ދުނިޔެ

ޕޮލޭންޑް ބޯޑަރުގެ ފާރު ރާނަން ފަށައިފި

ޕޮލޭންޑާއި ބެލަރޫސް ގުޅޭ ސަރަހައްދީ ބޯޑަރުގެ ފާރު ރާނަން ފަށައިފި އެވެ. ބެލަރޫސްގެ ތެރެއިން ހިޖުރަވެރިން ޔޫރަޕަށް އެތެރެވުން ހުއްޓުވުމަށް ޓަކައި، ދެ ގައުމު ގުޅޭ ބޯޑަރު ބަންދު ކުރާނެ ކަމަށް ޕޮލޭންޑުން އޮތީ ބުނެފަ އެވެ.

ސަރަހައްދީ ބޯޑަރު ބަލަހައްޓާ ގާޑުން ބުނާ ގޮތުން 116 މޭލަށް ދުވެފައި އޮންނަ ސަރަހައްދީ ބޯޑަރުގައި ފާރު ރާނައި ނިންމާލެވޭ ވަރުވާނީ މިއަހަރު ޖޫން މަސް ނިމޭ ހިސާބުގަ އެވެ.

ބެލަރޫސް އާއި ޕޮލޭންޑް ގުޅޭ ސަރަހައްދުގައި ފާރެއް ރާނަން ވިސްނާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް މަސައްކަތްތައް ނުފެށި އޮއްވައި ހިޖުރަވެރިންގެ މައްސަލަތައް ބޮޑުވާން ފެށުމުން މަސަތްތައް އަވަސްކުރީ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ބޯޑަރު ފާރުގައި 22 ދޮރު ހުންނާނެ އެވެ. މުޅި ސަހަރައްދު ބެލެހެއްޓުމަށް ޓަކައި ވީޑިއޯ ކެމެރާ އާއި މޯޝަން ސެންސަރު އަދި ވަގުން ހިފާ އެލާމް ހަރުކުރާނެ އެވެ.

ޕޮލޭންޑުން ބުނާ ގޮތުން ބެލަރޫސްގެ ތެރެއިން ޔޫރަޕަށް ވަންނަ ހިޖުރަވެރިން ދުވަހަކަށް ވުރެ ދުވަހެއް ވަނީ ގިނަ އެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކުރަން އުޅެނިކޮށް 2020 ގައި 150 މީހުން އަތުލާފައި ވަނިކޮށް 2021 ގައި އެ އަދަދު ވަނީ 8،000 ފަހަނައަޅާފަ އެވެ.

ޔޫރަޕުގެ ގައުމުތަކަށް ހިޖުރަވެރިން ވެއްދުމަކީ ބެލަރޫސްއިން ގަސްދުގައި ކުރާ ކަމެއް ކަމަށް ވެސް އޮތީ ބުނެފަ އެވެ. ބެލަރޫސް ބުނާ ގޮތުން އެއީ ދޮގެކެވެ.

ބެލަރޫސްއާ ޕޮލޭންޑް ގުޅޭ ސަރަހައްދަށް ހިޖުރަވެރިން ޖަމާވުމުގެ ސަބަބުން މަޝްރަހު ވަރަށް ބޮޑަށް ހޫނުވި އެވެ. ހިޖުރަވެރިންގެ ތެރޭގައި ގިނައީ މެދުއިރުމަތީ ގައުމުތަކަށް، ޚާއްސަކޮށް އީރާގާއި ސީރިއާ އަދި ޔަމަނަށް ނިސްބަތްވާ މީހުންނެވެ.

ޕޮލޭންޑްގެ ތެރެއިން ޔޫރަޕްގެ ގައުމުތަކަށް ވަނުމަށް އުންމީދު ކޮށްގެން ތިބި މީހުން ފައްސާލަން ޕޮލޭންޑްގެ ސަލާމަތީ ބާރުތަކުން ކެމިކަލް ފެންޖެހި މައްސަލަ ވެސް ވަނީ ވަރަށް ހޫނުވެފަ އެވެ.