ދުނިޔެ

އީރާނަށް ދަތިކުރުން އުވާލަން ތާއީދުކުރަން: ތުރުކީ

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތުރުކީން ތާއީދު ކުރާ ކަމަށް ޚާރިޖީ ވަޒީރު، މަވްލޫތު ޗަވްސޯލޫ ވިދާޅުވެއްޖެ އެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ އީރާނަށް ދަތިކޮށް އެކަހެރި ކުރަން އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތައް އުވާލަން އެމެރިކާއަށް އިލްތިމާސް ކޮށްފައި ވާނެ ކަމަށެވެ.

މަވްލޫތު ޗަވްސޯލޫ ހޯމަ ދުވަހު ވިދާޅުވި ގޮތުގައި އަވަށްޓެރި އީރާނަށް އަދަބު ދިނުމަށް އަޅާފައި ހުރި ފިޔަވަޅުތައް ޒަމާނަށް އަދި ހާލަތަށް ވެސް އެކަށީގެނެއް ނުވެ އެވެ.

އީރާންގެ ޚާރިޖީ ވަޒީރު، ހުސައިން އަމީރު އަބްދުލާހިޔާންއާއެކު ތެހެރާންގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޗަވްސޯލޫ ވިދާޅުވީ އީރާނަށް ދަތިކުރުން އުވާލަން ތުރުކީން އަބަދު ވެސް ދާއީދުކުރާ ކަމަށެވެ.

އީރާންގެ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކޮށް ކާމިޔާބު ކުރުމަށް މިއަހަރު އޭޕްރީލުން ފެށިގެން ބާރުގަދަ ގައުމުތަކުން ގެންދަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މަޝްވަރާތައް ބާއްވަމުންނެވެ. މަޝްވަރާތަކުގެ ހަވަނަ ބުރު ޖޫން މަހުގެ 20 ވަނަ ދުވަހު ނިންމާލާފައި ވާއިރު އޭގެ ފަހުން އިތުރު ބައްދަލުވުމަށް ފުރުސަތު ލިބިފައެއް ނުވެ އެވެ.

އީރާނުން 2015 ގައި ދުނިޔޭގެ ބާރުތައް – އެމެރިކާ އާއި ޗައިނާ، ފަރަންސޭސިވިލާތާއި ރަޝިއާ އާއި އިނގިރޭސިވިލާތް، ޖަރުމަން އަދި ޔޫރަޕިއަން ޔޫނިއަންއާ އެކު ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ނަމުގައި އެއްބަސްވުމެއް ހެދި އެވެ. އެހެން ނަމަވެސް އެއަށް އަމަލުކުރުން ޓްރަމްޕް ސަރުކާރުން 2018 ގައި ބާތިލުކުރި އެވެ.

އެމެރިކާއިން މިހާރު އަނެއްކާ ވެސް މަސައްކަތް ކުރަނީ އެ އެއްބަސްަވުން އަލުން އިއާދަކޮށް އީރާނުން ނިއުކްލިއާ މާއްދާތައް ބާރުގަދަ ކުރުން ހުއްޓުވާށެވެ. މިފަދަ އެއްބަސްވުމަށް ނާދެވިއްޖެ ނަމަ އީރާނުން ނިއުކްލިއާ ބާރަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ތެހެރާނުން ބުނަނީ އެމެރިކާއިން އަޅާފައި ހުރި ދަތިކުރުންތައް އުވާލައިގެން ނޫން ގޮތަކަށް ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސައި ނުލާނެ ކަމަށެެވެ.