ޕެންކްރިއެޓިކް ކެންސަރަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މުޅިން އާ ވެކްސިނެއްގެ އަޖުމަ ބަލައިފި އެވެ.
ސައިންސްވެރިން ވިދާޅުވަނީ ޕެންކްރިއެޓިކް ކެންސަރު ޖެހި ރަނގަޅުވެފައިވާ ބަޔަކަށް މި ވެކްސިން ދިނުމުން އޭގެ ތެރެއިން 50 ޕަސެންޓް މީހުން މުޅިން ފަސޭހަވެފައިވާ ކަމަށެވެ. ކެންސަރުގެ އޮންނަ އެންމެ ބޮޑު ނުރައްކަލަކީ ރަނގަޅުވެފައި އަނެއްކާ ކުރިޔަށް ވުރެ މާބާރުގަދަކޮށް އެނބުރި އައުމެވެ. އެހެންކަމުން ޕެންކްރިއެޓިކް ކެންސަރު ޖެހޭ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަށް ދެ ވަނަ ފަހަރަށް ބަލި ނުޖެހުމަކީ ވެކްސިން އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަކޮށްފައި ވެއެވެ.
ކެންސަރުގެ ތަފާތު ވައްތަރުތަކުގެ ތެރެއިން ޕެންކްރިއަސް އަށް ޖެހޭ ކެންސަރަކީ ދެނެގަންނަން އުނދަގޫ އަދި ފަރުވާކުރަންވެސް އެހާމެ އުނދަގޫ ވައްތަރެކެވެ. މި ބައްޔަކީ "ސައިލެންޓް ޑިޒީޒް"އެއްގެ ގޮތުގައި ދެކެނީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ބަނޑުގައި ރިއްސުމާއި ބަރުދަން ލުއިވުން ފަދަ ކަންކަން ވެސް ބަލި މީހާގެ ކިބައިން ފެންނަން ފަށަނީ ބައްޔަށް ވަރަށް ބޮޑުވަރުގެ ލޭ ހޮޅިތަކަށާއި މަސް ފަށަލަތަކަށް ބަލި ފެތުރޭ ފަހުން ކަމަށް ވާތީ އެވެ. މިހާހިސާބަށް ބަލި ދިއުމުން ބައްޔަށް ފަރުވާ ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވެ އެވެ.
މިފަދަ އެއް ކޭސް އަކީ "ޖިއޮޕަޑީ" ކިޔާ ޕްރޮގްރާމެއްގެ ހޯސްޓް އެލެކްސް ޓްރެބެކްގެ ކޭސް އެވެ. އެލެކްސް އަށް ޕެންކްރިއެޓިކް ކެންސާ ޖެހުނުކަން އެނގުނުއިރުވެސް ހުރީ ހަތަރުވަނަ ސްޓޭޖުގަ އެވެ. އަދި ބަލިޖެހިފައިވާކަން އެނގުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފަ އެވެ.
މި ވައްތަރުގެ ކެންސަރު ހަށިގަނޑުގައި ފެތުރިގަންނަލެއް ވަރުގަދަކަންވެސް އެއީ އާ ފަރުވާއެއް ހޯދަން ސައިންސްވެރިންނަށް މަސައްކަތްކުރަން ޖެހުނު ސަބަބެއް ކަމަށް ދަ ނިއު ޔޯކް ޓައިމްސްގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.
ސައިންސްވެރިން މިފަހަރުގެ ވެކްސިން އީޖާދުކޮށް އުފައްދާފައިވަނީ ޖަރުމަނުގެ މަޝްހޫރު ބައޯއެންޓެކް ފާމްގަ އެވެ.
މި ވެކްސިން ދޭ ކޮންމެ ބަލި މީހެއްގެ ޔުނީކް ޖެނެޓިކް މޭކްއަޕް އަކުން އޭނާއަށް ހެޔޮވަރަށް ތައްޔާރުކޮށްފައިވާ ވެކްސިން އެކެވެ. މި ވެކްސިން ފަރުމާކޮށްފައިވަނީ ދިފާއީ ނިޒާމުން ޕެންކްރިއެޓިކް ކެންސަރު ސެލްތައް ހަލާކުކޮށްލާ ގޮތަށެވެ.
ނޭޗާ މަޖައްލާގައި ޝާއިއުކޮށްފައިވާ މި ކުޑަ ދިރާސާގެ ރިޕޯޓުގައި ސައިންސްވެރިން ވިދާޅުވެފައިވަނީ އެ ބޭފުޅުން މި ވެކްސިން ޓެސްޓްކޮށްފައިވަނީ ނިއު ޔޯކް ސިޓީގެ 16 މީހަކަށް ވެކްސިން ދީގެން ކަމަށެވެ. އަދި ވެކްސިން ދިންތާ 18 މަސް ދުވަސް ފާއިތުވެފައިވާއިރު ވެކްސިން ދިން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އަދިވެސް ތިބީ ހެޔޮ ހާލުގަ އެވެ. އެމީހުންގެ ހަށިގަނޑުގައި ކެންސަރުގެ އަސަރެއް ނެތެވެ. އެހެންވެ މި ޓްރައަލް ކާމިޔާބީއެއްގެ ގޮތުގައި ސައިންސްވެރިން ބަލާފައި ވެއެވެ.
އެމްއާރްއެންއޭ ވެކްސިން ތައްޔާރުކޮށްފައިވަނީ ކޮންމެ ބަލި މީހަކަށް ތަފާތުކޮށް އޭނާގެ ޖެނެޓިކްސް މޭކަޕްއާ ގުޅޭ ގޮތަށެވެ. އެގޮތުން ނިއު ޔޯކްގެ މެމޯރިއަލް ސްލޯން ކެޓަރިން ކެންސާ ސެންޓަރުން ފަރުވާ ހޯދި ޕެންކްރިއެޓިކް ކެންސަރު ޖެހިފައިވާ 16 މީހެއްގެ ސާމްޕަލް ނަގައި ޖަރުމަނަށް ފޮނުވި އެވެ.
ޖަރުމަނުގައި ބައޯންޓިކްގެ ސައިންސްވެރިންގެ ޓީމަކުން މި ސާމްޕަލްތަކުގައިވާ ކެންސަރު ސެލްތަކުގައިވާ ޕްރޮޓީންސްތައް އެނަލައިޒްކުރި އެވެ. މި ޓީމަކީ ފައިޒާއާ ގުޅިގެން ކޯވިޑް-19ގެ ވެކްސިން ތައްޔާރުކުރި ޓީމެވެ.
ކޯވިޑް ވެކްސިންތައް ފަދައިން މި ވެކްސިން ތައްޔާރުކުރުމުގައި ވެސް އެމީހުން ބޭނުންކުރީ ހަމަ އެ މެތަޑް އެވެ. އާރްއެންއޭ މެސެންޖާ އިން ބަލިމީހާގެ ދިފާއީ ނިޒާމަށް ކެންސަރު ސެލްތައް ހަލާކުކޮށްލަން އިރުޝާދު ދީގެންނެވެ. ނަމަވެސް މި ދެ ވައްތަރުގެ ވެކްސިންގައި ހުރި އެންމެ ބޮޑު ތަފާތަކީ ކެންސަރު ވެކްސިން ތައްޔާރުކޮށްފައިވަނީ ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑަށް ހެޔޮވަރުވާނެ ގޮތްތައް ބަލައިގެން އޭނާއަށް ޚާއްސަކޮށް ކަމަށް ވުމެވެ.
ބަލިޖެހިފައިވާ 16 މީހުންގެ ތެރެއިން އަށް މީހަކު މުޅިން ފަސޭހަވުމަކީ މި ވެކްސިންގެ އުންމީދު އާލާވި ނަތީޖާއެކެވެ. އަދި މީގެ ތެރެއިން އެކަކުގެ ފުރަމޭ (ލިވާ)ގައި އިން ކެންސަރު ޓިއުމަރެއް ވެސް ވެކްސިން ދިން ފަހުން އަމިއްލައަށް ފަނާވެ ނެތި ގޮސްފައި ވުމީ ސައިންސްވެރިންގެ އުންމީދު އިތުރަށް އާވި ކަމަކަށް ވަނީ ވެފަ އެވެ.
މި ހުރިހާ މީހުންނަށް ވެސް ކީމޯތެރަޕީ އާއި އެނޫންވެސް ކެންސަރަށް ދޭ ބޭސްތައް ދީފައިވުމާއެކު ވެކްސިންގެ އަސަރު އެމީހުންނަށް ކުރީ ކިހާ މިންވަރަކަށް ކަމެއް ސައިންސްވެރިންނަކަށް ވެސް އަދި ނޭނގެ އެވެ. އަދި މިފަހަރު ވެކްސިން ދިން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް އަހަރެއްހާދުވަސް ފަހުން އަލުން ކެންސަރު އެނބުރި އައިސްފައިވެ އެވެ.
މިވަގުތު އަދި ކިތަންމެ ގިނަ ހުރަސްތަކެއް ހުރި ނަމަވެސް ކޮންމެ ބަލި މީހަކަށް ހާއްސަކޮށް ތައްޔާރުކުރާ ވެކްސިން އަކީ ކުރިމަގުގައި ކެންސަރުގެ ފަރުވާއަށް އަށް އެންމެ ރަނގަޅު ހައްލުކަމުގައި ސައިންސްވެރިން ގަބޫލު ކުރެ އެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ޕެންކްރިއެޓިކް ކެންސާ ސްޕެޝަލިސްޓް ޑރ. ނީހާ ޒައިދީ ވިދާޅުވި ގޮތުގައި ކޮންމެ ބަލި މީހަކަށް ހާއްސަކޮށް ވެކްސިން އުފެއްދުމަކީ ވަރަށް އަގުބޮޑު ކަމެކެވެ. މިއީ މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.