ބެލަރޫސްއާ ޕޮލޭންޑް ގުޅޭ ސަރަހައްދަށް ހިޖުރަވެރިން ޖަމާވަމުންދާ މައްސަލާގައި ބެލަރޫސްއާ ދެކޮޅަށް އެވެނި މިވެނި ފިޔަވަޅެއް އަޅާނެ ކަމަށް އެއްވެސް ގައުމަކުން ބުނެ އިންޒާރު ދޭނެ ކަމެއް ނެތް ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ވިކްޓަރު ހަރިނީން ވިދާޅުވެއްޖެ އެވެ.
ވަޒީރު ވިދާޅުވީ ރެފިއުޖީން ޖަމާ ކުރަނީ ބެލަރޫސްއިން ކަމަށް ބުނެ އެއްވެސް ކަހަލަ ހަމަލާއެއް ދީފި ނަމަ އަސްކަރީ ގަދަފަދަ ހަމަލާތަކަކުން ރައްދު ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދެން އޮތީ މަޝްވަރާ ކަމަށާއި ބެލަރޫސްއިން ރައްދު ނުދޭނެ ކަމަށް ވިސްނުން ވާނީ މޮޔަ ކަމަކަށް ކަމަށެވެ.
ދިފާއީ ވަޒީރު ވިދާޅުވީ ބެލަރޫސްގެ އަސްކަރިއްޔާ މިހާރު ވެސް އޮތީ ތައްޔާރަށް ކަމަށާއި ހަމަލާއެއް ދީފައި ސަލާމަތްވާން ލާހިކެއް ނޫން ކަމަށެވެ.
ޔޫރަޕުން ތުހުމަތުކުރާ ގޮތުގައި އީރާގާއި ސީރިއާ އަދި ޔަމަނަށް ނިސްބަތްވާ ރެފިއުޖީ ހިޖުރަވެރިން ޔޫރަޕަށް ފޮނުވަނީ ބެލަރޫސް އިންނެވެ. އެއީ ބެލަރޫސް ގަސްދުގައި ކުރާ ކަމެއް ކަމަށް ވެސް ޔޫރަޕުން ބުނެ އެވެ.
ހިޖުރަވެރިންގެ މައްސަލާގައި ބެލަރޫސްއިން ޒިންމާދާރު ނުވެއްޖެ ނަމަ އެގައުމަށް ދަތިކުރަން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ ޔޫރަޕުން އޮތީ ބެލަރޫސްއަށް އިންޒާރުދީފަ އެވެ.
ބެލަރޫސްއިން ވެސް ވަނީ ޔޫރަޕަށް އިންޒާރު ދީފަ އެވެ. ބުނީ ދަތިކުރުމުގެ ގޮތުން އިތުރު އެންމެ ފިޔަވަޅެއް އެޅި ނަމަވެސް ރަޝިއާއިން ބެލަރޫސް މެދުވެރިކޮށް ޔޫރަޕަށް ފޮނުވާ ގޭސް ހޮޅި ބަންދު ކުރާނެ ކަމަށެވެ.