ލައިފްސްޓައިލް

ކޮންމެ ހަ ގަޑިއަކުން ހަނދާންތައް ނެތޭ މީހެއް!

އާމިރު ޚާންގެ "ގަޖްނީ" ބެލި މީހުންނަށް މި މީހާގެ ހާލު ވަރަށް ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެވެ. އެ ފިލްމުގައި އާމިރު ވެސް އުޅެނީ އިރު އިރުކޮޅާ ކުރީގެ ހަނދާންތައް ގެއްލޭތީ އެވެ. އޭނާއަށް ކުރިން ދިމާވި އެއްވެސް ކަމެއް ފަހުން މި މީހުން ހަނދާނަކު ނުހުރެ އެވެ.

ޖަރުމަނުގެ ޑެނިއަލް ޝިމިޑިޓްގެ ހަޔާތުގައި ވެސް މިހާރު ދިމާވެގެން އުޅެނީ މިކަހަލަ މައްސަލަ އެކެވެ. މީގެ ހަ އަހަރު ކުރިން އޭނާ ދުއްވި ކާރެއް އެކްސިޑެންޓުވެ ޑެނިއަލް ވަރަށް ބޮޑަށް ޒަޚަމްވި އެވެ. އަދި އިރުކޮޅެއް ވާއިރަށް ކުރީގެ ހަނދާންތައް ގެއްލެން ފެށީ މި އެކްސިޑެންޓުގައި ބޮލަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކަށް ފަހުގަ އެވެ.

އާޓޭ ޓީވީގެ ޑޮކިއުމެންޓްރީ "ލިވިން ވިތައުޓް މެމޮރީ" ގައި ބައިވެރިވެ ޑެނިއަލް ކިޔައިދިން ގޮތުގައި އެކްސިޑެންޓު ވީ ވަގުތު ދިމާވި ހުރިހާ ކަމެއް އަދިވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. ނަމަވެސް އެ ވާހަކަތައް ވެސް ކިޔައިދޭން އެނގެނީ އޭނާ ނޯޓު ކޮށްފައިވާ ގަނޑުކޮޅުތަކުން ބަލައިގެންނެވެ.

ޑެނިއަލް ބުނި ގޮތުގައި އެކްސިޑެންޓްވީ ދުވަހު އޭނާ ދުއްވި ވެހިކަލް ވެސް އޮތީ ޓްރެފިކް ޖޭމް އެއްގައި ޖެހިފަ އެވެ. އެ ޖޭމްގެ އެންމެ ފަހަތުގައި އޮތީ އޭނާ އިން ކާރެވެ. ކުއްލިއަކަށް ފަހަތުން އައި ކާރެއް އޭނާގެ ކާރުގެ ފަހަތުގައި ވަރަށް ބާރަށް ޖެއްސީ ކަމަށާއި ހަ ސީޓު ހުންނަ އެ ކާރުގައި ތިބީ ކުޑަކުދިން ތަކެއް ތިބި އާއިލާއެއް ކަމަށް ޑެނިއަލް ބުންޏެވެ.

އެ ކާރު ދުއްވި މީހާއަށް ޓްރެފިކް ޖޭމް ވެސް ފެންނަހެން ހީނުވާ ކަމަށާއި އެ މީހާއަކީ ގަޑިއަކު 128 މޭލުގެ ބާރުމިނުގައި ކަމަށް ވެސް ޑެނިއަލް ކިޔައިދިނެވެ. އެހާ ބާރުމިނުގައި އައިގޮތަށް އައިސް ޑެނިއަލްގެ ކާރުގައި ޖެހުމާއެކު ދެންވީ ގޮތެއް ޑެނިއަލް އަކަށް ނޭނގުނެވެ.

"ވައިގެ މަގުން އަހަރެން ހޮސްޕިޓަލަށް ގެންދިޔައީ ވެސް. އޭރު އަހަރެންގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި. އޭގެ ސަބަބުން ހަނދާންތައް ދާން ފެށީ. މިހާރު އެއްގޮތަކަށް ވެސް ދުރު ހަނދާނެއް ނެތް. މިހާރު ދިމާވާ ކަމެއް ވެސް އިރުކޮޅެއް ތެރޭ ހަނދާން ނެތޭ،" ޑެނިއަލް ބުންޏެވެ.

އޭނާގެ ހަޔާތުގައި ދިމާވާ ކަންކަން ހަނދާން ބަހައްޓަން މިހާރު ޑެނިއަލް ގެންގުޅެނީ އޭނާގެ ޑައިރީ އެވެ. ހުރިހާ ވަގުތަކު ވެސް ދިމާވާ ހުރިހާ ކަމަކާއި ދައްކާ ހުރިހާ ވާހަކަތަކެއް އޭނާ އެ ފޮތުގައި ބަރާބަރަށް ނޯޓު ކުރަމުން ގެންދެ އެވެ.

މި އެކްސިޑެންޓުގެ ސަބަބުން ޑެނިއަލްގެ ދިރިއުޅުން ވެސް އެފުށް މިފުށަށް ޖެހުނެވެ. އޭނާގެ ލޯބިވެރިޔާ އާ ވަކިވާން ޖެހުނެވެ. އޭނާއާ އޮތް ގުޅުން ވެސް ހަނދާނުގައި ނެތީމަ އެވެ. އަދި އެކުވެރިންނާ ވެސް އޭނާ އާ ދުރުވި އެވެ. އެމީހުންނާ އޮތް އެކުވެރިކަން ވެސް ހަނދާނަށް ނާންނާތީ އެވެ. ޑެނިއަލް އަށް ކެތުރީނާ އާ ބައްދަލުވީ މިފަދަ ހާލެއްގައި ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެނިކޮށެވެ.

"އަހަރެން އޭނަ ކައިރީގައި ވެސް ބުނަން އަހަންނާ އަބަދުވެސް ގުޅާ ވާހަކަ ދައްކާ ހަދައްޗޭ. އެހެންނޫނީ އިރުކޮޅެއް ވާއިރު އޭނަގެ ހަނދާނެއް ނުހުންނާނޭ،" ޑެނިއަލް ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން ކެތުރީނާ އާއި ޑެނިއަލް އަށް ދަރިއަކު ވެސް ލިބިފައި ވެއެވެ. ނަމަވެސް މިހާރު އެ ދަރިފުޅުގެ އެއްވެސް ހަނދާނެއް ވެސް ޑެނިއަލްގެ ނެތެވެ.

"ދަރިފުޅު އުފަންވީ ކަމެއް ވެސް އަހަރެން ހަނދާނުގައި ނެތް. ބައްޕައެއްގެ ހައިސިއްޔަތުން މިއީ ކުރެވޭނެ ވަރަށް ހިތްދަތި ތަޖުރިބާއެއް،" ޑެނިއަލް ބުންޏެވެ.