ލައިފްސްޓައިލް

ބަލިމީހެއްގެ ވެންޓިލޭޓަރު ނިއްވާލި ދުވަސްވީ މީހާއަށް އިންސާފު ލިބޭނެބާ؟

އިންޓަނެޓުގައި ވަރަށް ހައިރާން ކުރުވަނިވި ތަފާތު ވާހަކަތައް ކޮންމެ ދުވަހަކުވެސް ޝާއިއުކުރެ އެވެ. މިފަދަ އެއް ހާދިސާ އަކީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އޮތް 73 އަހަރުގެ އަންހެނަކު އޭނާގެ ކައިރީގައި ޖެހިގެން އޮތް އެނދުގައި އޮތް ބަލި މީހާއަށް ގުޅާފައި ހުރި ވެންޓިލޭޓަރު ނިއްވާލުމުގެ ކުށުގައި މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ހާތޫން. ސީ ނަމަކަށް ކިޔާ މި މީހާ ކޮވިޑް ތެރޭގައި ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި އޮތްއިރު އޭނާއާ އެއް ކޮޓަރިއެއްގައި ޖެހިގެން ހުރި އެނދުގައި ވެންޓިލޭޓަރު ގުޅާފައި އޮތް މީހާގެ ވެންޓިލޭޓަރު ދެ ފަހަރެއްގެ މަތިން ނިއްވާލާފައި ވެއެވެ. ފުރަތަމަ ފަހަރު ނިއްވާލުމުން ނަރުހުން އައިސް އަލުން ވެންޓިލޭޓަރު އޮން ކުރުމަށްފަހު އެ ނިއްވާނުލުމަށާއި އެއީ ބަލިމީހާގެ ފުރާނައާ ގުޅިފައިވާ އެއްޗެއް ކަމަށް ހާތޫން ކައިރީ ބުންޏެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް އޭނާ ވެންޓިލޭޓަރު ނިއްވާލުމުން ބަލި މީހާ ވަނީ މަރުވެފަ އެވެ. ހާތޫން ހައްޔަރުކުރީ އޭނާގެ އަތުން އެމީހާ މަރުވުމުގެ ކުށުގަ އެވެ.

އޭނާގެ މަންމަ ގަސްތުގައި މީހެއްގެ ވެންޓިލޭޓަރު ނިއްވާލީ ކަމަކަށް ހާތޫންގެ ފިރިހެން ދަރިފުޅު ގަބޫލެއް ނުކުރެ އެވެ. އޭނާ ބުނާ ގޮތުގައި މަރުވި 79 އަހަރުގެ މީހާއަށް ގެއްލުންދިނުމުގެ ޚިޔާލެއް ވިސްނުމެއް އޭނާގެ މަންމަގެ ނެތެވެ. ނަމަވެސް ޕްރޮސެކިއުޓަރުގެ އޮފީހުގައި ފުލުހުން ބުނެފައިވަނީ ވެންޓިލޭޓަރު ނިއްވާލީ ހާތޫން ކަމަށް އެމީހުންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވެ އެވެ. އަދި ހަމަ އެ ދުވަހު ދެވަނަ ފަހަރަށް ވެސް އެމީހާ ވެންޓިލޭޓަރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިކަމެއް ހިނގީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަންހީމްގެ ޑައިކޯ ހޮސްޕިޓަލުގެ ކޮވިޑް ވޯޑުގަ އެވެ.

ހިލާލް ކޭ ނަމަކަށް ކިޔާ މީހާގެ ވެންޓިލޭޓަރު ހާތޫން ދެވަނަ ފަހަރު ނިއްވާލުމުން އޭނާގެ ހާލު ދެރަވެގެން ގޮސް މަރުވީ އެވެ. އޭނާގެ މަރުގެ އަސްލެއް ކަމަށް ބެލެވެނީ އޮކްސިޖަން މަދުވެގެން ގޮހެވެ.

މިމީހާ މަރުވުމުން ހާތޫން ހައްޔަރުކުރީ އެވެ. މަރުވި ހިލާލްގެ 48 އަހަރުގެ ދަރިފުޅު ބުނި ގޮތުގައި ހާތޫން ގަސްތުގައި އޭނާގެ މަންމަ މަރާލާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ވީމާ ދުވަހަކުވެސް އޭނާއަށް މައާފެއް ނުކުރާނެ އެވެ.

ހާތޫންގެ ދިފާއުގައި އޭނާގެ ފިރިހެން ދަރިފުޅު ވާހަކަ ދައްކަމުން ބުނީ މަންމަ އޮތް އެނދާ ޖެހިގެން އޮތް އެނދުގައި އޮތް މީހާއަށް ގުޅާފައިވާ ވެންޓިލޭޓަރުގެ އަޑުފައްގަނޑު ދުއްވާފައިދާ ޓްރެކްޓަރެއްގެ އަޑުފައްގަނޑެކޭ އެއްވަރު ކަމަށެވެ.

ވެންޓިލޭޓަރުގެ އަޑުގަދަކަމުން މަންމައަށް އެއްގޮތަކަށް ވެސް ލޯމަރާ ނުލެވެ އެވެ. މަންމަ އޮތީ ވަރަށް ބޮޑަށް ވަރުބަލިވެ ވާނުވާ ނޭނގޭ ހާލެއްގައި ކަމަށާއި ދީފައިވާ ބޭސްތަކުގެ ސަބަބުން މަންމައަށް އެއްގޮތަކަށް ވެސް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ކަމަށެވެ. އަދި ޖެހިގެން އޮތް މީހާގެ ވެންޓިލޭޓަރު މަންމަ ނިއްވާލިނަމަވެސް އެ ނިއްވާލީ އެއްގޮތަކަށް ވެސް އެ ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލަތެއްގައި ހުރެ ކަމަށް ހާތޫންގެ ދަރިފުޅު ބުންޏެވެ.

"މަންމައަކީ ފާޚާނާ ސާފުކުރާ މަސައްކަތު މީހެއްގެ ގޮތުގައި 30 އަހަރު މަސައްކަތް ކުރި މީހެއް. އަދި ފަސް ދަރިން އެކަނިމާ އެކަނި ބަލާ ބޮޑުކުރީ ވެސް. ދުވަހަކުވެސް ކުށަކަށް އަރައެއް ނުގަނޭ. މަންމައަކީ ހިތުގެ ވަރަށް ބޮޑެތި މައްސަލަތަކެއް ހުރި ވަރަށް މުސްކުޅި، ބަލި މީހެއް. ނަމަވެސް އެހާލުގައި ވެސް މިއަދު މަންމައަށް އޮންނަން ޖެހިފައިވަނީ ޖަލުގައި. އެތަނުގައި އޮވެ މަންމަ މަރުވެދާނެތީ އަހަރެން ވަރަށް ބިރުގަނޭ،" ހާތޫންގެ ދަރިފުޅު ބުންޏެވެ،

ހާތޫންގެ ދަރިފުޅު އިތުރަށް ބުނި ގޮތުގައި ތުރުކީ އިން ޖަރުމަނަށް ހިޖުރަކޮށްފައިވާ އޭނާގެ މަންމައަށް ޖަރުމަން ބަހުން ލިޔަން ކިޔާކަށް ނޭނގެ އެވެ. އަދި ދައްކާ ވާހަކަ ނަގައިގަންނާކަށް ވެސް ނޭނގެ އެވެ. އެހެންވެ އެއްފަހަރު ވެންޓިލޭޓަރު ނިއްވާލުމުން ޖަރުމަނު ނަރުހަކު އައިސް އޭނާ ކައިރީ ދެއްކި ވާހަކަތައް މަންމައަށް ނޭނގުނީ ކަމަށެވެ.

މަންމަ އެއް ފަހަރު އެގޮތަށް ހެދިކަން އެނގުމުން އެހެން ވޯޑަކަށް ބަދަލުނުކޮށް ހަމަ އެތާގައި އަނެއްކާވެސް ބޭއްވީ ކީއްވެތޯ ވެސް ހާތޫންގެ ދަރިފުޅު ސުވާލު އުފެއްދި އެވެ. އެހެންނަމަ މިފަދަ ކަމެއް ދިމަލެއް ނުވީސް ކަމަށް އޭނާ ދެކެ އެވެ.

ބަލި މީހާގެ ވެންޓިލޭޓަރު ހާތޫން ނިއްވާލީ ކޮން ހާލަތެއް މެދުވެރިވެގެންތޯ އާއި މިކަން ހިނގީ ކިހިނެއްތޯ ޖަރުމަނު ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. ތަހުގީގު ނިމެންދެން ވެސް ހާތޫން ހުރީ ޖަލުގައި ބަންދުކޮށްފަ އެވެ.