ދުނިޔެ

ޔުކްރޭނަށް ދޭނެ ހަތިޔާރެއް ނެތް: ޕޮލެންޑް

އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ގުރުބާން ނުކޮށް ފޮނުވެން ހެރި އެންމެ ގިނަ އަދަދަށް ޔުކްރޭނަށް ހަތިޔާރު ފޮނުވިއްޖެ ކަމަށް ޕޮލެންޑްގެ ބޮޑުވަޒީރުގެ ނައިބު ވަޑިސްވާފް ކޮޝިނިއަކް ކަމީސް ވިދާޅުވެއްޖެ އެވެ.

ޕޮލެންޑްގެ ދިފާއީ ވަޒީރުގެ މަގާމު އަދާކުރައްވަނީ ވެސް ކޮޝިނިއަކް ކަމީސް އެވެ.

ބޮޑުވަޒީރުގެ ނައިބު މިހެން ވިދާޅުވީ ޔުކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވި ވިދާޅުވުކާ ގުޅިގެންނެވެ.

ޒެލެންސްކީ ވަނީ ޔުކްރޭނަށް އިތުރު ހަތިޔާރު ބޭނުންވާ ކަމަށް ޕޮލެންޑަށް ދަންނަވާފަ އެވެ. އިތުރު ފައިޓަރު ޖެޓުތައް ފޯރުކޮށް ދިނުމަށާއި ރަޝިއާގެ މިސައިލްތައް ވައިގެ ތެރެއަށް ގޮއްވާލުމަށް ވެސް ޕޮލެންޑްގެ ކިބައިން ޒެލެންސްކީ އެދިވަޑައިގެންނެވި އެވެ.

ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު މިހާރުވެސް ފޯރުކޮށްދެވިއްޖެ އެވެ. ގައުމީ ހާލަތަށް ނުވިސްނައި އިތުރު އެހީތެރިކަން ފޯރުކޮށްދެވެން މިހާރު ނެތް ކަމަށްވެސް އެނާ ވިދާޅުވި އެވެ.

އިތުރު އެހެން ގައުމަކުން އެހީ ހޯއްދެވުމަކީ ޒެލެންސީއަށް އޮތް ކަމެއް ކަމަށް ބޮޑުވަޒީރުގެ ނައިބު ވިދާޅުވި އެވެ. ޕޮލެންޑަށް ކުޑަ މިންވަރެއްވެސް އިތުރުކޮށްދެވެން ނެތީ ކަމަށްވެސް ވިދާޅުވި އެވެ.

ސޯވިއެޓް ޒަމާނުގައި ޕޮލެންޑުން އެންމެ ގިނައިން ހަތިޔާރާއި އަސްކަރީ އެހީތެރިކަން ހޯދީ ސޯވިއެޓް ޔޫނިއަނެއް ގޮތުގައި އޭރު އޮތް ރަޝީއާއިންނެވެ. ޕޮލެންޑް އަތުގައި މިހާރުވެސް ސޯވިއެޓް ޒަމާނުގެ ހަތިޔާރާއި ފައިޓަރު ޖެޓު ހުރި ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވ.ެ

އެމެރިކާއިން ޕޮލެންޑަށް ދޭން ބުނާ އެފް35ގެ ފައިޓަރު ޖެޓުތައް ނުލިބެނީސް، ޕޮލެންޑް އަތުގައި ހުރި އަސްކަރީ އެއްވެސް އާލާތެއް ޔުކްރޭނަށް ނުވޮނުވާނެ ކަމަށްވެސް އެ ގައުމުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ޕޮލެންޑަށް ފައިޓަރު ޖެޓުތައް ފޯރުކޮށްދިނުމަށް އަދި ދެއަހަރު ނަގާނެ އެވެ.

އެމެރިކާގެ ފައިޓަރު ޖެޓުތައް ޕޮލެންޑު ސިފައިންނަށް ލިބުމުން ޔުކްރޭނަށް އިތުރު ހަތިޔާރު ދެވިދާނެ ކަމަށްވެސް ބޮޑުވަޒީރުގެ ނައިބު ވިދާޅުވި އެވެ.