ލައިފްސްޓައިލް

ސާޖަރީގައި ޑޮކްޓަރުގެ އެހީތެރިޔަކަށް ހޮސްޕިޓަލުގެ ސާފުކުރާ މީހެއް!

ޖަރުމަނުގެ ޔުނިވަސިޓީ ހޮސްޕިޓަލެއްގައި ބަލިމީހެއްގެ ގުނަވަނެއް ބުރިކޮށްލަން ހެދި ސާޖަރީއެއްގައި އޮޕަރޭޝަން ޑޮކްޓަރުގެ އެހީތެރިއެއްގެ ގޮތުގައި އެ ހޮސްޕިޓަލުގައި ސާފުކުރާ މަސައްކަތު މީހެއްގެ ވަޒީފާގައި ހުރި މީހަކު ބެހެއްޓިކަން ފަޅާއަރައިފި އެވެ. އަދި މިހާރު އެ ހޮސްޕިޓަލުން ވަނީ ޑޮކްޓަރު ވަޒީފާއިން ވަކިކޮށްފަ އެވެ.

ޖަރުމަނުގެ ހުޅަނގުގެ މެއިންޒް ސިޓީގައި ހުންނަ ހޮސްޕިޓަލެއްގައި މިކަމެއް ހިނގި ތަން ފެނިފައިވަނީ އެ ހޮސްޕިޓަލުގެ މެނޭޖަރަށެވެ.

ސާފުކުރާ މީހާ އޮޕަރޭޝަން ތިއޭޓަރު ތެރޭގައި ލެއިން ތަތްތެޅިފައިވާ ފޮތިތައް ހިފަހައްޓައިގެން ހުރެ ޑޮކްޓަރަށް އެހީތެރިވަމުންދިޔަ މަންޒަރު މެނޭޖަރަށް ފެނިފައިވާ ކަމަށް ޖަރުމަނުގައި ނެރޭ ނޫހަކުން ހުކުރު ދުވަހު ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނޯބާޓް ފައިފާ ވިދާޅުވީ އެއީ ވަރަށް އާދައިގެ ސާޖަރީއެއް ކަމަށާއި މިފަދަ ސާޖަރީތައް އާއްމުކޮށް ހަދާނީ އޮޕަރޭޝަން ޑޮކްޓަރު އެކަނި ކަމަށެވެ. އަދި އޭނާ އިތުރު އެހީތެރިއަކު ބޭނުންވެއްޖެނަމަ ވަރަށް ފަސޭހައިން ކޮލިފައިޑް މީހެއް އޭނާއަށް އެހީތެރިވާން ލިބޭނެ ކަމަށްވެސް ފައިފާ ވިދާޅުވި އެވެ.

ފައިފާ ވިދާޅުވީ މި އޮޕަރޭޝަން ކުރީ ހަވީރު 3.30 ހާއިރު ކަމަށާއި އެގަޑިއަކީ އާދައިގެ ގިނަ ޑޮކްޓަރުންތަކެއް ހޮސްޕިޓަލުގައި މަސައްކަތްކުރާ ގަޑިއަކަށް ވާތީ އޮޕަރޭޝަން ޑޮކްޓަރުގެ އެންމެ އިޝާރާތަކަށް އޭނާއަށް އެހީތެރިވާން ޑޮކްޓަރުން ލިބުނީސް ކަމަށެވެ.

ބަލިމީހާގެ ސާޖަރީ ހެދީ ލޯކަލް އެނެސްތީސިއާ ދީގެންނެވެ. މިއީ ހޭ ނުނައްތާ އައްސިކޮށްލުން ކަމަށް ވާތީ ހޭނައްތާ ޑޮކްޓަރަކު ވެސް މި ސާޖަރީގައި ބައިވެރިއެއް ނުވެ އެވެ.

އެކަނި ހަދަމުންދިޔަ ސާޖަރީއެއްގައި ސާފުކުރާ މީހާގެ އެހީތެރިކަން ޑޮކްޓަރު ހޯދީ ކޮން އިރަކު ކަމެއް އަދި ބުނަން ނޭނގޭ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި ސާޖަރީގެ ސަބަބުން ބަލި މީހާއަށް އިތުރު މައްސަލައެއް ދިމާނުވި ނަމަވެސް ކޮލިފައި ނޫން މީހެއްގެ އެހީތެރިކަމަށް ޑޮކްޓަރު އެދި އެމީހާގެ އެހީތެރިކަން ހޯދާފައިވާތީ އޭނާ ކުށްވެރިވީ އެވެ.

"މިއީ އެއްގޮތަކަށް ވެސް ވެގެން ވާނެ ކަމެއް ނޫން،" ފައިފާ ވިދާޅުވި އެވެ.

ޖަރުމަނުގެ ނޫހަކުން ހޮސްޕިޓަލަށް ގުޅުމުން އެ ހޮސްޕިޓަލުން ބުނެފައިވަނީ އެ ސާޖަރީގައި ސާފުކުރާ މީހާގެ މާބޮޑު ދައުރެއް އޮތް ކަމަށް މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ.

ޑޮކްޓަރަށް އެހީތެރިވުމުގެ ގޮތުން އޭނާ ކުރި ކަމަކީ ފައި ގުޑިޔަ ނުދީ ހިފަހައްޓާ ދިނުމާއި ޑޮކްޓަރު އެދުނު ބައެއް ސާޖިކަލް އިންސްޓްރޫމަންޓްސް ފޯރުކޮށްދިނުން ފަދަ ކަންކަމެވެ. ނަމަވެސް ކޮލިފައި ނޫން މީހަކު އެހީތެރިއެއްގެ ގޮތުގައި ބޭނުން ކުރުމަކީ މަނާ ކަމަކަށް ވާތީ ޑޮކްޓަރު ކުށްވެރިވީ އެވެ.