ދުނިޔެ

"އެމެރިކާގެ މަސްލަހަތަށް ނޭޓޯ ދެކޮޅުހަދައިގެން ނުވާނެ"

ޕޮލޭންޑްގެ ކުރީގެ ޚާރިޖީ ވަޒީރު މަތައުޒް -- ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ލިބެންޖެހޭ ކަމަށް އަމިއްލަ ނަފުސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި
0%
0%
100%

ނޭޓޯގެ ވިސްނުމަކަށް ވާން ވާނީ އެމެރިކާއާ ދެކޮޅުހެދުމަށް ވުރެ އެމެރިކާގެ މަސްލަހަަށް އިހުތިރާމްކުރުން ކަމަށް ޕޮލޭންޑްގެ ކުރީގެ ޚާރިޖީ ވަޒީރު މަތައުޒް މޮރަވިއެޒްކީ ވިދާޅުވެއްޖެ އެވެ.

މަތައުޒް ވިދާޅުވި ގޮތުން ޔުކްރޭން މައްސަލަ އަކީ އެމެރިކާއަށް މިހާރު ވަރަށް މުހިންމު މައްސަލަ އެކެވެ. ޔުކްރޭން ހަނގުރާމަ ހުއްޓުވައި ރަޝިއާއާ މަސްލަހަތުކުރުމަކީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދަކަށް ވެފައި އޮތްއިރު، އެ ވައުދު ފުއްދުމަށް ނޭޓޯއިން އެއްބާރުލުންދޭން ޖެހޭނެ އެވެ.

ނޭޓޯ އެކަތިގަނޑަކަށް ހަދައި ޔޫރަޕްގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި ދެމިއޮތުމަށް އެމެރިކާގެ ތާއީދާއި އެއްބާލުން ތާއަބަދު ލިބޭ ކަމަށް މަތައުޒް ވިދާޅުވި އެވެ. އެމެރިކާއާ ނުލައި ނޭޓޯ ދެމެހެއްޓުން ޔޫރަޕަށް ބުރައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަކީ ހަމައެކަނި ނޭޓޯއަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް މަތައުޒް ވިދާޅުވި އެވެ. ވޮޝިންގްޓަންގެ ވިސްނުމާ ނުލައި ނޭޓޯގެ މެމްބަރުކަން ޔުކްރޭނަށް ދެވިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާ ކަނޑައަޅާފައި ހުރި ޝަރުތުތަކުގެ ތެރޭގައި، ޔުކްރޭނަށް ނޭޓޯގެ މެމްބަރުކަން ނުދިނުން ހިމެނެ އެވެ. ޔުކްރޭން ހަނގުރާމަ ފެށުނު ސަބަބުތަކުގެ ތެރޭގައި، ނޭޓޯ މެމްބަރުކަން ހޯދަން ޔުކްރޭން މަސައްކަތްކުރުން ހިމެނެ އެވެ.

ހަނގުރާމަ ހުއްޓާލައި ޔުކްރޭނާ އެކު ސުލްހަވުމަށް ރަޝިއާއިން ވަނީ ޔުކްރޭނަށް އުނިކަން އަންނާނެ ގިނަ ޝަރުތުތަކެއް ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ރަޝިއާ ސިފައިން އިސްތިއުމާރުކޮށްފައި އޮތް ޔުކްރޭންގެ ބިންތަކަކީ ރަޝިއާގެ ސަރަހައްދުތައް ކަމަށް ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރުން ހިމެނެ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލަން މިހާރު ކުރެވެމުންދާ މަޝްވަރާތަކުގައި، ޔުކްރޭނަށް ނޭޓޯގެ މެމްބަރުކަން ދިނުން ހިމަނާފައެއް ނުވެ އެވެ. މިއީ ރަޝިއާގެ ޕްރެޝަރަށް އެމެރިކާ އެއްބަސްވެފައި އޮތް ނުކުތާ އެކެވެ.

ސުލްހައިގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ގޮތުން، ޔުކްރޭނަށް ހައްގުތަކެއްް ގެއްލިގެން ނޫން ގޮތަށް އެއްބަސްވުމެއްގައި ސޮއިނުކުރެވޭނެ އެވެ. އެ ނޫން ގޮތެއްގައި ހަނގުރާމަ ހުއްޓާލައި ރަޝިއާ ސިފައިން ޔުކްރޭނުން ނުފައިބާނެ އެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345