ލައިފްސްޓައިލް

ބައިސްކަލް ދުއްވުމަކީ ސިއްހީ ބޮޑެތި މައްސަލަތައް ދުރުކޮށްދޭ ކަމެއް: ދިރާސާ

އިލެކްޓްރިކް ބައިސްކަލް ދުއްވުމަކީ ހިތުގެ ބަލިތަކާއި ކެންސަރު އަދި ހަކުރުބަލިން ދުރުވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މިއީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ފަލަބަލިން ވެސް ދުރުވާ ކަމެއް ކަމަށް ސައިންސްވެރިން ކޮށްފައިވާ ފަހުގެ ދިރާސާއަކަށްފަހު ލިޔެފައިވާ ރިޕޯޓެއްގައި ހާމަކޮށްފައި ވެއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޖަރުމަނުގެ ހަނޯވާ މެޑިކަލް ސްކޫލްގަ އެވެ.

ކުރިން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަނީ އިލެކްޓްރިކް ބައިސްކަލް ދުއްވުމަކުން ފައިންއަނބުރާ "ޓްރެޑިޝަނަލް" ބައިސްކަލް ދުއްވައިގެން އެ ލިބޭ ފައިދާ ނުލިބޭނެ ކަމަށެވެ. ނަމަވެސް މި ދިރާސާއިން ދެއްކި ގޮތުގައި ފައިން އަނބުރާ ބައިސްކަލް ދުއްވުމެކޭ އިލެކްޓްރިކް ބައިސްކަލް ދުއްވުމެކޭ ވަނީ އެއްވަރެކެވެ. އިންސާނާގެ ހަށިގަނޑަށް ކުރަނީ އެއް ފައިދާ އެކެވެ.

ކޮންމެ އުމުރެއްގައި ވެސް ސިއްހަތު ސަލާމަތުން ހުންނަން ބޭނުންނަމަ ބައިސްކަލް ދުއްވުމަށް ވުރެ ފައިދާ ހުރި ގޮތެއް ނެތެވެ. އިލެކްޓްރިކް ބައިސްކަލް ދުއްވުމުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ 40 ޕަސެންޓް ދަށްކުރެވެ އެވެ. އެއީ ދުވާލަކު 10 ނުވަތަ 15 ކިލޯ މީޓަރަށް ބައިސްކަލް ދުއްވާނަމަ އެވެ. މީގެ އިތުރުން ކެންސަރު ބައްޔާއި، ހަކުރުބަލި، ކޮލެސްޓްރޯލް، ޑިމެންޝިއާ އަދި އަލްޒައިމާ ނުވަތަ ހަނދާން ނެތޭ ބަލިން ދިފާއުވުމަށް ވެސް މިއީ ވަރަށް ރަނގަޅު ކަސްރަތެއް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

ޖަރުމަނު ރިސާޗަރުން މި ހޯދުންތައް ހޯދުމަށް އިލެކްޓްރިކް ބައިސްކަލް ގަވާއިދުން ދުއްވާ 1250 މީހަކާއި އާދައިގެ ބައިސްކަލް ދުއްވާ 629 މީހަކުގެ މައުލޫމާތު އެއްކޮށް އެނެލައިޒް ކޮށްފައި ވެއެވެ.

މި މީހުންގެ ފަރާތުން އެއްކުރި މައުލޫމާތުތަކުގެ ތެރޭގައި ބައިސްކަލް ދުއްވުމުގައި އެމީހުން ކޮންމެ ދުވަހަކު ހޭދަކުރާ ވަގުތާއި އެމީހުން ބައިސްކަލްގައި ދަތުރުކުރާ ދުރުމިނާއި އަދި ހާޓް ރޭޓް މޮނިޓާ ކުރި އެވެ. މި މައުލޫމާތު އެއްކުރީ އެމީހުންގެ ގައިގައި އެކްޓިވިޓީ ޓްރެކާއެއް ހަރުކޮށްގެން ހަތަރު ހަފުތާ ވަންދެން ކުރިއަށް ގެންދިޔަ ދިރާސާއެއްގަ އެވެ.

ކަސްރަތުކުރާ ވަގުތު ހާޓް ރޭޓް މިނެޓަކަށް 110 ބީޓްސް (ބީޕީއެމް)އަށް ވުރެ މަތީގައި ހުންނަ ނަމަ ކާޑިއޯވެސްކިއުލާ ސިސްޓަމްގެ ބާރުގަދަ ވާނެ އެވެ.

ރިސާޗަރުން އެއްކުރި މި މައުލޫމާތުން ހާމަވި ގޮތުގައި ދެ ވައްތަރު ބައިސްކަލްގައި ވެސް އެކަށީގެންވާ މިންވަރަކަށް ކޮންމެ ހަފުތާއަކު ވެސް ކަސްރަތު ކުރި މީހުންގެ ކާޑީއޯވެސްކިއުލާ ސިސްޓަމްގެ މަސައްކަތް ވަރަށް ބަރާބަރެވެ. ނަތީޖާއެއްގެ ގޮތުން މި މީހުންނަށް ސީރިއަސް ސިއްހީ މައްސަލަތައް ޖެހުން މަދު ކުރެވެ އެވެ.

"ކުރިން ހީކުރެވިފައިވާ ހީކުރުންތަކާ ޚިލާފަށް އިލެކްޓްރިކް ބައިސްކަލް ދުއްވުމާއި އާދައިގެ ބައިސްކަލް ދުއްވުމުން ހަށިގަނޑަށް ލިބޭ ފައިދާ ދާދި އެއްވަރެއް. ކާޑީއޯވެސްކިއުލާ ސިސްޓަމާއި ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ލިބެނީ ދާދި އެއްވަރަކަށް،" ހަނޯވާ މެޑިކަލް ސްކޫލްގެ ޕްރެސް ރިލީޒް އެއްގައި ބުނެފައި ވެއެވެ.