންގާފަ އެވެ. އެ ބަދަލާ އެކު ވެސް ވަކި ބްރޭންޑެއްގެ ބޭސްތަކެއް ބޮޑު އަގުގައި ވިއްކުން ނިމުމަކަށް އަންނާނެ ސަރުކާރުން ބުނެ އެވެ.